ސްރީ ލަންކާގެ އޮޕެނިން ބެޓްސްމަން ދިމުތް ކަރުނަރަތްނެ ޓެސްޓް ކްރިކެޓުން ރިޓަޔާ ކުރަން ނިންމާފައިވާ ކަމަށް އޭނާ ބުނެފި އެވެ.
އޮސްޓްރޭލިއާ އާއި ދެކޮޅަށް މި ހަފްތާގައި ސްރީ ލަންކާގެ ގޯލް ގައި ކުޅޭ ދެވަނަ ޓެސްޓް މެޗަށްފަހު އޭނާ ޓެސްޓް ކްރިކެޓުން ރިޓަޔާ ކުރާނެކަން އިއުލާން ކޮށްފައިވާއިރު މި މެޗަކީ އޭނާގެ 100 ވަނަ ޓެސްޓް މެޗެވެ.
އުމުރުން 36 އަހަރުގެ ކަރުނަރަތްނެ ވަނީ މިހާތަނަށް އޭނާ ކުޅުނު 99 ޓެސްޓް މެޗުގައި ޖުމްލަ 7172 ރަން ހަދާފަ އެވެ. މިއީ ސްރީ ލަންކާގެ ޓެސްޓް ކްރިކެޓް ކުޅުންތެރިންގެ ތެރެއިން ހަތަރުވަނަ އަށް އެންމެ ގިނަ ލަނޑު ހަދާފައިވާ ކުޅުންތެރިޔާ އެވެ. އޭނާއަށްވުރެ ކުރީގައި އުޅޭ ކުޅުންތެރިންނަކީ އެންޖެލޯ މެތިއުސް އާއި އެފަދަ ދެވަނައެއް ނެތް ކުމާރު ސަންގަކަރަ އަދި މަހެލާ ޖަޔަވަރުދެނަ އެވެ.
އަންނަ އަހަރުގެ މެއި މަހުގެ ކުރިން އެންމެ ދެ ޓެސްޓް މެޗު ސްރީ ލަންކާއިން ކުޅެން ނިންމާފައިވާއިރު ކަރުނަރަތްނެ ބުނެފައިވަނީ މިއީ ޓެސްޓް ކްރިކެޓުން ދުރަށް ދާން އެންމެ ރަގަޅު ވަގުތު ކަމަށާއި އޭނާގެ ބަދަލުގައި އެތަން ފޫބައްދަން ޒުވާން ދެ ތިން ކުޅުންތެރިން އެބަތިބި ކަމަށެވެ.
އަދި މި މެޗު ކުޅޭ ގޯލް ގެ ދަނޑަކީ އޭނާ ފުރަތަމަ ފަހަރަށް ޓެސްޓް ކްރިކެޓް މެޗެއް ކުޅުނު ދަނޑު ކަމަށާއި އެހެންކަމުން މި ދަނޑުގައި ކުޅުން ހުއްޓާލުމަކީވެސް ހިތްހަމެޖޭ ކަމެއް ކަމަށެވެ.
ސްރީ ލަންކާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ކަންވެސް ކުރިން ކޮށްފައިވާ ކަރުނަރަތްނެ ވަނީ ޓެސްޓް ކްރިކެޓްގެ 30 މެޗުގައި އެ ގައުމުގެ ކެޕްޓަންކަން ކޮށްފަ އެވެ. އޭގެ ތެރެއިން 12 މެޗުން މޮޅުވެފައިވާއިރު 12 މެޗުން ވަނީ ބަލިވެފަ އެވެ.
ކަރުނަރަތްނެ ވަނީ އެއް ދުވަހުގެ ބައިނަލްއަގްވާމީ 50 މެޗުގައި ސްރީ ލަންކާއަށް ކުޅެފަ އެވެ. އެ ގޮތުން އޭނާ އެންމެ ފަހުން ކުޅެފައިވަނީ 2023 ވަނަ އަހަރުގެ ވޯލްޑްކަޕް ގައެވެ.
2012 ވަނަ އަހަރުގެ ނޮވެމްބަރ މަހު ކަރުނަރަތްނެ ޓެސްޓް ކްރިކެޓް މެޗުތައް ކުޅެން ފެށިފަހުން އޭނާއަށްވުރެ ގިނައިން ލަނޑު ހަދާފައިވާ އޯޕެނިން ބެޓްސްމަން އަކީ އޮސްޓްރޭލިއާގެ ޑޭވިޑް ވާރނާ އެވެ.
ކަރުނަރަތްނެ އިތުރަށް ބުނެފައިވަނީ ޓެސްޓް ކްރިކެޓުގެ 100 މެޗު ކުޅުމަކީ އުނދަގޫ ކަމެއް ކަމަށާއި ޓެސްޓް ކްރިކެޓުގައި އޭނާއަށް ހާސިލު ނުވެވުނު ހަމައެކަނި ކަމަކީ 10 ހާސް ލަނޑު ހެދުން ކަމަށެވެ. އަދި 2017 އާއި 2019 ގައި މެޗުތައް ދިޔަ ގޮތުން އެކަން ކުރެވޭނެ ކަމަށް ގަބޫލުކުރެވުނު ނަމަވެސް ކޮވިޑާއި ގުޅިގެން ހުރިހާ ކުޅިވަރަކަށްވެސް އައި ކަންތަކާއިއެކު އެކަން ހާސުލު ނުކުރެވުނު ކަމަށެވެ.