ޚަބަރު

ރަޝްފޯޑް އެންމެ ފަހުން ޔުނައިޓެޑް ދޫކޮށް އެސްޓަން ވިލާއަށް


މެންޗެސްޓަރ ޔުނައިޓެޑުގެ ޓީމުން ފުރުސަތު ގެއްލިފައިވާ މާކަސް ރަޝްފޯޑް އެންމެ ފަހުން ލޯނެއްގެ ދަށުން އެސްޓަން ވިލާއަށް ސޮއިކޮށްފި އެވެ.

އުމުރުން 27 އަހަރުގެ ރަޝްފޯޑް އެސްޓަން ވިލާއަށް ދޫކޮށްފައިވަނީ މި ސީޒަނުގެ ނިޔަލަށެވެ. އަދި މި އެއްބަސްވުމުގައި ވާ ގޮތުން އެސްޓަން ވިލާއިން ބޭނުންވެއްޖެ ހާލަތެއްގައި އޭނާގެ ކޮންޓްރެކްޓުގެ ބާކީ އޮތްބައި ގަނެ ރަޝްފޯޑް އެކްލަބުގެ ދާއިމީ ކުޅުންތެރިއަކަށް ހެދުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ރަޝްފޯޑްގެ މުސާރައިގެ 75 އިން ސައްތަ ދޭނީ އެސްޓަން ވިލާއިންނެވެ. އަދި އެސްޓަން ވިލާއިން ލޯނު ފީގެ ގޮތުގައި އެއްވެސް އަދަދެއް މެންޗެސްޓަރ ޔުނައިޓެޑަށް ދީފައެއް ނުވެއެވެ.

އެސްޓަން ވިލާއަށް ބަދަލުވުމަށްފަހު ރަޝްފޯޑް އޭނާގެ އިންސްޓަގްރާމްގައި ބުނެފައިވަނީ މި ލޯނު އެއްބަސްވުން ފުރިހަމަ ވުމުން މެންޗެސްޓަރ ޔުނައިޓެޑްގެ އިތުރުން އެސްޓަން ވިލާއަށް ޝުކުރު އަދާކުރާ ކަމަށެވެ.

އަދި އޭނާއަށް ގިނަ ކްލަބްތަކަކުން ޝައުގުވެރިކަން ފާޅު ކުރިނަމަވެސް އެސްޓަން ވިލާއަށް ބަދަލުވުމަކީ ވަރަށް ފަސޭހަ ނިންމުމެއް ކަމަށެވެ. އަދި މި ސީޒަނުގައި އެ ކްލަބުން ދައްކަމުންދާ ކުޅުމަށްވެސް އޭނާ ވަނީ ތައުރީފުކޮށްފަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމާއި ޕޯޗުގަލްގެ ރުބެން އަމޮރިމް ހަވާލުވުމަށްފަހު ރަޝްފޯޑަށް ވަނީ އޭނާގެ ޓީމުން ފުރުސަތު ނުލިބިފަ އެވެ. އަދި އޭނާ އެންމެ ފަހުން ޔުނައިޓެޑަށް މެޗެއް ކުޅެދީފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ 12 ވަނަ ދުވަހު އެވެ.

އެރިކް ޓެންހާގް ވަކި ކުރުމަށްފަހު އަމޮރިމް އެ ޓީމާއި ހަވާލުވެ އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުގައި އިޕްސްވިޗް އާއި އެއްވަރުވެފައިވަނީ ރަޝްފޯޑް ޖެހި ލަނޑުންނެވެ. އަދި އެވަޓަން އަތުން ޑިސެމްބަރ މަހު 4-0 އިން މޮޅުވި މެޗުގައި ރަޝްފޯޑް ވަނީ 2 ލަނޑު ޖަހާފަ އެވެ.

ނަމަވެސް ލީގުގައި 15 ޑިސެމްބަރގައި މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުގެ ބެންޗުންވެސް ރަޝްފޯޑަށް އަމޮރިމް ފުރުސަތު ދީފައެއް ނުވެއެވެ. އަދި އޭގެ ދެ ދުވަސް ފަހުން ރަޝްފޯޑް ދިން އިންޓަވިއުއެއްގައި އޭނާ އެހެން ޗެލެންޖެއް ނަގަން ބޭނުންވާ ކަމަށް ބުނި ހިސާބުން އަމޮރިމް އާއި ރަޝްފޯޑް އާއި ދެމެދު ވަނީ މައްސަލަ އިތުރަށް ގޯސްވެފަ އެވެ.

ރަޝްފޯޑް އެސްޓަން ވިލާއަށް ބަދަލުވެފައިވާއިރު މި ސީޒަނުގައި އެސްޓަން ވިލާގައި މޮޅު ކުޅުމެއް ދެއްކި ކޮލަމްބިއާގެ ޖޯން ދުރާން ވަނީ އެ ކްލަބު ދޫކޮށް ސައުދި އަރަބިއްޔާގެ އަލް ނަސްރަށް ބަދަލުވެފަ އެވެ.