ޚަބަރު

ބިދޭސީން އެއްވެ އުޅޭ ސަރަހައްދުތައް އިމިގްރޭޝަނުން މޮނިޓަރ ކުރަން ފަށައިފި


  • މި ހަރަކާތް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމަވާފައި

  • ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ ޓާސްކުފޯހުން ފިޔަވަޅު އަޅާނެ

ބިދޭސީންގެ މައްސަލަ ގާތުން ބެލުމަށް ބިދޭސީން އެއްވެ އުޅޭ އާންމު ސަރަހައްދުތައް އިމިގްރޭޝަންގެ އޮފިސަރުން މޮނިޓަރ ކުރަން ފަށައިފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ފަހަކަށް އައިސް އާއްމު މަސްލަހަތު ގެއްލޭފަދަ ކަންކަން ހިންގަމުންދާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.

އެހެންކަމުން އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން މިސަރަހައްދުތައް މޮނިޓަރކުރަން ފަށާފައިކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި އާއްމު މަސްލަހަތަށް ނުރައްކާވާފަދަ އަމަލުތައް ތަކުރާރުވިއަ ނުދިނުމަށްޓަކައި މިހަރަކާތް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ބިދޭސީން އެއްވެ އުޅޭ އާންމު ސަރަހައްދުތައް މޮނިޓަރ ކުރަމުންދާއިރު ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ ޓާސްކުފޯހުން އެފަދަ ބިދޭސީންނާ މެދު ފިޔަވަޅު އަޅުއްވާނެކަމަށެވެ.

ބިދޭސީން ހަރަކާތްތެރިވާ ތަންތަން މޮނިޓަރ ކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށްޓަވާފައިވާއިރު ދާދިފަހުން ވަނީ އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް މެދުގައި ހިނގި ހަމަނުޖެހުމެއް މާރާމާރީއަކަށް ބަދަލުވެ އެމަންޒަރު ވީޑިއޯކުރި ދިވެއްސަކަށް ހަމަލާދިން މައްސަލައެއްވެސް ފެންމަތި ވެފައެވެ.

އެމައްސަލައިގައި ހަމަނުޖެހުން ހިންގި އިންޑިއާގެ މީހަކު އިމިގްރޭޝަނުން ވަނީ ޑީޕޯޓުކޮށްލާފައެވެ. އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، މިފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދޭނެކަމަށް އިމިގްރޭޝަނުންވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މުޅިރާއްޖޭގައި އަންނަނީ އޮޕަރޭޝަން ކުރަނގީގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއްވެސް ހިންގަމުންނެވެ. މިއޮޕަރޭޝަންގެ ދަށުން މިހާތަނަށް ފަންސަވީސްހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ނަގާފައިވާކަމަށް ދާޚިލީ ސަލަމާތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.