ޚަބަރު

ރެކޯޑު އަދަދެއް، ފުރަތަމަ ފަހަރަށް ޖަނަވަރީ މަހެއްގައި 2 ލައްކަ ފަތުރުވެރިން


  • މިއީ މިދިޔަ 2 އަހަރާއި އަޅާބަލާއިރު އިތުރު އަދަދެއް

  • އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %11 އިތުރު އަދަދެކެވެ.

ޖަނަވަރީ މަހު 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު މިއީ ރެކޯޑު އަދަދެކެވެ. މީގެކުރިން ޖަނަވަރީ މަހެއްގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ މިދިޔަ އަހަރުއެވެ. އެގޮތުން މިދިޔަ އަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް ވަނީ ޖުމްލަ 192,385 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ ފުރަތަމަ 29 ދުވަހު ރާއްޖެއަށް 200،241 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 180،239 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %11 އިތުރުވުމެކެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އައި 5 ޤައުމު

* ޗައިނާ – 31،388 ފަތުރުވެރިން
* ރަޝިއާ – 20،902 ފަތުރުވެރިން
* އިޓަލީވިލާތް – 19،042 ފަތުރުވެރިން
* އިނގިރޭސިވިލާތް – 17،714 ފަތުރުވެރިން
* ޖަރުމަނުވިލާތް – 11،697 ފަތުރުވެރިން

މި މުއްދަތުގެ ތެރޭގައި ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން %69.7 މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ 130،000 އަށްވުރެ ގިނަ ފަތުރުވެރިންނެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. އެއީ 49،000 އަށްވުރެ ގިނަ ފަތުރުވެރިންނެވެ. ތަފާސްހިސްބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު ދުވާލެއްގެ މައްޗަށް 8900 އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް ވަނީ 2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2.2 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.