ޚަބަރު

އަމިއްލަ ބޯހިޔާވަހިކަމަށް އެދިއެދި ތިބި އާއިލާތަކަށް ތަސައްލީއެއް!


  • 57 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމަށް ކޮންޓްރެކްޓަރުން ހޯދަން ވަނީ އިއުލާނުކޮށްފަ

  • 12000 އަށްވުރެ ގިނަ ހައުސިން ޔުނިޓް ހިމެނޭ

2025 ވަނަ އަހަރު ވެގެންދާނީ ބޯހިޔާވަހިކަމުގެ ރަން ޒަމާނަށް ދިވެހިން ގެންގޮސްދިނުމަށް މަސައްކަތް ފަށާ އަހަރުކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ތަކުރާރުކުރައްވަމުންދާއިރު، އެކަމުގައި ޢަމަލީ ސިފަ ޖެހެމުންދާތައް މިވަނީ ފެންނަން ފަށާފައެވެ.

އެމަނިކުފާނު ޤަބޫލުކުރައްވަނީ ބޮޑެތި އިޖުތިމާޢީ ހުރިހާ މައްސަލައެއްހެން ގޮސް ގުޅޭ ބޮޑު މައްސަލައަކީ ގެދޮރުވެރިކަމާ ބޯހިޔާވަކަންކަމުގައެވެ. މި އަހަރުގެ ބަޖެޓުގައި މަޝްރޫޢުތައް ކަނޑައެޅުއްވިއިރު ޢުމްރާނީ ތަރައްޤީގައި އެންމެ ބޮޑެތި މަސައްކަތްތަކެއް ކުރެއްވުމަށް ކަނޑައަޅުއްވާފަވަނީ ހަމަ މި ދާއިރާއިންނެވެ.

މިކަމުން ފެނިގެންދަނީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވާ، އަމާން ދިރިއުޅުމަކަށް ދިވެހިން ގެންގޮސްދިނުމުގައި އެމަނިކުފާނުގެ ތަޞައްވުރެވެ. މިއަހަރަށް ކަނޑައެޅި ދަޢުލަތުގެ ބަޖެތުގައި ބޯހިޔާވަހިކަމުގެ ދާއިރާއިން 2.8 ބިލިޔަން ކަނޑައަޅާފަވާއިރު، 1.8 ބިލިޔަން ރުފިޔާ ޚާއްސަކުރާނީ ބޯހިޔާވަހިކަމުގެ ދާއިރާގެ ޢުމްރާނީ މަސައްކަތްތަކަށެވެ.

އަމިއްލަ ބޯހިޔާވަހިކަމެއް ބޭނުންވެފަތިބި ރައްޔިތުންނަށް އުއްމީދު!

އަހަރުގެ ފުރަތަމަ މަސް ނިންމާލީ، ބޯހިޔާވަހިކަމަށް ބޭނުންވެފަވާ 57 ރަށެއްގެ ރައްޔިތުންނަށް އުއްމީދުން ފުރިގެންވާ މަސައްކަތަކާއެކުއެވެ. އަތޮޅުތަކަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކޮންޓްރެކްޓަރުން ހޯދުމަށް މިވަނީ އިޢުލާނުކޮށްފައެވެ.

4 ކެޓަގަރީއަކަށް ބަހާލައިގެން، ކޮންޓެރެކްޓަރުން ހޯދުމަށް ވަނީ އިޢުލާނުކޮށްފައެވެ. އެއީ 50 ހައުސިން ޔުނިޓާ ހަމައަށް ޔުނިޓް ތަރައްޤީކުރާ ރަށްތަށް، 51-150 ހައުސިން ޔުނިޓް އަދި 200-250 އާ ދެމެދުގެ ހައުސިން ޔުނިޓްތަކާއި، 300 އަށްވުރެ ގިނަ ހައުސިން ޔުނިޓް ތަރައްޤީކުރާ މަޝްރޫޢުތަކެވެ.

މީގެތެރެއިން 50 އަށްވުރެ ދަށުން ހައުސިން ޔުނިޓްތައް އަޅާ 18 ރަށެއް ހިމެނެއެވެ. އަދި 51 އާއި 150 ދެމެދުގެ އަދަދަކަށް ހައުސިން ޔުނިޓްތައް ތަރައްޤީކުރަނީ 17 ރަށެއްގައެވެ. 200-250 އާ ދެމެދުގެ އަދަދަކަށް ހައުސިން ޔުނިޓްތައް ތަރައްޤީ ކުރަނީ 10 ރަށް އަދި 300 އަށްވުރެ ގިނައިން ހައުސިން ޔުނިޓްތައް ތަރައްޤީ ކުރަނީ 12 ރަށެއް ހިމެނެއެވެ.

