ކުޅިވަރު

ފަހްރުއްޒަމާނުގެ އޯޕަނިން ޕާޓްނަރަކަށްވާނީ ކާކު؟


މި މަހުގެ 17 ވަނަ ދުވަހު ޕާކިސްތާނުގައި ފަށާ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތަށް ޕާކިސްތާން ޓީމު މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. އަށް ގައުމު ވާދަކުރާ މުބާރާތަށް އެންމެ ފަހުން ޓީމު އިއުލާނުކުރި ޓީމަކީ އެއީ އެވެ. ޕާކިސްތާނަށް މި މުބާރާތަކީ އެތައް ގޮތަކުން މުހިންމު މުބާރާތެވެ.

ފުރަތަމަ ކަމަކީ އެމީހުންނަކީ މުބާރާތުގެ އެންމެ ފަހުން ޗެމްޕިއަނުން ކަމަށްވުމެވެ. ތަށި ދިފާއު ކުރަން މި ނުކުންނަނީ މި ފަހަރު އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގަ އެވެ. އަނެއްކޮޅުން މިއީ ޕާކިސްތާނުގައި 1996ގެ ވޯލްޑްކަޕަށް ފަހު ބާއްވާ ކްރިކެޓްގެ ބައިނަލް އަގްވާމީ ފުރަތަމަ މުބާރާތެވެ. މިހެންވެ މިއީ ޕާކިސްތާނުގެ ކްރިކެޓްގެ ފެންވަރާއި ވަސީލަތްތަކުގެ ހިތްގައިމުކަމާއި އެމީހުންގެ ތަހުޒީބާއި ކުރިއެރުން ވެސް ދުނިޔެ އަށް ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. މި ހުރިހާ ސަބަބަކާހުރެ މި މުބާރާތް އެ ގައުމަށް ވަރަށް މުހިންމެވެ.

ގިނަ ބައެއްގެ ނަޒަރުގައި މުބާރާތުގެ ފެވަރިޓުންނަކީ ވެސް އެމީހުންނެވެ. ނަމަވެސް ޕާކިސްތާނުގެ ކުޅުންތެރިންނާއި ސަޕޯޓަރުންނާއި ފެޑަރޭޝަނަށް މިކަން ޔަގީން ކުރެވެން އޮތީ މުބާރާތުގެ ކުރިން ފަށާ ޓްރައި ނޭޝަންސް މުބާރާތުންނެވެ. ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މުހިންމު ބައެއް ކުޅުންތެރިންނަށް އަނިޔާވުމެވެ. އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ އޯޕަނިން ބެޓްސްމަން ސައިމް އަޔޫބެވެ. ޕާކިސްތާން ޓީމު އިއުލާނު ނުކޮށް ފަސްކުރީ ވެސް އޭނާ އަށް ކުޅެވޭތޯ ޔަގީންކުރަންވެގެންނެވެ. ނަމަވެސް އިނގިރޭސިވިލާތުގައި ފަރުވާދީގެން ވެސް އިތުބާރު ބެޓްސްމަނަށް މި މުބާރާތުގައި ނުކުޅެވޭނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ. އޭނާގެ އިތުރުން އަބްދުﷲ ޝާފިގީ އަށް ވެސް ނުކުޅެވޭނެ އެވެ. ހުރީ ފޯމު ކަޓާފަ އެވެ.

މިއާއެކު މިހާރު ޖަވާބު ނުހޯދިގެން އުޅޭ މައްސަލައަކީ ވެސް ފަށަން ނުކުންނާނެ ދެ ބެޓްސްމަނުންގެ މައްސަލަ އެވެ. އެކަމަށް މިހާރު ޔަގީން ކުރެވިފައިވަނީ އެންމެ ކުޅުންތެރިއެކެވެ. އެއީ ފަހުރުއްޒަމާނެވެ. އޭނާއާއެކު އިނިންގްސް ހުޅުވަން ކުޅުވާނީ ކާކުކަން އަދިވެސް ސެލެކްޓަރުންނަށް ޔަގީން ނުކުރެވެ އެވެ. މިހާރު ޝޯޓް ލިސްޓްކޮށްފައިވާ ދެ ކުޅުންތެރިންނަކީ ކުރީގެ ކެޕްޓަން ބާބަރް އަޒަމް އާއި ސައުދު ޝަކީލް އެވެ.

"ފަހުރުއްޒަމާން އަލުން ކުޅެން ނުކުތުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. އެކަމަކު އަހަރުމެންގެ ޓޮޕް އޯޑަރަށް ބަލާއިރު އަދި އެފަދަ އިތުރު ކުޅުންތެރިއަކު ބޭނުންވޭ. އޭނާ އަކީ ވަރަށް އެގްރެސިވް އަދި ވަރަށް ވިސްނުންތެރިކަމާއެކު މެޗުން މޮޅުކޮށްދިނުމުގެ ގާބިލްކަން ލިބިފައިވާ ކުޅުންތެރިއެއް،" ޕާކިސްތާން ޓީމުން ބުންޏެވެ.

އޭނާއާ އެކު ސައުދު ޝަކީލް ކުޅުވަން ވިސްނާއިރު ސައުދަކީ ޓެސްޓް ކްރިކެޓްގައި މޮޅަށް ކުޅުނަސް އެއް ދުވަހުގެ މެޗުތަކުގައި އެހާ މޮޅަށް ކުޅޭ ކުޅުންތެރިއެއްނޫނެވެ. އެކަމަކު އަމިއްލަ ގައުމުގައި ކުޅޭއިރު އޭނާގެ ތަޖުރިބާއަކީ މުހިންމު އެއްޗެއް ކަމަށް ޕާކިސްތާނުގެ ކޯޗުން ދަނީ ވިސްނަމުންނެވެ.

"ފަހްރުއްޒަމާނާއެކު އޯޕަނިން އަށް ނުކުންނާނީ ބާބަރް ނޫނީ ސައުދު ޝަކީލް. އެކަމަކު އެކަން ނިންމާނީ މެޗު ކޮންޑިޝަނާއި އިދިކޮޅު ޓީމާއި މެޗުގެ ހާލާތާއި މިކަންކަމަށް ވިސްނާފައި. އެ ދެ ކުޅުންތެރިންނަކީ ވެސް ވަރަށް ގާބިލް ދެ ކުޅުންތެރިން އިނިންގްސް ހުޅުވަން ކުޅެން،" ޕާކިސްތާން ޓީމުން ބުންޏެވެ.

މި މުބާރާތުގައި ޕާކިސްތާން ހިމެނެނީ ގްރޫޕް އޭ ގަ އެވެ. މި ގްރޫޕުގައި ހިމެނެނީ އިންޑިޔާ އާއި ބަނގްލަދޭޝް އާއި ނިއުޒީލޭންޑެވެ. މީގެ ތެރެއިން އިންޑިޔާގެ ހުރިހާ މެޗެއް ކުޅޭނީ ޑުބާއީގަ އެވެ. އެއީ ޕާކިސްތާނަށް އެ ގައުމުގެ ޓީމު ފޮނުވަން ސަރުކާރުން ބޭނުންނުވުމުންނެވެ. އެއީ ސިޔާސީ ސަބަބަކަށްޓަކައެވެ. މިއީ ވެސް މި މުބާރާތުން ފެންވަރު ދައްކާލަން ޕާކިސްތާން ބޭނުންވާ ސަބަބެކެވެ.