ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ބާސެލޯނާ އާއި ދެކޮޅަށް މިރޭ ނިކުންނާނީ މެޗުން މޮޅުވެ ގަދަ އަށެއްގައި ހިމެނި ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ކަމަށް އިޓަލީގެ އެޓްލާންޓާގެ ކޯޗު ޖިއާން ޕިއެރޯ ގެސްޕެރީނީ ބުނެފި އެވެ.
މި މެޗަށް ނިކުންނައިރުވެސް އެޓްލާންޓާ އޮތީ މި މުބާރާތުގައި މިހާތަނަށް ކުޅުނު 7 މެޗުން ލިބިފައިވާ 14 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނަ މަގާމުގަ އެވެ. އަދި ބާސެލޯނާއަށް 7 ޕޮއިންޓުން ލިބިފައިވާ 18 ޕޮއިންޓާއެކު އެ ޓީމަށް އޮތީ ދެވަނަ ބުރުގެ ސީދާ ޖާގައެއް ކަށަވަރުވެފަ އެވެ.
އެހެންކަމުން އެޓްލާންޓާ މި މެޗުން ބަލިވެއްޖެ ނަމަ އެހެން ޓީމުތަކުގެ ނަތީޖާއަށް ބަލާފަ އެ ޓީމަށް ގަދަ އަށެއްގެ ޖާގައެއް ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ.
ބާސެލޯނާގެ ދަނޑުގައި ކުޅޭ މި މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ގެސްޕެރީނީ ބުނެފައިވަނީ މި މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކުގައިވެސް އެޓްލާންޓާ އިން ރަގަޅު ނަތީޖާތަކެއް ހޯދާފައިވާ ކަމަށާއި އެހެން ކަމުން މިރޭގެ މެޗަށްވެސް ނިކުންނާނީ މި މެޗުންވެސް ރަގަޅު ނަތީޖާއެއް ހޯދުމުގެ އަޒުމުގައި މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުގެ ސީދާ ޖާގައެއް ހޯދުމަށް ކަމަށެވެ.
"މި މުބާރާތުގައި އަހަރުމެން ވާނީ ރަގަޅު ނަތީޖާތަކެއް ހޯދާފައި, އަދި އެއީ ކްލަބުން އުންމީދުކުރި ވަރަށްވުރެވެސް ރަގަޅު ނަތީޖާތަކެއް. އެހެންކަމުން މި މެޗަށް ނިކުންނާނީ މެޗުން މޮޅުވާން." ގެސްޕެރީނީ ބުންޏެވެ.
"އެޓްލާންޓާގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް އަލަށް މިރޭ ބާސެލޯނާ އާއި ދެކޮޅަށް މި ކްލަބް މި ނިކުންނަނީ. އެއީ ޔޫރަޕްގައިވެސް އޮތް އެންމެ މޮޅު އެއް ކްލަބް. ބާސެލޯނާއަކީ ރީތި ފުޓްބޯޅަ ކުޅޭ ކްލަބަކަށް ވާއިރު މި މެޗަކީ ރީތި މޮޅު މެޗަކަށް ވާނެކަމަށް އަހަރެން އުންމީދު ކުރަން." ގެސްޕެރީނީ އިތުރަށް ބުންޏެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު މުޅިން އައު ފޯމެޓަކަށް މި ފަހަރު ކުރިއަށް ގެންދާއިރު ޖުމްލަ 36 ޓީމު ވާދަކުރާ މި މުބާރާތުގެ ފުރަތަމަ ބުރުގައި ކޮންމެ ޓީމެއް 8 މެޗު ކުޅުމަށްފަހު ގަދަ އަށް ޓީމަށް މުބާރާތުގެ ދެވަނަ ބުރުގެ ސީދާ ޖާގައެއް ލިބިގެންދާނެ އެވެ. އަދި 9-24 އަށް ދާ ޓީމުތަކަށް ޖެހޭނީ ދެ ލެގްގެ ޕްލޭއޮފް މެޗެއް ކުޅުމަށެވެ.
ސެރިއާގައިވެސް މި ސީޒަނުގައި ރަގަޅު ނަތީޖާތަކެއް ހޯދަމުންދާ އެޓްލާންޓާ އިން ތިންވަނައިގައި އޮތް އިރު މި ފަހަރުގެ ލީގަށް ވާދަކުރާ ޓީމުތަކުގެ ތެރޭގައި އެޓްލާންޓާ ހިމެނެއެވެ.