މިހާރު ދިރިއުޅޭ ރަށް ދޫކޮށް އެހެން ރަށަކަށް ހިޖުރަކުރުމާމެދު މީހުން ދެކޭ ގޮތް ހޯދުމަށް ސަރވޭއެއް ހެދުމަށް ނިންމަވާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ ސިޓީތަކާ ބެހޭ ވުޒާރާގެ 5 އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭނާއި 2025 ވަނަ އަހަރުގެ އަހަރީ ޕްލޭން އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މުހިންމު މަސައްކަތްތަކެއްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދުދެއްވާފައިވާ ކަމަށެވެ. އެގޮތުން ރައީސް ހަވާލުކުރައްވާފައިވާ އެއް މަސައްކަތަކީ ދިރިއުޅޭ ރަށް ދޫކޮށް އެހެން ރަށަކަށް ހިޖުރަކުރުމާމެދު ދެކޭ ގޮތް ހޯދުމަށް ސަރވޭއެއް ހެދުމުގެ މަސައްކަތްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރައީސްގެ އިރުޝާދުފުޅާ އެއްގޮތަށް އެ ސަރވޭގެ މަސައްކަތް ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެވުޒާރާއިން މަސައްކަތްކުރަމުންދަނީ ރައީސްގެ ވަޢުދުތައް ހާސިލުވާނެ ގޮތަށް ކަމަށެވެ.
"ރައީސް އޮފީހާ ވާހަކަދައްކައިގެން ހުރިހާ ވުޒާރާއަކާއި ކައުންސިލްތައް ގުޅުވާލަދޭނެ ނިޒާމެއްގެ ތެރެއިން މަސައްކަތްކުރަމުންއައީ. 5 އަހަރު ދުވަހުގެ ޕްލޭނަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާއި ޢާންމު މަސައްކަތްތައް ފަތުރާލުމަށް ސަރުކާރުގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭ ކަންކަން." ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ސިޓީތަކާ ބެހޭ ވުޒާރާގެ 5 އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭނާއި 2025 ވަނަ އަހަރުގެ އަހަރީ ޕްލޭން އިފްތިތާޙުކޮށްދެއްވީ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.
ސްޓްރެޓީޖިކް ޕްލޭންތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ މި ޕްލޭންތަކުގައި ހިމެނޭ ބައެއް ކަންކަން ހާސިލުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އެގޮތުން 55 ކައުންސިލް އިމާރާތް އެޅުމުގެ މަޝްރޫޢުގެ ދަށުން 12 އިމާރާތެއްގެ ބިންގާ އަޅާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިމަޝްރޫޢުގެ ތެރެއިން އެންމެ ފުރަތަމަ ޢަމަލީ މަސައްކަތް ފެށޭނީ ރ އަތޮޅާއި ހއ އަތޮޅުގައި އަޅަންޖެހޭ ކައުންސިލް އިމާރާތްތަކުގެ މަސައްކަތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ކައުންސިލް އިދާރާތައް އިމާރާތްކުރުމުގެ މަސައްކަތްތަކަށް ޚާއްސަ އިސްކަމެއް ދޭނަން. އެކަމަށްޓަކައި ޕްރޮޖެކްޓް ޑިޕާޓްމަންޓެއް ހަދައިގެން މަސައްކަތްކުރަމުންދަނީ." ވަޒީރު ވިދާޅުވިއެވެ.
ނިމުނު 2024 ވަނަ އަހަރު ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، އިދާރީ ދާއިރާތަކުގެ ހިންގުން ރަނގަޅުކުރުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ދިރާސާއެއް ހަދާ، ޕަބްލިކް ވަރކްސް ޔުނިޓުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ކޮށްފައިވާ މަސައްކަތް ފާހަގަކޮށްލެވެއެވެ.