ޚަބަރު

މެންބަރުންގެ އަދަދު ހަމަނުކުރެވުމުން އެމްއާރުއެމް އުވާލައިފި


  • މީގެ ކުރިންވެސް އެމްއާރުއެމް އުވާލަން ނިންމި

  • އެމްއާރުއެެމް އުވާލީ މެންބަރުން ހަމަކުރަން ދިން މުއްދަތުގައި މެންބަރުން ހަމަނުވާތީ

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދި މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމް އުވާލައިފިއެވެ.

އެ ޕާޓީ އުވާލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން، އީސީން ވަނީ އިއުލާންކުރައްވާފައެވެ.އެމްއާރުއެމް އުވާލުމަށް ނިންމާފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުންވާ މެންބަރުންގެ އަދަދު އެމްއާރުއެމަށް ހަމަވެފައިނުވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ސިޔާސީ ޕާޓީގެ ޤާނޫނުގެ 30ވަނަ މާއްދާގެ (ހ)ގެ ދަށުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދެމިއޮތުމަށް އެ ޕާޓީއެއްގައި 3000 މެންބަރުން ހަމަވާންޖެހެއެވެ. ނަމަވެސް އެ އަދަދު ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެމްއާރުއެމްއަށް ދިން މުއްދަތުގައި އެ އަދަދަށް ޕާޓީއަށް މެންބަރުން ހަމަނުކުރެވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ނިމުނުއިރު އެމްއާރުއެމްގެ ދަފްތަރުގައި ތިބީ 1،867 މެންބަރުންނެވެ. އެއީ އެންމެ މަދު މެންބަރުން ރަޖިސްޓްރީކޮށްފައިވާ ޕާޓީއެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިންވެސް އެމްއާރުއެމް އުވާލުމަށް ނިންމިއެވެ. ނަމަވެސް އެމްއާރުއެމުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ އެމްއާރުއެމް އުވާލުމަށް އިލެކްޝަނުން ނިންމީ ޤާނޫނާއި ޚިލާފަށްކަމަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނިންމަވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އުނައިސް މީގެ ކުރިން ވިދާޅުވީ އެމްއާރުއެމް އުވާލުމަށް އެ ކޮމިޝަނުން އަނެއްކާވެސް ނިންމެވީ ސިވިލް ކޯޓުގެ ހުކުމަށްފަހުވެސް މެންބަރުން ހަމަކުރަންޖެހޭ މުއްދަތުގައި މެންބަރުން ހަމަނުވާތީކަމަށެވެ.

އެމްއާރުއެމް އުވާލާފައިވާއިރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމް އުވާލުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެ ޕާޓީ އުވާލުމަށް ނިންމާފައިވާއިރު މިދިޔަ އަހަރު ނިމުނުއިރު އެ ޕާޓީއަކީ ރާއްޖޭގައި 10،000 މެންބަރުން ހަމަވާ 4 ސިޔާސީ ޕާޓީގެ ތެރެއިން އެއް ޕާޓީއެވެ. އެ ޕާޓީގެ ދަފްތަރުގައި 12،174 މެންބަރުން އެބަތިއްބެވެ.