ޚަބަރު

އެންމެ ފަހުގެ ޗެމްޕިއަން ސިނާ ފައިނަލަށް


މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސްގެ ފައިނަލުގެ ޖާގައެއް އިޓަލީގެ ޔަނިކް ސިނާ ހޯދައިފިއެވެ.

ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި އަދި އެންމެ ފަހުގެ ޗެމްޕިއަން ސިނާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އެމެރިކާގެ ބެން ޝެލްޓަންއާ ދެކޮޅަށް ކުޅުނު މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ސިނާ ގެންގޮސްފައިވަނީ ހަތެއް ހައެއް, ހައެއް ދޭއް އަދި ހައެއް ދޭއްގެ ނަތީޖާއަކުންނެވެ.

އުމުރުން 23 އަހަރުގެ ސިނާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދުމާއެކު އޭނާއަށް ވަނީ 93-1992 ވަނަ އަހަރު ޖިމް ކޫރިއާ އަށްފަހު ޖެހިޖެހިގެން އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި ކުޅޭ އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ލިބިފައެވެ. އަދި މި މުބާރާތް ސިނާ ކާމިޔާބު ކޮށްފިނަމަ އޭނާ ވެގެންދާނީ ގްރޭންޑް ސްލޭމް ސިންގަލްސް ތިން މުބާރާތް ކާމިޔާބުކުރާ އިޓަލީގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ސިނާއާ ދެކޮޅަށް ސެމީ ފައިނަލުގައި ކުޅުނު ޝެލްޓަން ވަނީ މީގެ ކުރިން ފަސް ފަހަރެއްގެ މަތިން އޭނާއާ ދެކޮޅަށް ކުޅެފައެވެ. އޭގެ ތެރެއިން ހަތަރު މެޗުން ސިނާ މޮޅުވެފައިވާއިރު، ޝެލްޓަން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސިނާ ބުނެފައިވަނީ ޓެނިސް ކޯޓުން ބޭރުގައި ގިނަ ކަންތައްތަކެއް ހިނގަމުންދާ ކަމަށާއި، އެހެންކަމުން އޭނާ ބަލަނީ ވީހާވެސް ބޮޑަށް އެކަންތައްތަކާއި ދުރުގައި އުޅެވޭތޯ ކަމަށެވެ.

މިދިޔަ އަހަރު ހެދި ދެ ޑްރަގު ޓެސްޓަކުން ސިނާ ޕޮޒިޓިވް ވެފައިވާއިރު، އޭނާއަށް މާ ބޮޑު ފިޔަވަޅެއް ނާޅައި، އެ މައްސަލަ މިނިވަން ޓްރައިބިއުނަލްއަކުން ނިންމާލާފައިވާއިރު، ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އިން ވަނީ އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ހުށައަޅާފައެވެ. އަދި ކާސް އިން ވަނީ އެ މައްސަލައިގެ އަޑުއެހުންތަކެއް އަންނަ އެޕްރީލު މަހު ބޭއްވުމަށް ތާވަލުކޮށްފައެވެ.

އަދި މި މައްސަލައާ ގުޅިގެން ސިނާއާ މެދު ކަންތައް ކޮށްފައިވަނީ ހަމަހަމަ އުސޫލަކުން ނޫން ކަމަށް ބުނެ ބައެއް ކުޅުންތެރިން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް އެ ވާހަކަ ދެއްކި ކުޅުންތެރިއަކީ ސާބިއާގެ ނޯވަކް ޖޮކޮވިޗްއެވެ.