އީރާނުގެ ނިޔުކްލިޔަރ ކާރުޚާނާތަކަށް ދޭ އެއްވެސް ޙަމަލާއެއްގެ ރައްދު ފުރިހަމައަށްދޭނެ ކަމަށާއި އޭގެ ސަބަބުން މުޅި ސަރަޙައްދުގައި ހަނގުރާމަ ފެށޭނެކަމުގެ އިންޒާރު، އީރާނުގެ ޚާރިޖީ ވަޒީރު ދެއްވައިފިއެވެ.
ޔަހޫދީ ދަޢުލަތަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާއިން އީރާނުގެ ނިޔުކްލިޔަރ ކާރުޚާނާތަކަށް އަމާޒުކޮށް ޙަމަލާތައް ދިނުމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވިދާޅުވި ގޮތުގައި، އެފަދަ ކަމެއް ކުރުމަކީ "އެމެރިކާގެ ތާރީޚްގައި ހެދޭނެ އެންމެ ބޮޑު ގޯސް" ކަމަށެވެ.
އެމެރިކާގެ ރައީސްކަމަށް ދެވަނަ ދައުރަކަށް ވަޑައިގެން، ޔަހޫދީ ދަޢުލަތުގެ ވެރިޔާ ބެންޖަމިން ނަތަންޔޫހާ އާ ގުޅިގެން، އީރާނުގެ ނިޔުކްލިޔަރ ޤާބިލުކަން އިތުރުކުރަން ކުރާ މަސައްކަތްތައް ހުއްޓުވަން އުޅެފާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
އެއާ އެކު، އެމެރިކާ އާ އެކު މަޝްވަރާގެ މޭޒު ދޮށަށް ގޮސް، އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ހޯދަން ބޭނުންވާ ކަމުގެ އަޑުތައް ދަނީ އިވެމުންނެވެ.
އަރަޤްޗީ ވިދާޅުވި ގޮތުގައި، ދެ ޤައުމުގެ ދެމެދުގައި އިތުބާރު އުފެއްދުމުގެ ގޮތުން، އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ ފައިސާތަކާއި ހަރުމުދާތައް ދޫކޮށްލުން މުޙިންމެވެ.
"އީރާނުގެ ހަރުމުދާތަކާއި ފައިސާ އެކި ހިސާބުތަކުގައި ފްރީޒްކޮށްފައި ވަނީ އެމެރިކާއިން ކުރިން ވެފައިވާ ވަޢުދާ ޚިލާފަށް. އަޅުގަނޑުމެންގެ މެދުގައި އިތުބާރު އަނބުރާ ގެނައުމަށް މިކަންކަން ކުރެވިދާނެ" އޭނާ ވިދާޅުވިއެވެ.
ޓްރަމްޕްގެ ފުރަތަމަ ވެރިކަމުގައި، ބާރުގަދަ އެހެން ޤައުމުތަކާއެކު އީރާނުން ހަދާފައިވާ ނިޔުކްލިޔަރ އެއްބަސްވުމާ ޚިލާފުވެވަޑައިގެން، އީރާނަށް ކުރާ ޕްރެޝަރު މަތިކުރުމުގެ ގޮތުން 2018 ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅައިފައެވެ.
އޭގެ ރައްދުގައި، އީރާނުން ވަނީ ނިޔުކްލިޔަރ ހަކަތަ އުފައްދަން ބޭނުންވާ ޔުރޭނިޔަމް މުއްސަނދިކުރުމުގެ ދުވެލި އެތައް ގުނައެއް އަވަސްކޮށްފައެވެ.
ދެވަނަ ދައުރަކަށް ވަޑައިގެންނެވުމުގެ ކުރިން ވެސް، ޓްރަމްޕް ވަނީ، ފުރަތަމަ ވެރިކަމުގައި ގެންގުޅުއްވި ހަރުކަށި ސިޔާސަތު އަލުން އިޔާދަކޮށް، އީރާނުގެ ނިޔުކްލިޔަރ ޕްރޮގްރާމް ހުއްޓުވާނެ ކަމަށް ވިދާޅުވެފައެވެ.