ރައްޔިތުން އެދޭ ކަންކަން ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އެމަނިކުފާނު އެގޮތުގައި ހުންނަވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ވިދާޅުވެއްޖެއެވެ. މެންބަރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުން، ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެއްވުމަށް އެމަނިކުފާނު އިސްކަންދެއްވާކަން ހާމަވާކަމަށެވެ. އެގޮތުން، ރާއްޖޭގެ އިޖުތިމާޢީ ފޭރާން ރަނގަޅުކުރުމަށް ޒަމާންތަކެއް ވަންދެން ހައްލު ނުލިބި ހުރި ކަންކަން ހައްލުކުރައްވަމުން ގެންދަވާކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން، ބޭއަދަބީ ސައިޓުތައް މަނާކުރުމާއި ވޭޕު މަނާކުރުމަކީ ފާހަގަކުރެވޭ މުހިންމު ފިޔަވަޅުތަކެއްކަން އަލީ މޫސާ ފާހަގަކުރެއްވިއެވެ.
މެންބަރު އަލީ މޫސާ ވިދާޅުވީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިގްތިޞާދު އޮތީ ވަރަށް ނިކަމެތި ހާލަތަކަށް ވެއްޓިފައި ކަމަށާއި ނަމަވެސް ފައިސާ ޗާޕުނުކޮށް އެމަނިކުފާނު ގެންދަވަނީ އިގްތިޞާދު ކުރިއަރުވަމުން ކަމަށެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފޮރިން އެކްސްޗޭންޖް ޤާނޫނެއް ފާސްކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ދަތިތަކާއެކުވެސް ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހޯރަފުއްޓަށް ގިނަ ކަންކަން ކޮށްދެއްވާފައިވާ ކަމަށާއި މަޑުޖެހިފައިވާ މަޝްރޫއުތައްވެސް ސަރުކާރުން ކުރިއަށްގެންދަވާ ކަމަށް މެންބަރު އަލީ މޫސާ ވިދާޅުވިއެވެ. އަދި ކުރީގެ ސަރުކާރުތަކުން ހޯރަފުށީ ދާއިރާގައި އިގްތިޞާދީ ހަރަކާތްތައް ހިންގާފައި ނެތުމުން އާބާދީގެ ބޮޑުބައެއް އެހެން ރަށްތަކަށް ބަދަލުވާން ޖެހިފައިވާ ކަމަށްވެސް އަލީ މޫސާ ވިދާޅުވިއެވެ.
"މި ތިން ރަށުގައި ދިރިއުޅެމުންދަނީ އާބާދީގެ ވަރަށް ކުޑަ ޕަސެންޓެއް. 60 ޕަސެންޓް ދިރިއުޅެމުންދަނީ ރަށުން ބޭރުގައި. މިކަން ކުރަން މަޖުބޫރުވެފައި މިވަނީ ވޭތުވެދިޔަ ސަރުކާރުތަކުން އިގްތިސާދީ ހަރަކާތެއް މިތާ ނުހިންގުމުގެ ސަބަބުން. ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެފައި ނެތުމުގެ ސަބަބުން. އިހަވަންދިއްޕޮޅުގައި ޖުމްލަ 14 ފަޅުރަށް އޮންނައިރު ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ތަރައްޤީކުރެވިފައިވަނީ އެންމެ ރިސޯޓެއް" ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ވިދާޅުވިއެވެ.
މެންބަރު އަލީ މޫސާ ވަނީ ހިންގަމުންމިދާ ދައުރުގެ ތެރޭގައި ހޯރަފުށީ ދާއިރާގައި އިގްތިޞާދީ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި އެމަނިކުފާނު މިހާރުވެސް ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވަމުންދާ ކަމަށާއި ކުރިއަށްއޮތްތަނުގައިވެސް އެކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ވިދާޅުވިއެވެ.