ޚަބަރު

ބަލިވިނަމަވެސް ފުރަތަމަ ބުރުގެ އެއްވަނަ ލިވަޕޫލަށް


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ނެދަލޭންޑްސްގެ ޕީއެސްވީ އެއިންދޯވެން އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުން 3-2 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިވި ނަމަވެސް ފުރަތަމަ ބުރުގެ އެއްވަނަ މަގާމް އެ ޓީމަށް ލިބިއްޖެ އެވެ.

ލިވަޕޫލް މި މެޗުން ބަލިވި ނަމަވެސް ފުރަތަމަ ބުރުގައި ކުޅުނު އަށް މެޗުން އެ ޓީމަށް ވަނީ 21 ޕޮއިންޓް ލިބިފަ އެވެ. އަދި ދެވަނައިގައި އޮތް ބާސެލޯނާ ކުޅުނު މެޗު އެއްވަރުވުމާއެކު ލިވަޕޫލަށް ވަނީ އެއްވަނަ މަގާމު ކަށަވަރުވެފަ އެވެ. ލިވަޕޫލް އަތުން މޮޅުވި ޕީއެސްވީއަށް އަށް މެޗުން ލިބިފައިވާ 14 ޕޮއިންޓާއެކު އެ ޓީމަށް ޖެހޭނީ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ޕްލޭއޮފް މެޗެއް ކުޅުމަށެވެ.

ޕީއެސްވީގެ ޕިލިޕްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ފަސް ލަނޑުވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ.

އެގޮތުން މެޗުގެ 28 ވަނަ މިނިޓުގައި ލިވަޕޫލަށް ލިބުނު ޕެނަލްޓީ އަކުން ކޯޑީ ގެކްޕޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް އޭގެ ހަތް މިނިޓު ފަހުން ޕީއެސްވީ ގެ ޖޮހާން ބަކަޔޯކޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުގެ 40 ވަނަ މިނިޓުގައި ހާވޭ އެލިއޮޓް އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް ލިވަޕޫލަށް ލީޑު ނަގައިދިން ނަމަވެސް ފުރަތަމަ ހާފުގެ ފަހު މިނިޓުގައި އިސްމާއިލް ސައިބާރީ ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ޕިއެސްވީ އިން މި މެޗުން މޮޅުވި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ރިކާޑޯ ޕޭޕީ އެވެ.

ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގައި ލިވަޕޫލް ކުޅުނު ފުރަތަމަ ހަތް މެޗުން މޮޅުވެ މި މެޗަށް ނިކުތްއިރުވެސް ދެވަނަ ބުރުގެ ސީދާ ޖާގައެއް ކަށަވަރުވެފައިވާ ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ވަނީ އެ ޓީމުގެ މުހިންމު ގިނަ ކުޅުންތެރިންނަށް އަރާމު ކުރަން ފުރުސަތު ދިނުމުގެ ގޮތުން މި މެޗުގައި ބޭނުން ނުކޮށެވެ.

އެގޮތުން އެ ޓީމުގެ މުހިންމު ކުޅުންތެރިން ކަމުގައިވާ މުހައްމަދު ސަލާ, ވަރޖިލް ވެންޑައިކް އަދި ޓްރެންޓް އެލެކްޒެންޑަރ އާނޯލްޑް މި މެޗުގައި ބޭނުންކޮށްފަ އެއް ނުވެއެވެ. އަދި މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައިވާ ޖޭޑަން ޑެންސް ވެފައިވަނީ ޔޫރަޕްގެ ފުޓްބޯޅަ މުބާރާތުގެ މެޗެއްގައި ލިވަޕޫލްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައިވާ އެންމެ ޒުވާން ކުޅުންތެރިޔާއަށް ވެފަ އެވެ. ރޭގެ މެޗު ކުޅުނުއިރު އޭނާގެ އުމުރަކީ 19 އަހަރާއި 13 ދުވަހެވެ.

މި މެޗުގެ 87 ވަނަ މިނިޓުގައި ރެފްރީ ވަނީ ލިވަޕޫލްގެ އަމާރާ ނާލޯ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.