ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ)ގެ އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދީ ފުރަތަމަ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޡިމް ތަޤުރީރު ކުރައްވައިފިއެވެ. މިކޮންފަރެންސް އިފްތިތާޙު ކޮށްދެއްވީ، ޕަންޖާބުގެ ޗީފް މިނިސްޓަރ މަރިޔަމް ނަވާޒް ޝަރީފެވެ.
ސީޕީއޭގެ ސަރަޙައްދީ ކޮންފަރެންސްގައި ތަޤުރީރު ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޡިމްވަނީ ހެޔޮވެރިކަމެއްކުރުމުގެ އަސާސީ ސިފަތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ނިންމުމާއި، ރައްޔިތުންނަށް ޖަވާބުދާރީވުމާއި، މިނިވަން މީޑިއާގެ ވެއްޓެއް ދެމެހެއްޓުމާއި، ޑިމޮކްރެޓިކް އުސޫލުތައް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައވައި މިކަންކަން ދެމެހެއްޓުމަށް މެންބަރު ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންނަށް ގޮވާލެއްވިއެވެ.
މީގެއިތުރުން، މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ވަރުގަދަކޮށް، މިނިވަންކަމާއެކު މަޢުލޫމާތު ބަދަލުކުރުމުގެ މުހިންމުކަމާއި މަޝްވަރާއަށް ފުރުޞަތު ދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެކަމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވުމަށްވެސް އިލްތިމާސް ކުރެއްވިއެވެ.
"މި ކޮންފަރެންސްގެ ބޭނުންހިފައި، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އަޅުގަނޑުމެންގެ ތަޖުރިބާތައް ހިއްސާކޮށް، އަޅުގަނޑުމެންގެ ޤައުމުތަކުގެ ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަކޮށް، މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް، އަދި ހެޔޮ ވެރިކަމެއް ޤާއިމުކުރުމަށް ބޭނުންވާ ހަރުދަނާ ހައްލުތައް ހޯދުމަށް މަސައްކަތް ކުރަމާ ހިންގަވާށެވެ. އަދި އަޅުގަނޑުމެން ކުރިއަށް ގެންދާ މަޝްވަރާތަކުން އުފެދޭނެ މާނަވީ ބަދަލުތަކަކީ، ހަމައެކަނި އަޅުގަނޑުމެންގެ އަމިއްލަ ޤައުމުތަކަށް އެކަނި އަސަރު ކުރާނެ ބަދަލުތަކެއް ނޫނެވެ. މުޅި ސަރަހައްދަށްވެސް އޭގެ ހެޔޮ އަސަރު ފޯރާނެ ބަދަލުތަކެއް ކަން ޔަޤީނެވެ." އަޙްމަދު ނާޡިމް ވިދާޅުވިއެވެ.
ސީޕީއޭގެ ސަރަޙައްދީ ކޮންފަރެންސްގައި މަޖިލިސް ނައިބު ރައީސް އޮނަރަބަލް އަޙްމަދު ނާޡިމް ވާހަކަފުޅު ދައްކަވައިފި
— People's Majlis (@mvpeoplesmajlis) February 8, 2025
📰 : https://t.co/Z9LkyBv44Y pic.twitter.com/K41wThosDH
ނާޡިމް އިތުރަށް ވިދާޅުވީ ސިޔާސީ މައިދާނުގައި އިތުރުވަމުންދާ ޕޮޕިއުލިޒަމާއި، ދޮގު މަޢުލޫމާތު ފެތުރުމާއި، އަދި ޑިމޮކްރެޓިކް އުސޫލުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަންކަމަށެވެ. އަދި މިކަންކަމާ ކުރިމަތިލުމަށް ޖަމާޢަތުގެ ފެންވަރުގައި ފިޔަވަޅު އެޅުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
މީގެ އިތުރުން، ސަރަހައްދުގެ ޤައުމުތަކަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ފަރަގުތަކާއި، ސަލާމަތީ ނުރައްކާތަކާއި، ނިރުބަވެރިކަމާއި، ބައިނަލްއަޤްވާމީ ގުޅުންތަކުގެ ސަބަބުން ހެޔޮ ވެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް ފަދަ ގޮންޖެހުންތަކަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.
ސީޕީއޭގެ ސަރަޙައްދީ ކޮންފަރެންސަކީ މިސަރަހައްދުގެ ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަންގެ މެމްބަރު ޤައުމުތަކުގެ ޕާލަމެންޓްތަކުގެ މަންދޫބުން އެއްތަނަކަށް އެއްވެ، ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި ޚިޔާލު އެއްގޮތްކޮށް، އެއްބާރުލުން ހަރުދަނާކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ. މި ކޮންފަރެންސްގައި ދުނިޔެއާއި ސަރަޙައްދަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތްތަކާ ބެހޭގޮތުންވަނީ މަޝްވަރާކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމަކީ އޮސްޓްރޭލިއާގެ ސިޑްނީގައި ބޭއްވި 67 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރަންސް (ސީޕީސީ) ގައި ސީޕީއޭގެ އޭޝިއާ ސަރަޙައްދުގެ ސަރަޙައްދީ މަންދޫބުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންފައިވާ ބޭފުޅެކެވެ.