ޚަބަރު

ބޮސްނިއާގެ ރެފިއުޖީއެއް, ކޯޗުގެ ގޮތުގައި ލިވަޕޫލް އާއި ދެކޮޅަށް


މީގެ 30 ވަރަކަށް އަހަރު ކުރިން ރެފިއުޖީއެއްގެ ގޮތުގައި ބޮސްނިއާ ދޫކޮށްދިޔަ މިރޮން މުސްލިޗް އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި މާދަމާ ރޭ ލިވަޕޫލް އާއި ދެކޮޅަށް ޕްލައިމައުތު ގޮވައިގެން އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ނިކުންނާނެ އެވެ.

1992 ވަނަ އަހަރު ބޮސްނިއާގައި ހިނގި ހަނގުރާމަ އާއި ގުޅިގެން އެ ގައުމު ދޫކޮށް ދިޔައީ އަތުގައި އެއްވެސް އެއްޗެއް ނެތި ކަމަށާއި އަދި ދިރިއުޅުމުގައި ހީނުކުރާ ގިނަ ކަންތައްތަކަކާއި ކުރިމަތިލާން ޖެހޭއިރު މިރޭގެ މެޗުގައި ލިވަޕޫލް އަތުން މަދުވެގެން ޕޮއިންޓެއް ހޯދުމަކީ އޭނާގެ އަމާޒެއް ކަމުގައި މުސްލިޗް ބުނެފި އެވެ.

މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން މުސްލިޗް ބުނެފައިވަނީ ދިރިއުޅުމުގައި އެއްވެސް ކަމަކީ ކާމިޔާބު ނުކުރެވޭނެ ކަމެއް ނޫން ކަމަށާއި ކިތަންމެ ދަތި އުނދަގޫ ކަންތައްތަކަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް އެކަންތައްތަކުގެ މައްޗަށް ކުރި ހޯދުމަކީ ކުރެވޭނެ ކަމެއްކަން އޭނާއަށް ވަރަށް ރަގަޅަށް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ.

"
"މީގެ 30 ވަރަކަށް އަހަރު ކުރިން އުމުރުން އެންމެ 9 އަހަރުގައި އަހަރެން ބޮސްނިއާ ދޫކޮށް އައީ އެވަގުތު އަތުން ގެންދެވެން އޮތް މަދު އެތިކޮޅެއް ހިފައިގެން ރެފިއުޖީއެއްގެ ގޮތުގައި ދެން ދާނެ ތަނެއް ނޭނގި ކާނެ ގޮތެއް ނެތި. ނަމަވެސް އެ ހާލަތު ބަދަލުވެ މިއަދު މިއޮތް ހާލަތަށް އަހަރެންގެ ދިރިއުޅުން ބަދަލުވީ ވަރަށް ގިނަ ކަންތައްތަކަކާއި ކުރިމަތިލުމަށްފަހު."
ޕްލައިމައުތުގެ ކޯޗު މުސްލިޗް

ޕްލައިމައުތުގެ ކޯޗު ކަމާއި މުސްލިޗު ހަވާލުވެފައިވަނީ އެ ޓީމުގެ ކޯޗުގެ ގޮތުގައި ކުރިން ހުރި އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ބޭން ރޫނީ މަގާމުން ވަކިކުރުމަށްފަހުގަ އެވެ.

"
"އެހެންކަމުން ދިރިއުޅުމުގައި އެއްވެސް ކަމަކީ ކާމިޔާބު ނުކުރެވޭނެ ކަމެއް ނޫން. ކޮންމެ ކަމަކާއިވެސް ޖެހޭނީ ސާބިތުކަމާއިއެކު ކުރިމަތިލާން."
ޕްލައިމައުތުގެ ކޯޗު މުސްލިޗް

މުސްލިޗު ވަނީ މިދިޔަ ސީޒަނުގައި އޭނާ ކޯޗު ކޮށްދިން ބެލްޖިއަމްގެ ސާކްލޭ ބްހޫގާ ޔޫރޮޕާ ކޮންފަރެންސް ލީގަށް ކޮލިފައިކޮށްދީފަ އެވެ. އަދި ޕްލައިމައުތުގެ ކޯޗު ކަމާއި ހަވާލުވުމަށްފަހު އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ދެ މެޗު އެއްވަރުވެފައިވާއިރު ދެ މެޗުން ވަނީ ބަލިވެފަ އެވެ.

ލިވަޕޫލް އާއި ދެކޮޅަށް މިރޭ ޕްލައިމައުތު ނިކުންނައިރު އެ ޓީމަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިދިޔަ ހޮނިހިރު ދުވަހު ޗެމްޕިއަންޝިޕްގައި ވެސްޓްބްރޮމް އާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވުމެވެ.