ދިވެހިންގެ އުފާވެރިކަން މިންކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާޙްކޮށްފިއެވެ. މިމަޝްރޫޢުގެ ދަށުން ފަރުދީ ފެންވަރުގައާއި ރަށްރަށުގެ އަދި ޤައުމީ ފެންވަރުގައި އުފާވެރިކަން ވަޒަންކުރެވޭނެ މިންގަނޑުތަކެއް ކަނޑައަޅާނެއެވެ.
މިމަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ސަލްޓަން ޕާކުގައި މިކަމަށްޓަކައި ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ. މިރަސްމިއްޔާތުގެ ތެރެއިން "އުފާވެރި ރާއްޖެ" ލޯގޯވެސްވަނީ އިފްތިތާހްކޮށްފައެވެ.
ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު ޚިދުމަތްތަކާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މިމަސައްކަތުގެ ދަށުން، އުފާވެރިކަން މިންކުރާނެ މިންގަނޑެއް އެކުލަވާލާނެއެވެ. މިމަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކުއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ޝަރީފް އުމަރު ވަނީ މިމަސައްކަތް ކުރުމަށް ރާއްވަވާފައިވާ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ވަޒީރު ވިދާޅުވީ ރަށްރަށުގެ އުފާވެރިކަން މިންކުރާއިރު އެކި ރަށްރަށުގެ ކަންކަން ބައްޓަންވެފައިވާ ގޮތް ތަފާތުކަމަށެވެ.
" އެހެންވީމަ ދެމެހެއްޓެނިވި ތަރައްޤީ މިންކުރުމުގައި އަޅުގަނޑުމެން ގެންގުޅެން ޖެހޭ މިންގަނޑުތައް އެބަ ތަފާތުވޭ. ބައެއް ރަށްތަކުގައި މަސްތުވާތަކެއްޗާއި އެހާ ބޮޑު ސަމާލުކަމެއް ނުދޭއިރު، އެކަމުގެ ހޭލުންތެރިކަން އިތުރުކުރަން މަސައްކަތް ކުރާ ރަށްތައް އެބަހުރި. އަޅުގަނޑުމެން ކަންކަން މިންކުރުމުގައި މި ހުރިހާ ތަފާތުތަކަށް ރިއާޔަތް ކުރަން ޖެހޭ " ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
މިހަފްލާގައިވަނީ މުޖްތަމަޢުގެ އެކި ފަރުދުން އުފާވެރިކަން މާނަކުރާ ގޮތްވެސް ހުށަހަޅާދީފައެވެ. އެގޮތުން އިސްރަށްވެހިންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އަންހެނުންނާއި ކިޔަވާ ކުދިންނާއި ޒުވާނުން އުފާވެރިކަން މާނަކޮށް އެކަމާއި މެދު ދެކޭގޮތް ވަނީ ހާމަކޮށްފައެވެ.
މިހަފްލާގެ ތެރެއިން މިކަމަށްޓަކައި ތައްޔާރުކޮށްފައިވާ ލަވައެއް ވަޒީރު އާދަމް ޝަރީފް އުމަރުވަނީ އިފްތިތާހްކޮށްދެއްވާފައެވެ. އަދި އުފާވެރިކަމުގެ މިންގަނޑު އެކުލަވާލުމުގެ މަސައްކަތް ކުރައްވާނެ ގޮތާއިމެދު އިސްލާމިކް ޔުނިވަރސިޓީންވަނީ މައުލޫމާތު ދެއްވާފައެވެ.
ދިވެހިންގެ އުފާވެރިކަމުގެ މިންގަނޑެއް ފުރަތަމަ ފަހަރަށް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާއިރު، ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލްވުމަށް އިޖްތިމާޢީ ގޮތުން ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންމެވެ.