ޚަބަރު

ޟަޔިފާއި ޢީސާ ޝަހީދު ކޮށްލާފައިވާ ކަން ޙަމާސުން ކަށަވަރު ކޮށްދީފި


ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ހަތިޔާރު އެޅި ގޮފީގެ ވެރިޔާ މުޙައްމަދު ޟަޔިފާއި އޭނާގެ ނައިބު މަރްވާން ޢީސާ ޝަހީދު ކޮށްލާފައިވާ ކަން އެ ޖަމާޢަތުން ކަށަވަރު ކޮށްދީފިއެވެ. ޙަމާސްގެ ހަތިޔާރު އެޅި ގޮފި، ޢިއްޒުއްދީން އަލް-ޤައްސާމް ލަޝްކަރުން މި ކަން ކަށަވަރު ކޮށްދީފައި މި ވަނީ، ޟަޔިފާއި ޢީސާ ޝަހީދު ކޮށްލާފައިވާނެ ކަމުގައި ޔަހޫދީ ފައުޖުން ބުނިތާ ގިނަ މަސްތަކެއް ފަހުންނެވެ.

ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޖަމާޢަތް، ޙަމާސްގެ އިސް ކޮމާންޑަރުންތަކެއް ޝަހީދު ކޮށްލާފައި ވަނީ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގާފައިވާ ލާއިންސާނީ ޤަތުލުޢާންމުގެ ތެރެއިންނެވެ. ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. ޢުދުވާންތައް މެދުކަނޑައިލާފައި ވަނީ ޙަމާސާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި ސުލްޙައިގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ޔަހޫދީންގެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 47,460އަށް އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 111,580އަށް އަރައެވެ. ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން ހިންގާފައިވާ ޢުދުވާނުގައި ޣައްޒާގެ ޢާންމު ރައްޔިތުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް، ބިމާ ހަމަކޮށްލާފައެވެ. އެ އިމާރާތްތަކުގެ ދަށުގައި ޝަހީދު ކޮށްލާފައިވާ އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އިދާރާތަކުން ބުންޏެވެ.

ޔަހޫދީންގެ އަޅުވެތިކަމާ ދެކޮޅަށް ޟަޔިފް ކުރެއްވި މަތިވެރި ޖިހާދު

ޤައްސާމް ލަޝްކަރުގެ އިސް ކޮމާންޑަރު ޟަޔިފް ޝަހީދު ކޮށްލާފައިވާނެ ކަމުގައި ޔަހޫދީ ފައުޖުން ބުނެފައި ވަނީ ހުސްވި އަހަރުގެ އޮގަސްޓު މަހުއެވެ. ޔަހޫދީ ފައުޖުން ބުނީ، އޭނާ ޝަހީދު ކޮށްލާފައި ވަނީ ޖުލައި 13ވަނަ ދުވަހު ޣައްޒާގެ ދެކުނުގައި އޮތް ޚާން ޔޫނިސަށް ދިން ޙަމަލާތަކެއްގައި ކަމުގައެވެ. ޟަޔިފް ޝަހީދު ކޮށްލުމުގެ ނިޔަތުގައި ޔަހޫދީ ފައުޖުން ޚާން ޔޫނިސްގެ އަލް-މަވާސީއަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި 90އަށްވުރެ ގިނަ ޢާންމުން ޝަހީދު ކޮށްލިއެވެ.

އެއީ, ޔަހޫދީ ފައުޖުން ޟަޔިފް ޝަހީދު ކޮށްލަން މަސައްކަތް ކޮށްފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ ޝަހީދު ކޮށްލަން ޔަހޫދީ ފައުޖުން ހަތް ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައިވާއިރު, އޭގެ ކުރިން ޙަމަލާ ދީފައި ވަނީ 2021ވަނަ އަހަރުއެވެ. އޭނާއަކީ, ޔަހޫދީން ޝަހީދު ކޮށްލަން ބޭނުންވާ މުސްލިމުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތް އެއް ނަމެވެ.

ޢީސާއަކީ ޔަހޫދީންނަށް ކުރިމަތި 'ބިރުވެރި ހުވަފެނެއް' ފަދަ ބޭފުޅެއް

ޔަހޫދީ ފައުޖުން ބުނީ ޢީސާ ޝަހީދު ކޮށްލާފައި ވަނީ ހުސްވި އަހަރުގެ މާރިޗު މަހު ކަމުގައެވެ. 2023 އޮކްޓޫބަރު 7ގައި ޙަމާސްގެ މުޖާހިދުން ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް ދީފައިވާ ޖިހާދީ ޙަމަލާގެ އިސް މޭސްތިރިންނަކީ ޟަޔިފާއި ޢީސާ ކަމުގައި ޔަހޫދީން ޤަބޫލު ކުރެއެވެ. އެ ދެ މީހުން ޝަހީދު ކޮށްލުމަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ވެސް މައިގަނޑު އަމާޒެކެވެ.

ޢީސާ އުފަންވީ 1965 ވަނަ އަހަރުއެވެ. ޔަހޫދީން ޝަހީދު ކޮށްލަން ބޭނުން ޙަމާސްގެ އިސް ކޮމާންޑަރުން ލިސްޓުގެ އެންމެ ކުރީގައި ޢީސާގެ ނަން އޮވެއެވެ. އޭނާ ޝަހީދު ކޮށްލަން ޔަހޫދީން އެތަކެއް ފަހަރެއް މަތިން މަސައްކަތް ކޮށްފައިވެއެވެ. މި ގޮތުން, 2006 ވަނަ އަހަރު ޔަހޫދީ ފައުޖުން ދިން ޙަމަލާއެއްގައި އޭނާއަށް އަނިޔާވިއެވެ. ޙަމާސްގެ އަސްކަރީ ގޮފި ބާރުވެރި ކުރުވަން ޢީސާ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. މީގެ ތެރޭގައި, ރޮކެޓް އުފެއްދުން ފަދަ މަސައްކަތްތައް ހިމެނެއެވެ.

2014 ވަނަ އަހަރާއި 2021 ވަނަ އަހަރު ވެސް ޔަހޫދީ ފައުޖުން ވަނީ ޢީސާ ދިރިއުޅޭ ގެޔަށް ބޮން އަޅާފައެވެ. 2021 ވަނަ އަހަރު ދިން ޙަމަލާގައި ޔަހޫދީ ފައުޖުން ވަނީ ޢީސާގެ ބޭބެ ޝަހީދު ކޮށްލާފައެވެ. އަދި, ޔަހޫދީން ވަނީ ޢީސާގެ ފިރިހެން ދަރިފުޅު ވެސް ޝަހީދު ކޮށްލާފައެވެ. އޭނާ ޝަހީދު ކޮށްލާފައި ވަނީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު ދިން ރަޙުމު ކުޑަ ވައިގެ ޙަމަލާއެއްގައެވެ. 1987 ވަނަ އަހަރު ޔަހޫދީ ފައުޖުން ޢީސާ ހައްޔަރުކޮށް, ޖަލަށް ލާފައިވެއެވެ. އޭނާ, ޔަހޫދީންގެ ޖަލުގައި, ޔަހޫދީންގެ އަނިޔާވެރި ކަމުގެ ދަށުގައި ފަސް އަހަރު ހޭދަ ކުރިއެވެ.