ޚަބަރު

އެމްބީއޭ ޗެމްޕިއަންޝިޕް: ރެޕްޓާސް އާއި ކިންގްސްއަށް ރަނގަޅު ފެށުމެއް


މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 29 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕުގެ ފިރިހެން ޑިވިޝަނުގެ ފެށުން ރެޕްޓާސް ބާސްކެޓުބޯޅަ ކުލަބާއި ކިންގްސް ބާސްކެޓްބޯޅަ ކުލަބުން ރަނގަޅުކޮށްފިއެވެ.

މުބާރާތުގައި ރެޕްޓާސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވަނީ ރޯޔަލްސް ބާސްކެޓްބޯޅަ ކުލަބާއި ވާދަކޮށް 25 ޕޮއިންޓުގެ ތަފާތަކުންނެވެ. އެއީ 89 ޕޮއިންޓު 64 ޕޮއިންޓުންނެވެ.

ފުރަތަމަ ކުއާޓަރގެ ކުޅުން ނިމުނުއިރު ރެޕްޓާސް ކުރީގައި އޮތީ 17-10 އިންނެވެ. ދެވަނަ ކުއާޓަރ ނިމުނުއިރު ރެޕްޓާސް ކުރީގައި އޮތީ 32-19 އިންނެވެ. މެޗުގައި ރޯޔަލްސް އިން ރެޕްޓާސްއަށް ވުރެ ގިނަ ޕޮއިންޓު އެއްކުރެވުނީ ތިންވަނަ ކުއާޓަރުގައެވެ. މި ކުއާޓަރުގައި ރޯޔަލްސް 18 ޕޮއިންޓު ހޯދިއިރު ރެޕްޓާސް ހޯދުނީ 15 ޕޮއިންޓެވެ. ހަތަރުވަނަ ކުއާޓަރ ގައި ރެޕްޓާސް 25 ޕޮއިންޓު ހޯދިއިރު ރޯޔަލްސްއަށް ހޯދުނީ 17 ޕޮއިންޓެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެޕްޓާސްގެ އަހްމަދު ރާއިދު ސަލީމެވެ.

ދެވަނަ މެޗު ކިންގްސް ބާސްކެޓްބޯޅަ ކުލަބުން ހޯދީ ފަސޭހަކަމާއެކު އެވެ. ޓެލޯންސް ބާސްކެޓްބޯޅަ ކުލަބާއި ވާދަކޮށް ކިންގްސް މެޗު ކާމިޔާބުކުރީ 87 ޕޮއިންޓުގެ ބޮޑު ތަފާތަކުންނެވެ. އެއީ 134 ޕޮއިންޓު 47 ޕޮއިންޓުންނެވެ. މެޗުގެ ހަތަރު ކުއާޓަރުގައި ވެސް ކިންގްސްގެ ފަރާތުން ފެނުނީ ތަފާތު މޮޅު ކުޅުމެކެވެ. ހާއްސަކޮށް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކިންގްސްގެ މުޙައްމަދު ސަބީހް ތައުފީގުގެ ކުޅުން ފާހަގަކޮށްލެވެއެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ކުޅުން ކުރިއަށްދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ތިން ޓީމު ހިމެނެއެވެ. ގްރޫޕް އޭގައި ހިމެނެނީ ރެޕްޓާސް އާއި ރޯޔަލްސްގެ އިތުރުން ޑީބީސީ އެވެ. ގްރޫޕް ބީގައި ހިމެނެނީ ކިންގްސް އާއި ޓެލޯންސްގެ އިތުރުން ޔޫއެން ފްރެންސް އެވެ. ގްރޫޕް ސީގައި ޓީރެކްސް އާއި ސްޓިންގާސް އަދި ފީނިކްސް ހިމެނޭއިރު ގްރޫޕް ޑީގައި ހިމެނެނީ ރެޑްވިންސް ސްޕާޓަންސް އަދި ހުޅުމާލެ އެވެ.

ކޮންމެ ގްރޫޕަކުން އެއްވަނަ ހޯދާ ޓީމެއް އެމްބީއޭ ކަޕަށް ކޮލިފައިވާނެއެވެ. ޖުމްލަ ފަސް ޓީމާއެކު އެ މުބާރާތް ބާއްވާއިރު، ފަސްވަނަ ޓީމަކީ ހަތަރު ގްރޫޕުގެ ތެރެއިން ދެވަނައަށް ރޭންކުކޮށްފައިވާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ޓީމެވެ. މި މުބާރާތަށްފަހު ޝީލްޑު މުބާރާތްވެސް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އެ މުބާރާތުގައި ދެވަނައަށް ރޭންކޮށްފައިވާ ބާކީ ތިން ޓީމުގެ އިތުރުން ތިންވަނައަށް ރޭންކުކޮށްފައިވާ އެންމެ ރަނގަޅު ޓީމަށް ފުރުސަތު ލިބިގެންދާނެ އެވެ. ފަސްވަނަ ޖާހައަކީ ޕްލޭއޮފް ޖާގައެކެވެ.