ސަރުކާރު ހަވާލުވިއިރު މަސްތުވާތަކެތީގެ މައްސަލައިގައި ފަރުވާއަށް ހުކުމްކޮށް ފަރުވާގެ ނިޒާމަށް ނުވައްދާ ތިބި 700 އަށްވުރެ ގިނަ މީހުންގެ ތެރެއިން، 600 އެއްހާ މީހުން މިހާރު ރިހެބިލިޓޭޝަން ފަރުވާގެ ނިޒާމަށް ވައްދާފަވާކަމަށް ނެޝަނަލް ޑްރަގް އެޖެންސީއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަދައްކަވަމުން ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛާ ލުބްނާ ޒާހިރު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ރަށަކަށްހެން އޮތް މައްސަލައަކަށްވާއިރު، މިއީ ބޮޑު ޙައްލެއް ބޭނުންވާ މައްސަލައެއްކަމަށެވެ.
ލުބްނާ ވިދާޅުވީ ވޭތުވެދިޔަ 7 އަހަރު، މަސްތުވާތަކެތީގެ މައްސަލައިގައި ހުކުމްކުރި މީހުންގެ ތެރެއިން 4500 މީހުންގެ މައްޗަށް މަސްތިވާތަކެތީގެ ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް ހުކުމް ކުރިކަމަށެވެ. މި ނިޒާމުގެ ތެރެއިން ފަރުވާ ފޯރުކޮށްދޭންޖެހޭ 700 އަށްވުރެ ގިނަ މީހުން، ފަރުވާގެ ނިޒާމަށް ނުދެއްވި، ސަރުކާރު ހަވާލުވިއިރުވެސް ތިބިކަމަށް ލުބްނާ ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ފަރުވާގެ ނިޒާމަށް މީހުން ވެއްދުމުގެ މަސައްކަތް އަވަސްކުރުމަށް، އެންޑީއޭގެ ތެރޭގައި ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާ އެ މަސައްކަތް އަވަހަށްކޮށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް ސްޓޭޓް މިނިސްޓަރ ލުބްނާ ޒާހިރު ވިދާޅުވިއެވެ.
"ފަރުވާއަށް ނުދެއްވި 700 އަށްވުރެ ގިނަ މީހުން ތިބިއިރު، މި އަދަދު މިހާރު 150 އަށްވުރެ ދަށްކުރެވިއްޖެ. އެމީހުންވެސް ފަރުވާއަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސްކޮށް، އޭގެ ފަހުގެ މަރުޙަލާގެ މަސައްކަތްތައް އެ ކުރިއަށްދަނީ." ދާޚީލީ ސަލާމަތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ލުބްނާ ޒާހިރު ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ރިހެބިލިޓޭޝަން ފަރުވާއަށް ކޮންމެ ދުވަހަކުވެސް ކޯޓުން ހުކުމް ކުރަމުންދާކަމަށެވެ. އެގޮތުން ވޭތުވެދިޔަ އަހަރުވެސް ފަރުވާގެ ނިޒާމަށް ވަނުމަށް 250 މީހުންގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.
ލުބްނާ ވިދާޅުވީ މިހާރު އެންމެ ބޮޑު މަސައްކަތެއް ކުރަމުންދަނީ، ފަރުވާގެ ނިޒާމަށް ވަނުމަށް ހޭދަވާ މުއްދަތު ކުރުކޮށް، ކޯޓުގެ ހުކުމާ އެއްގޮތަށް އެ ފަރުވާ ވީހާވެސް އަވަހަށް ފެށުމަށްކަމަށެވެ. ރިހެބް ފަރުވާގެ މުއްދަތަކީ 3 މަސް ދުވަހެވެ.
އެންޑީއޭގެ ރިހެބް ޕްރޮގްރާމްތައްވެސް ވަނީ ވަރަށް ބޮޑަށް ހަރުދަނާކޮށްފައެވެ. އެގޮތުން އެމީހުންނާ ސިއްޙީ ފަރުވާއާއި ކައުންސިލިންއާއި ދީނީ އަގީދާ ވަރުގަދަކުރުމާއި އަދި ފަރުވާގެ ނިޒާމު ނިންމާ ނިކުންނަ މީހުން މޮނިޓަރކޮށް އެމީހުންނަށް ބޭނުންވާ އިތުރު އެހީތައްވެސް ދަނީ ފޯރުކޮށްދެމުންނެވެ. މީގެތެރޭގައި ވަޒީފާގެ ހުނަރުތައް ދަސްކޮށްދިނުންފަދަ މަސައްކަތްތައް ހިމެނެއެވެ.