ލ. މާބައިދޫ ކައުންސިލް މެންބަރު ހަސަން ޒަރީރު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
ލ. މާބައިދޫ ފިނިފެންމާގޭ ޙަސަން ޒަރީރު ނިޔާވުމާ ގުޅިގެން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.
ވަޒީރު އަދާމް ޝަރީފު އުމަރު ކުރެއްވި ޕޯސްޓެއްގައި ކައުންސިލް މެންބަރު ޙަސަން ޒަރީރު ކުއްލިގޮތަކަށް ނިޔާވި ޚަބަރު އެހީ ހައިރާން ކަމާއި ފުން ހިތާމައާއެކު ކަމަށް ވިދާޅުވިއެވެ. އަދި ޢާއިލާއަށް ވަނީ ތަޢުޒިޔާ ދަންނަވާފައެވެ.
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Adam Shareef Umar (@Adamshareefz) February 4, 2025
ލ. މާބައިދޫ ކައުންސިލް މެންބަރު ޙަސަން ޒަރީރު ކުއްލިގޮތަކަށް ނިޔާވި ޚަބަރު އަޅުގަނޑު އެހީ ކުއްލި ޙައިރާންކަމަކާއި ފުން ހިތާމައާއި އެކުގައެވެ.
މި ހިތާމަވެރި ވަޤުތުގައި އާއިލާއަށް ކެތްތެރިކަމަށް އެދެމެވެ. މައްޔިތާގެ ފާފަ ފުއްސަވައި،… https://t.co/C5i0ZnLz76
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން، މައިބާދޫ ކައުންސިލުން ވިދާޅުވީ ކައުންސިލް މެންބަރު ޒަރީރު މިއަދު ކައުންސިލުގެ މަސައްކަތަށް ނިކުތް ކަމަށެވެ. އަދި މެންދުރުފަހު އޮތް ކައުންސިލް ބައްދަލުވުމެއްގައިވެސް ބައިވެރިވެވަޑައިގެންނެވިކަން ކައުންސިލުން ފާހަގަކުރެއެވެ.
އޭގެ ފަހުން ހަވީރުގެ ވަގުތެއްގައި މެޔައް ތަދެއް އަރައިގެން ސިއްޙީ ފަރުވާ ދިނުމަށް ގެންދިޔަ ކަމަށެވެ. އަދި ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ފަހު ނިޔާވި ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ކައުންސިލުން ވިދާޅުވެއެވެ. ޒަރީރު ނިޔާވިއިރު ސިއްޙީ ގޮތުން ބޮޑު މައްސަލައެއް ހުރި ކަމުގެ މަޢުލޫމާތު ލިބިފައި ނުވާކަމަށް މައިބާދޫ ކައުންސިލުން ވިދާޅުވިއެވެ.
ލ. މައިބާދޫ ކައުންސިލަކީ ކައުންސިލުގެ ރައީސް ހިމެނޭހެން 5 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. އެ ކައުންސިލުގެ މެންބަރު ކަމަށް ޒަރީރު އިންތިޙާބުވީ ޕީޕީއެމްގެ ޓިކެޓުގައެވެ.