ސްޕެއިންގެ ލަލީގާގައި ރޭ މެޑްރިޑްގެ ވާދަވެރި ދެ ކްލަބު ކަމުގައިވާ އެތްލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑާއި ދެމެދު ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެއްޖެ އެވެ.
މި މެޗު އެއްވަރުވެފައިވާއިރު ލީގުގައި މިހާތަނަށް ކުޅުނު 23 މެޗުން ލިބިފައިވާ 50 ޕޮއިންޓާއެކު ރެއާލް މެޑްރިޑަށް ވަނީ ތާވަލުގެ އެއްވަނަ މަގާމު ލިބިފަ އެވެ. ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 49 ޕޮއިންޓެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ހަތްދިހަ އަށް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ އެތްލެޓިކޯ މެޑްރިޑް އިންނެވެ. މި ލަނޑަކީ މެޗުގެ 35 ވަނަ މިނިޓުގައި ސެމުއެލް ލިނޯ އަށް އައުރެލިއެން ޗޫމޭނީ ކުރި ފައުލަކާއި ގުޅިގެން ވީޑިއޯ ބެލުމަށްފަހު ރެފްރީ ދީފައިވާ ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ އެތްލެޓިކޯ މެޑްރިޑަށް ކާމިޔާބުކޮށްދީފައިވަނީ ޖޫލިއަން އަލްވަރޭޒް އެވެ.
ރެއާލް މެޑްރިޑް އިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ސީޒަނުގައި އެމްބާޕޭ ލަލީގާގައި ޖެހި 16 ވަނަ ލަނޑަކީ ޖޫޑް ބެލިންހަމް އެތްލެޓިކޯ މެޑްރިޑްގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލައެއް ދެވަނަ ފަހަރަށް ބޭރަށް ނިކުތް ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
މި ލަނޑަށްފަހުވެސް ރެއާލް މެޑްރިޑަށް ވަނީ މެޗުން މޮޅުވާން ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން ޖޫޑް ބެލިންހަމް ފޮނުވާލި ހަމަލައެއް އެތްލެޓިކޯ މެޑްރިޑްގެ ގޯލުކީޕަރު ޖޭން އޮބްލަކް ދިފާއުކޮށްފައިވާއިރު އިތުރު ހަމަލައެއް ވަނީ ގޯލުގެ ދަނޑީގައި ޖެހިފަ އެވެ.
ރެއާލް މެޑްރިޑަށް މިހާރު އޮތް އެންމެ މުހިންމު މެޗަކީ މި ހާފްތާގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅޭ ޕްލޭއޮފް މެޗުގެ ފުރަތަމަ ލެގެވެ. މި މެޗު އޮންނާނީ މެންޗެސްޓަރ ސިޓީގެ ދަނޑުގަ އެވެ.