50 އަށްވުރެ މަދުން ހައުސިން ޔުނިޓް ތަރައްޤީކުރާ ރަށްތަކުގައި އެ މަސައްކަތަށް ހުށައެޅޭނީ ދިވެހި ކުންފުނިތަކަށް އެކަންޏެވެ. ދެން ހިމެނޭ މަޝްރޫޢުތަކަށް ދިވެހި ކުންފުނިތައް އަދި ބޭރުކުންފުނިތަކަށްވެސް ހުށައެޅޭނެއެވެ.

ޖުމްލަކޮށް ބަލާއިރު މިއީ 12000 އަށްވުރެ ގިނަ ހައުސިން ޔުނިޓެވެ. މަޝްރޫޢު ފަރުމާކޮށްފަވަނީ އެ ރަށްރަށުގެ އާބާދީއަށް ބެލުމަށްފަހު، އެ ރަށްތަކަށް ބޯހިޔާވަހިކަމަށް ބޭނުންވާ އަދަދުތަކަށް ބެލުމަށްފަހުގައެވެ. މި މަޝްރޫޢުތައް ވެގެން މިދަނީ ބޯހިޔާވަހިކަމުގެ ދަތިކަން އޮތް ރަށްތަކާއި އަމިއްލަ ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަން ނެތް މީހުންނަށް އަދި މާލީ ތަނަވަސްކަން ނެތުމުގެ ސަބުބުން އަމިއްލަ ބޯހިޔާވަހިކަމެއް ލިބިފަ ނެތް އެތަށް ރައްޔިތުންނާ އާއިލާތަކަށް ތަސައްލީއެއް ގެނެސްދޭނެ މަސައްކަތަކަށެވެ.

މި ޕްރޮޖެކްޓްތަކަށް ފަހިކުރުމަށް މިއަހަރު ގިނަ ރަށްތަކެއްގެ ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.

ބޯހިޔާޥަހިކަމުގައި ރައީސްގެ ދުރު ރާސްތާ ތަޞައްވުރެއް!

މީގެއިތުރުން ސަރުކާރުން މިހާރުވެސް އޮތީ، އަމިއްލައަށް ގެދޮރު ބިނާކުރުމުގެ މާލީ ތަނަވަސްކަން ނެތް މީހުންނަށް ޚާއްސަކޮށް މާލީގޮތުން ލުއި ފައިނޭންޝަލް ފެސިލިޓީއަކަށްވެސް ހުޅުވާލާފައެވެ. އިސްލާމިކް ފައިނޭންސްގެ ތެރެއިން ދޫކުރާ މި ފެސިލިޓީ ދޫކުރަނީ %5ގެ ޕްރޮފިޓް މާޖިންގައެވެ. މިއީ 1 ބިލިޔަން ރުފިޔާގެ ސްކީމެވެ.

މި ސްކީމްގައި މުޅިން އަލަށް ގެދޮރު އަޅާ މީހުންނާ، ގެދޮރު އަޅަން ފަށާ ނުނިމި ހުރި މަސައްކަތްތަކާއި ގޯތި އިމާރާތް މަރާމާތުކުރުމާ ގުޅޭ މަސައްކަތްތަކަށްވެސް މާލީ އެހީއަށް ހުށައެޅޭނެއެވެ. ސްކީމްގައި ބައިވެރިވުމުގެ ފުރުޞަތު 8 އޭޕްރިލްއާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

މީގެއިތުރުން މާލެ ސަރަޙައްދަށް އެމަނިކުފާނު ވެވަޑައިގެންވާ ވަޢުދާ އެއްގޮތަށް، ރަސްމާލެ ހިއްކާ ތަރައްޤީކުރުމުގެ މަސައްކަތާ، ގުޅިފަޅުގެ ތަރައްޤީއާއި ގުޅޭ މަސައްކަތްތަވެސް ބާރު ސްޕީޑުގައި ދަނީ ކުރިއަށްގެންދަމުންނެވެ. ރަސްމާލެ މަޝްރޫޢުއިން އެކަނިވެސް 37000 ގެދޮރުގެ ޔަގީންކަން ލިބޭނެއެވެ.

ރައީސްގެ ތަޞައްވުރަކީ ހަމައެކަނި މި 5 އަހަރުގެ ތަޞައްވުރެއް ނޫނެވެ. ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތްތައް މިހާރު ފަށައިގެން ކުރިއަށްދާއިރު، އެ މަސައްކަތުގެ ތެރެއިންވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ޚާއްސަ އިސްކަމެއް ދީގެން ރިޢާޔަތްކުރެއެވެ. އެމަނިކުފާނުގެ ތަޞައްވުރަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް، ދިވެހި ރައްޔިތުންނަށް ހޯދައިދިނުމެވެ.