ޚަބަރު

ޗައިނާގެ އައު އަހަރާއެކު ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަވާނެ: ރައީސް


  • ޗައިނާއި ރާއްޖެ ދެމެދު ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރެވިފައި

  • ޗައިނާއަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީގައި ގިނަ އެހީތަކެއް ވެދީފައިވާ ޤައުމެއް

ރާއްޖެއާއި ޗައިނާ ދެމެދު އޮތީ ބަދަހި ގުޅުމެއް ކަމަށާއި ޗައިނާގެ މިފެށޭ އައު އަހަރާއެކު، މިގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޗައިނާގެ އައު އަހަރާ ދިމާކޮށް އެ ޤައުމުގެ ރައީސަށް ތަހުނިއްޔާ ފޮނުއްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިޕޯސްޓުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ޗައިނާގެ އައު އަހަރުގެ ތަހުނިއްޔާވަނީ ފޮނުއްވާފައެވެ. އަދި މިއަހަރަކީ ޗައިނާގެ ރައްޔިތުންނަށް އުފާވެރިކަމާއި ފާގަތިކަން ލިބިގެންދާނެ އަހަރެއް ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އެކުވެރި ބަދަހި ގުޅުން ފާހަގަކުރައްވާ ދެ ޤައުމުގެ މިގުޅުން ބިނާވަނީ އިޙްތިރާމާއި ދެ ޤައުމު ދެކެން ބޭނުންވާ ކަންކަމުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިފެށޭ އައު އަހަރާއެކު މިގުޅުން އިތުރަށް ބަދަހިވެ ދެ ޤައުމަށްވެސް އިތުރު ފައިދާތަކެއް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޗައިނާއަކީ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެކެވެ. އެގޮތުން ދިވެހި ރާއްޖެއާއެކު ޤައުމަކުން ސޮއިކުރި ފުރަތަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޗައިނާއާއެކުއެވެ. މިއާއެކު ޗައިނާއިން ރާއްޖެއަށް ގިނަ ދާއިރާތަކުން ފަންނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު، ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށްވެސް ބޮޑެތި އެހީތައް އެ ޤައުމުން ވަނީ ވެފައެވެ. އެގޮތުން ސިނަމާލެ ބްރިޖް މަޝްރޫޢާއި ވެލާނާ އެއަޕޯޓުގެ މަޝްރޫޢަކީ ފާހަގަކޮށްލެވޭ މުހިންމު މަޝްރޫޢުތަކެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ޒިޔާރަތުގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ދެ ޤައުމުގެ ދެމެދުގައި ވަނީ އެއްބަސްވުމުގައި ސޮއިކުރެވިފައެވެ. މިއާއެކު ދެ ޤައުމު ދެމެދުގައި އޮންނަ ގުޅުން ވަނީ "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް" އަކަށް ބަދަލުވެފައެވެ.