ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަނެ ޤައުމަށް އުޖާލާ މާދަމާއެއް ހޯދަދިނުމަކީ އެންމެ އިސް ޤައުމީ ވާޖިބު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޝަހީދުންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ޝަހީދުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަވައި ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހީންގެ މިނިވަންކަމުގެ ޙައްގުގައި ޖިހާދު ކުރި ބަޠަލުންނާއި ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަނެ، މި ވަޠަނަށް އުޖާލާ މާދަމާއެއް ހޯދައިދިނުމަށް ހިތްމަތް ކުރުމަކީ އަޅުގަނޑުމެންގެ އެންމެ އިސް ޤައުމީ ވާޖިބު ކަމަށެވެ.
— Dr Mohamed Muizzu (@MMuizzu) January 31, 2025
ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އެމަނިކުފާނުގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފުވެސް ވަނީ ޝަހީދުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޝަހީދުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާ ކަމަށާއި މިލޮބުވެތި ޤައުމުގެ ދިފާއުގައި ޝަހީދުވި އަބްޠާލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުމަށް ދުޢާ ކުރައްވާ ކަމަށެވެ.
ޝަހީދުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރަން. މިލޮބުވެތި ޤައުމުގެ ދިފާއުގައި ޝަހީދުވި އަބްޠާލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި. ޢާމީން pic.twitter.com/5IP6JBHbMT
— Hussain Mohamed Latheef (@HucenSembe) January 31, 2025
ރާއްޖޭގައި ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހި ޤައުމާއި މިނިވަންކަން ދިފާޢުކޮށް މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤުގައި ހަނގުރާމަކުރައްވާ ޝަހީދުވެވަޑައިގެންނެވި ހިތްވަރުގަދަ ދިވެހި ބަޠަލް އައްސުލްޠާން ޢަލީ 6 ވަނަ ސިރީ އައުދަ ސިޔާކަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ ޢަލީރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށް ނިސްބަތްކޮށެވެ.
މިއީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިންގެ މިނިވަންކަމުގެ ދިފާޢުގައި ޖިހާދުވެވަޑައިގެންނެވި ޤައުމީ ބަޠަލުންގެ ޛިކުރާ އާކުރުމުގެ މަޤްޞަދުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ.
ރާއްޖޭގައި ޝަހީދުންގެ ދުވަސް ފުރަތަމަ ފާހަގަކުރަން ފެށީ ހިޖުރައިން 1400 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 1 ވަނަ ދުވަހުއެވެ. އެއީ މީލާދީން 14 ޖޫން 1980 ގައެވެ.