ރާއްޖޭގައި ބޭނުންކުރާ ކަނދުފަތީގެ ޑިޒައިންއަށް ގެންނަ ބަދަލާއިއެކު ދުރުގައި ތިބެގެން ކަނދުފަތީގައި މަސް ހުރިކަން ނުވަތަ ނެތްކަން އިނގޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ބޭނުންކުރާ ކަނދުފަތީގެ ޑިޒައިނަށް ބަދަލުގެނައުމުގެ މަސައްކަތް މަސްވެރިކަމާބެހޭ ވުޒާރާއިން މިހާރު ވަނީ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން، އެފްއޭއޯއާއި ގުޅިގެން ފަށާފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގައި މިވަގުތު ބޭނުންކުރާ ކަނދުފަތިތަކަކީ 40 އަހަރު ކުރީގެ ޑިޒައިނެއްކަމަށެވެ. ރާއްޖެއިން މިހާރު މި ޓެކްނޮލޮޖީ ބަދަލުކުރަން ޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި އަޅާފައިވާ ކަނދުފައްޗަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އޮއިވަރު ބަދަލުވެ މޫސުމަށް އަންނަ ބަދަލުތަކާއިއެކު ކަނދުފަތި އަވަހަށް ކަނޑައިގެން ދިއުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. ކަނދުފަތިތައް ކަނޑައިގެން ދިއުމަށް ހައްލެއް ގެންނަންޖެހިފައިވާކަށާއި ކަނދުފައްޗަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
"ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގައި އަޅުގަނޑުމެންނަށް މި ފެންނަނީ ކަނދުފަތިތަކުގައި މަސް އަޅާ މިންވަރު މާދުރުގައި ތިބެގެން އެބަ ބަލާލެވޭ. މިހާރު އަޅުގަނޑުމެންގެ ހަރުކުރެވިފައިވާ ކަނދުފަތިތަކުގައި އެފަދަ ޓެކްނޮލޮޖީއެއް ނެތް. ކަނދުފަތިދަށައް އައީމަ މި އިނގެނީ ކަނދުފަތީގައި މަސް ހުރިއްޔާ ހުރިކަން ނުވަތަ ނެތިއްޔާ ނެތްކަން. އެހެންނަމަވެސް ކުރިން މި ދެންނެވިހެން ޒަމާނާއި އެކީގައި އީޖާދު މިކުރެވޭ ބައެއް ކަހަލަ އީޖާދުތަކާއި އެކީގައި އަޅުގަނޑުމެންނަށް އެބަފެނޭ ބައެއް ކަހަލަ ކަނދުފަތިތައް ބައެއް ޤައުމުތަކުގައި ބޭނުންކުރާތަން އެ ކަނދުފަތިތަކުގައި މަސް ހުރެއްޖިއްޔާ މަސް ހުންނަކަން މަސް ހުންނަ ސައިޒަށް ދަންދެން އިނގޭތޯ. އެ އަމާޒަށް އަޅުގަނޑުމެން މިހާރު މަސައްކަތް މިކުރަނީ". ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، އެފްއޭއޯގެ އެހީތެރިކަމާއިއެކު ކަނދުފަތީގެ ޑިޒައިންއަށް މިހާރު ބަދަލުގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. މި ބަދަލާއިއެކުވެސް މަސްވެރިންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މިފަދަ ޒަމާނީ ޓެކްނޮލޮޖީ ގެނެވިއްޖެނަމަ ތެލަށް ހޭދަކުރާ މިންވަރުވެސް ކުޑަކުރެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ކަނދުފައްޗަކީ މަސްވެރިން ވަރަށް ބޮޑަށް ބަރޯސާވާ އާލާތަކަށްވާއިރު، ކަނދުފައްޗެއް ކަނޑައިގެން ދިއުމުން އޭގެ އުނދަގޫ މަސްވެރިންނަށް ވަރަށް ބޮޑަށް ކުރާކަމަށް ވަޒީރު ވިދާޅުވިއެވެ. މިވަގުތު ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައެވެ. އެއީ ދޮށީގެ މަސްވެރިކަމަށް އަޅާފައިވާ 65 ކަނދުފައްޗާއި ސްޕޯރޓްސް ފިޝިންއަށް އާޅާފައިވާ 26 ކަނދުފައްޗެވެ.