މިއަހަރަށް ތާވަލުކޮށްފައިވާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ފުރަތަމަ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.
މި ބައި-އިލެކްޝަންގައި ވޯޓުލުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 8:00ން ފެށިގެންނެވެ. އެގޮތުން، ގިނަ މަރުކަޒުތަކުގައި ގަޑިއަށް ވޯޓުލުން ފަށާފައިވާ ކަމަށް ވިދާޅުވެއެވެ.
މިއަދު ކުރިއަށްދާ ބައި އިލެކްޝަންގައި 12 ދާއިރާތަކަށް ވޯޓުލުން ކުރިއަށް އެބަދެއެވެ. މީގެ ތެރޭގައި 2 ރަށެއްގެ ކައުންސިލް ބައި-އިލެކްޝަނާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަން ހިމެނެއެވެ.
ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން މިހާރު ކައުންސިލް އަދި އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަނީ އަހަރަކު ދެ ފަހަރުއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ބައި-އިލެކްޝަނަށް ޖުމްލަ 5 ރަށެއްގެ ލޯކަލް ކައުންސިލެއްގެ ބައި-އިލެކްޝަނާއި 28 ރަށެއްގެ އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކަށް ހުޅުވާލިއެވެ. ނަމަވެސް 21 ރަށެއްގެ ބައި-އިލެކްޝަންތަކުގައި އެންމެ ކެންޑިޑޭޓަކު ވާދަކުރުމުން އެ ރަށްތަކުގެ ބައި-އިލެކްޝަންތައް ނުބާއްވައެވެ.
- ހދ. މަކުނުދޫ ކައުންސިލް މެންބަރު
- ނ. ލަންދޫ ކައުންސިލް އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި
- ހދ. ހިރިމަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
- ނ. މިލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
- ނ. ފޮއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
- ރ. އިންނަމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
- ބ. ގޮއިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
- އދ. ހަންޏާމީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
- ދ. ހުޅުދެލި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
- ލ. ގަން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
- ތ. ބުރުނި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
- ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުން ވޯޓުލުމަށް ހާއްސަކޮށްފައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ މާފަންނު މަދަރުސާގައެވެ. އެގޮތުން 4 ވޯޓު ފޮއްޓެއްވަނީ މާފަންނު މަދަރުސާގައި ބެހައްޓާފައެވެ. ބައި އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 16:00 އާ ހަމައަށެވެ. ވޯޓު ގުނަން ފަށާނީ ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ.
މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.