ޚަބަރު

ނިމިދިޔަ ސަރުކާރާއި އަޅާބަލާއިރު މިސަރުކާރުން އެއް އަހަރު ތެރޭގައި ޑީޕޯޓްކޮށްލި ބިދޭސީންގެ އަދަދު 11 ގުނަ އިތުރު!


  • 59 ރަށެއްގައި ދިރިއުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު ވަނީ އެއްކުރެވިފައި

  • 24540 ބިދޭސީން ވަނީ ރެގިއުލަރައިޒްކުރެވިފައި

  • އިމިގްރޭޝަން ވޮޗްއަށް 1297 މައްސަލަ ވަނީ ހުށަހަޅާފައި

ނިމިދިޔަ އެމްޑީޕީގެ 5 އަހަރުގެ ދައުރުގެ ތެރޭގައި ގަވާއިދާއި ޚިލާފުވެގެން އަނބުރާ ގައުމަށް ފޮނުވާލީ 2649 ބިދޭސީން ކަމަށާއި ނަމަވެސް މި ސަރުކާރުން މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް 6000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެޖެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރެއްވުމުގައި ހޯއްދެވި ކާމިޔާބުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މޯލްޑިވްސް އިމިގްރޭޝަނާއި ދާޚީލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން އަންނަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިމިގްރޭޝަނުން ދަނީ މާލެ ސަރަހައްދުގެ އިތުރުން އަތޮޅު ތެރޭގައިވެސް ހާއްސަ އޮޕަރޭޝަންތަކެއްވެސް ހިންގަމުންނެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޤައުމުގެ އިޤްތިޞާދު އެދެވޭ އެންމެ ހަލުވިމިނުގައި ކުރިއެރުވުމަށާއި ބޭރު ފައިސާގެ މައްސަލަ ޙައްލުކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ރާއްޖޭގައި ޒަމާނުއްސުރެ ހައްލު ނުވެ އޮތް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް، ދިވެހިރާއްޖޭގައި މިވަގުތު ތިބި ބިދޭސީންގެ އަދަދު ދެނެގަތުމަށާއި އެފަރާތްތަކުގެ 10 އިނގިލީގެ ނިޝާނާއި ފޮޓޯއާއެކު ބައޯމެޓްރިކްސް ނެގުމަށް "އޮޕަރޭޝަން ކުރަނގީގެ" ނަމުގައި އޮޕަރޭޝަނެއް 2024 ވަނަ އަހަރު ފަށާފައިވާކަމަށެވެ. އެގޮތުން މިހާތަނަށް 59 ރަށެއްގައި ދިރިއުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު ވަނީ އެއްކުރެވިފައިކަމަށާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 43،294 ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިއަދާހަމައަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 6076 ބިދޭސީއަކު އަނބުރާ އެ މީހެއްގެ ޤައުމަށް ފޮނުވާލާފައިވާކަމަށެވެ. މީގެ އިތުރުން ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހުން ފެށިގެން މިއަދާހަމައަށް 24540 ބިދޭސީން ރެގިއުލަރައިޒްކުރެވިފައިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"17 ނޮވެންބަރ 2023 އިން ފެށިގެން މިއަދާހަމައަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 6076 ބިދޭސީން ވަނީ ފުރުވާލެވިފާ. އޭގެ ކުރީ 5 އަހަރު އާދެ! 2018 އިން 2023 އަށް ފުރުވާލާފައިވަނީ 2649 ބިދޭސީން" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، އިމިގްރޭޝަނާ ގުޅޭ މައްސަލަތައް ރިޕޯޓް ކުރުމަށް ތައާރަފް ކުރެވިފައިވާ "އިމިގްރޭޝަން ވޮޗް"އަށް 1297 މައްސަލަ ހުށަހަޅާފައިވާކަމަށާއި މީގެތެރެއިން ނުނިމި އޮތީ އެންމެ 11 މައްސަލަކަމަށްވެސް ރައީސުލްޖުމްހުރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.