ޚަބަރު

އިންޑިއާއިން ރާއްޖެއަށް ދޭ އެހީގެ ޢަދަދު %50 އިތުރުކުރަނީ


  • 1.06 ބިލިޔަން ރުފިޔާގެ އެހީއެއް ދޭން ވަނީ ބަޖެޓުކޮށްފައި

  • އިންޑިއާގެ މާލީ އަހަރު ފެށެނީ އެޕްރީލް 1 ވަނަ ދުވަހު

އިންޑިއާއިން ރާއްޖޭގެ ފޯރުކޮށްދޭ އެހީ، ހިންގަމުންދާ މާލީ އަހަރަށް ވުރެ ފަންސާސް އިންސައްތަ އިތުރުކޮށް، އެ ޤައުމުގެ ސަރުކާރުން ކުރިއަށް އޮތް މާލީ އަހަރަށް ބަޖެޓު ހުށަހަޅައިފިއެވެ. އިންޑިއާގެ މާލީ އައު އަހަރު ފެށޭނީ އޭޕްރީލް މަހުއެވެ.

ކުރިއަށް އޮތް މާލީ އަހަރަށް ލަފާ ކުރާ ބަޖެޓު ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ވަނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް މިހާރު ހުށަހަޅާފައެވެ. އެޤައުމުގެ ބަޖެޓު ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

އިންޑިއާގެ މާލީ އަހަރު އެޕްރީލް 1 ވަނަ ދުވަހު ފެށޭއިރު، މިއަހަރު ބަޖެޓުގައި ބޭރު ޤައުމުތަކަށް ދޭން ނިންމާފައިވާ އެހީތައްވެސް އެހެން އަހަރުތަކެކޭ އެއްގޮތަށް ވަނީ ހިމަނާފައެވެ. އިންޑިއާ ޚާރިޖީ ވުޒާރާއަށް ލަފާކޮށްފައިވާ ބަޖެޓުގެ ތަފްސީލުތަކަށް ބަލާއިރު، މިއަހަރު އެންމެ ބޮޑު އެހީއެއް ދޭން ނިންމާފައިވަނީ ކުރިއެކޭ އެއްގޮތަށް ބޫޓާނަށެވެ.

އިންޑިއާގެ އައު އަހަރުގެ ބަޖެޓުގައި ރާއްޖެއަށް އެހީ ދިނުމަށް ހިމަނާފައިވަނީ 600 ކުރޯޑް ރުޕީސްއެވެ. މިއީ ގާތްގަނޑަކަށް 1.06 ބިލިޔަން ރުފިޔާއެވެ. އެޤައުމުން މިދިޔަ މާލީ އަހަރަށް ރާއްޖެއަށް ދިނުމަށް ކަނޑައަޅާފައިވަނީ 400 ކުރޯޑް ރުޕީސްއެވެ. މިއީ ގާތްގަނޑަކަށް 710 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރު ބަޖެޓުގައި 200 ކްރޯޑު ރުޕީސް ނުވަތަ 355 މިލިޔަން ރުފިޔާ އިތުރަށް ދިނުމަށް ވަނީ ހިމަނާފައެވެ.

އިންޑިއާގެ ބަޖެޓުގައި މިދިޔަ އަހަރު 400 ކްރޯޑު ރުޕީސް ދޭން ހުށަހެޅިނަމަވެސް، އެ އައަދަދު ވަނީ 470 ކްރޯޑަށް އިތުރުކޮށްފައެވެ. އެއާއެކު ހިންގަމުން މިދާ މާލީ އަހަރު 835 މިލިއަން ރުފިޔާގެ އެހީއެއް ދޭން ވަނީ ހިމަނާފައެވެ.

އިންޑިއާއަކީ ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދެއްމުން އަންނަ ޤައުމެކެވެ. އެގޮތުން އެ ޤައުމުގެ އެހީގައި ބައެއް ޢުމްރާނީ މަޝްރޫޢުތައް ހިންގާއިރު އޭގެތެރެއިން އެއް މަޝްރޫޢުއަކީ ތިލަމާލެ ބްރިޖެވެ. މީގެ އިތުރުން އެޤައުމުގެ އެހީގައި ގެދޮރުވެރިޔާ މަޝްރޫޢުގެ 4000 ފްލެޓުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.