މ. ވީނަސްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެގޭގައި ދިރިއުޅުނު ޢާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.
އެންޑީއެމްއޭއިން ވިދާޅުވީ، މި ހާދިސާއާއި ގުޅިގެން އެގޭގައި ދިރިއުޅުނު 3 މީހުންނަށް 5 ދުވަހަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާކަމަށެވެ. އަދި އެގޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކޮށްފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.
މި ހާދިސާގައި އަލިފާން ރޯވި އެޕާޓްމަންޓްގެ ބަދިގެ ވަރަށް ބޮޑަށް އަދާފައިވާކަމަށާއި، ސިޓިންގް ރޫމަށްވެސް ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައިވުމުން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.
މ. ވީނަސްގޭގެ 7 ވަނަ ފަންގިފިލާގައި އަލިފާން ރޯވެގެން ރިޕޯޓްކޮށްފައިވަނީ އިއްޔެ މެންދުރު 13:38 ހާއިރުއެވެ. މި ޙާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.