ޚަބަރު

ރައީސްދެއްވީ އުންމީދުން ފުރިގެންވާ ތަފްސީލީ ރިޔާސީ ބަޔާނެއް: ނާޒިމް


  • ރިޔާސީ ބަޔާނުގައިވާ ކަންކަން ހާސިލުކުރުމަށް ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރަންޖެހޭ

  • މިއަހަރު އިންގިލާބީ ކުރިއެރުމެއް ރާއްޖެއަށް އަންނާނެކަމަށް އުންމީދުކުރާކަމަށް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވީ އުންމީދުން ފުރިގެންވާ ތަފްސީލީ ރިޔާސީ ބަޔާނެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނާ ގުޅޭގޮތުން ސޯޝަލް މީޑިއާގައިކުރެއްވި ޕޯސްޓެއްގައެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރު މުޙައްމަދު ނާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރިޔާސީ ބަޔާނުގައިވާ ކަންކަން ހާސިލުކުރުމަށް ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށްފިނަމަ، އެކަންކަން ހަޤީގަތަކަށްވާނެ ކަމަށެވެ. އަދި މިއަހަރަކީ އިންގިލާބީ ކުރިއެރުމެއް ރާއްޖެއަށް އަންނާނެ އަހަރަކަށްވާނެކަމަށް އުންމީދުކުރައްވާކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރައީސް މުޢިއްޒު ދެއްވީ އުންމީދުން ފުރިގެންވާ ތަފްސީލީ ރިޔާސީ ބަޔާނެއް ކަމަށެވެ.

ނާޒިމްގެ އިތުރުން އެހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނަށް ތަޢުރީފުކުރައްވައި، އެއީ އުންމީދީ ބަޔާނެއަކަމަށް ވިދާޅުވެފައިވެއެވެ. އެގޮތުން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެފައިވަނީ ރައީސް މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ވަކި އަމާޒަކަށް ވާޞިލުވެވޭނެ ތަޞައްވުރަކާއެކު އުންމީދީ ވާހަކަތަކެއް ހިއްސާކުރެއްވި ކަމަށެވެ.

ޤާނޫނުއަސާސީގައިވާ ގޮތުން ކޮންމެ އަހަރެއްގެވެސް މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ މިހާރުގެ ހާލަތާއި އެހާލަތު ކުރިއެރުވުމަށް ގެންގުޅުއްވާ ތަސައްވުރު ބަޔާންކޮށް ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވަން ޖެހިވަޑައިގަންނަވައެވެ.