އަމީނީ މަގުގައި މަރާމާތުކުރަމުންދާ ސަރަޙައްދު މިފަހަރު ހުޅުވާލާނީ ތާރު އަޅާ، ތާރު ރަނގަޅަށް ހިކުމުންކަމަށް އާރްޑީސީން ވިދާޅުވެއްޖެއެވެ. އަމީނީ މަގުގެ ސްޓޭޑިއަމް ސަރަޙައްދު އެހާ އަަވަހަށް ހަލާކުވީ، ތާރު އަޅާ، ތާރު ހިއްކަން އެކަށީގެންވާ ވަގުތު ދީފައި ނުވުމުންކަމަށް ޓެކްނިކަލް ފަރާތްތަކުން ފާހަގަކުރެއެވެ.
އަމީނީ މަގުގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ ތާރުގަނޑު ވަރަށް ބޮޑަށް އަޑިގުޑަންގެ ހަލާކުވުމުގެ ސަބަބުން، އެ ސަރަޙައްދު މަރާމާތުކުރުމުގެ މަސައްކަތް ފެށީ މިމަހުގެ 11 ވަނަ ދުވަހުއެވެ.
އެ ސަރަޙައްދަކީ އަމީނީ މަގު ތަރައްޤީކުރުމުގެ 13 ސެގްމަންޓްގެ ތެރެއިން 11 އަދި 12 ވަނަ ސެގްމަންޓް ހިމެނޭ ސަރަޙައްދެވެ. އެ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް ކުރީ 2023 ވަނަ އަހަރުގެސެޕްޓެމްބަރު މަހުއެވެ.
ބިނާރާ ބެހޭ ވުޒާރާއިން ހަވާލުކޮށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިން މަރާމަތުކުރުމުގެ މަސައްކަތް ކުރަމުންދަނީ އަމީނީމަގުން އިރުން ހުޅަންގަށް ދުއްވާ ލޭނުގެ، މާފަންނު ސްޓޭޑިއަމް ސަރަޙައްދެވެ. އެ ސަރަޙައްދުގެ މަގު އެހާ އަވަހަށް ހަލާކުވެފައިވަނީ، ތާރު އެޅުމަށްފަހު ތާރު ހިއްކުމަށް ދޭންޖެގޭ އެކަށީގެންވާ މުއްދަތު ނުދީ އާއްމު ދަތުރުތަކަށް ހުޅުވާލުމުންކަމަށް ޓެކްނިކަލް ފަރާތްތަކުން ފާހަގަކުރެއެވެ.
އަމީނީމަގު މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ތާރު އަޅާފައިވާ ހިސާބަށް ގެއްލުންވެފައި ވުމުގެ ސަބަބުން އެ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ އޭބީސީ ފަށަލަ ޓެސްޓް ކުރުމުގެ މަސައްކަތް.#TeamRDC pic.twitter.com/FyBsQ69xuN
— Road Development Corporation Ltd (@rdcmaldives) January 23, 2025
އަމީނީ މަގު ހަލާކުވެ އަޑިގުޑަންވެފައިވާ ސަރަޙައްދުގައި ދުއްވުމަށް ދަތިކަމުގެ ޝަކުވާ އާއްމުންވެސް ފާހަގަކުރެއެވެ.
އާރްޑީސީން ވިދާޅުވީ މަގު ހެދުމަށް ކުރަމުންދާ މަސައްކަތުގައި، ތާރުގެ ކުރިން އަޅާ އޭބީސީ ލޭޔަރ އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި އެ ކޮންކްރީޓް ފަށާލަ ޓެސްޓުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އާރްޑީސީން ވިދާޅުވީ ތާރު އެޅުމުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް މިފަހަރު މަގު ހުޅުވާލާނީ، ތާރު އެޅުމަށް ފަހު، ތާރު ހިއްކުމަށް އެކަށީގެންވާ ވަގުތު ދީފައިކަމަށް އާރްޑީސީން ފާހަގަކުރެއެވެ. އެހެން ނޫންނަމަ، އަނެއްކާވެސް މަގު އަވަހަށް ހަލާކުވާނެކަމަށެވެ.
ސަރުކާރުން 84.4 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދިޔަ، އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފަވެއެވެ. އަމީނީ މަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.