ދިވެހި ކުޅުންތެރިންގެ ޝަކުވާ އަބަދުވެސް އަޑު އިވޭ ކަމަށާއި، ކުޅުންތެރިން މަސައްކަތް ކުރަމުންދަނީ އުންމީދެއް އޮވެގެންކަމަށް ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް އަށް ދިން އިންޓަވިއުއެއްގަ ރާފިއު ވިދާޅުވީ އަމަލީގޮތުން ކުރަމުންދާ މަސައްކަތް ކުޅުންތެރިންނާ ހަމަޔަށް ވާސިލުވާ ހިސާބުން އޭގެ އެންމެ ފުރިހަމަ ނަތީޖާ ފެންނާކަމަށެވެ.
ހުރި މައްސަލަތަށް ހައްލުވެގެންދާއިރު އެއީ ވަރަށް ތަފާތު އިހުސާސެއް ކަމަށާއި އެކަންކަން ހައްލުވެގެންދާތަށް ވަރަށް ދެކެން ބޭނުންވާ ކަމަށް ރާފިއު ވިދާޅުވިއެވެ. ވަރަށް ގިނަ ކަންކަމަށް ހައްލު ހޯދިއްޖެކަމަށާއި، އެސޯސިއޭޝަންތަކާއި އެކު މަޝްވަރާކުރެވި ހުރި ގިނަ މައްސަލަތަށް މިހާތަނަށް ރަނގަޅުކޮއްފަވާނެ ކަމަށް ރާފިއު ވިދާޅުވިއެވެ.
" ވަކި ކުޅިވަރެއް ކުޅެން، އިންޑޯއެއް ނެތުން، އެކަހަލަ ކަމެއްވެއްޖިއްޔާ ވާރޭވެހިގެން ޓޯނަމެންޓް ޑިލޭވެގެން، އެކަހަލަ ވަރަށް ބައިވަރު ކަންތައްތަކާ އަޚުގަނޑުމެން މިދިޔަ އަހަރު ފޭސްކުރަން ޖަހެނު." ރާފިއު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ މުބާރާތްތައް ކުރިޔަށްދާއިރު މެޑިކަލް ރޫމެއް ކުރިން ނުހަންނަ ކަމަށާއި އެކަން ހައްލުވެގެން މިހާރު ދިޔުމުން ކުޅުންތެރިން އެތައް ގޮތަކުން ފައްސޭހަވެގެން ދިޔަކަމަށް ރާފިއު ވިދާޅުވިއެވެ. ކުރިން ނުލިބޭ ހިދުމަތްތަކާއި މިހާރު ލިބެން ހުރި ހިދުމަތްތައް އަޅާކިޔުމުން ކުޅުންތެރިންނަށް ކޮންފިޑެންސް އިތުރުވެގެންދާނެކަމަށް ރާފިއު ވިދާޅުވިއެވެ.
މިހާރު ކުރެވިފަ ހުރިކަންކަމުގެ އިތުރަށް ވަރަށް ގިނަ ކަންކަން މިހާރުވެސް ކުރެވެމުންދާ ކަމަށާއި މި ދައުރުގެ ތެރޭގައި ކުޅުންތެރިންނާއި އަދި ކުޅިވަރުގެ ތަރައްގީއަށް ވަރަށް ގިނަކަންކަން ކުރަން އެބަހުރިކަމަށް ރާފިއު ވިދާޅުވިއެވެ.