އިއްޔެ ބޭއްވި އިންތިޚާބު ތަނަވަސް އަޣުލަބިއްޔަތަކުން ކާމިޔާބުކޮށް، އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގެ ސަރަހައްދީ ސަރުކާރު 27 އަހަރުގެ ދިގު އިންތިޒާރަކަށްފަހު، އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީއަށް ލިބިއްޖެ އެވެ.
ފެޑެރަލް ނިޒާމު އޮންނަ އިންޑިއާގެ ކޮންމެ ސްޓޭޓެއްގައި ސަރަހައްދީ ވަކި ސަރުކާރެއް އޮވެ އެވެ. އެގައުމުގެ ވެރިރަށް ނިއުދިއްލީ އޮންނަ ސަރަހައްދަކީ އެފަދަ ވަކި ސްޓޭޓެކެވެ.
އިންޑިޔާގެ އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، ދިއްލީގެ ޤާނޫނު ހަދާ މަޖިލީހުގެ 70 ގޮނޑީގެ ތެރެއިން 48 ގޮނޑި މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)އަށް ލިބުނުއިރު، މޯދީއަށް ވަރަށް ބޮޑަށް ފާޑުކިޔާ އަރްވިންދު ކެޖްރިވާލްގެ އިދިކޮޅު އާމް އާދުމީ ޕާޓީ (އޭއޭޕީ) އަށް ލިބުނީ އެންމެ 22 ގޮނޑިއެވެ.
"ދިއްލީ ތަރައްޤީކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގައި އެއްވެސް ގާކޮޅެއް ފުރޮޅާނުލައި ނުބާއްވާނެކަމުގެ ޔަޤީންކަން އަރުވަން،" އިންތިޚާބުގެ ކާމިޔާބީއަށްފަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވިއެވެ.
ބީޖޭޕީގެ ސަރުކާރުގެ ތެރޭގައި އޮތް ކޮރަޕްޝަނާ ދެކޮޅަށް 2012 ވަނަ އަހަރު ނުކުތް، އޭއޭޕީން ވަނީ 2015 ވަނަ އަހަރުން ފެށިގެން ދެ ދައުރު، ދިއްލީގައި ބާރު ދަމަހައްޓައިފައެވެ.
މިދިޔަ އަހަރު ބޭއްވި އިންޑިޔާގެ އާންމު އިންތިޚާބުގެ ކުރިން، ޚިޔާނާތުގެ ތުހުމަތުގައި ކެޖްރިވާލް ހައްޔަރުކުރިއެވެ. އޭގެފަހުން ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލުމާއެކު، ދިއްލީގެ ޗީފް މިނިސްޓަރުގެ މަޤާމުން އޭނާ އިސްތިޢުފާ ދެއްވީ، އިއްޔެ ބޭއްވި އިންތިޚާބު ކާމިޔާބު ކުރުމުގެ މަސައްކަތަށް ކަމަށް ވިދާޅުވެއެވެ. ނަމަވެސް، އިއްޔެ ބޭއްވީ އިންތިޚާބުގައި ކެޖްރިވާލް ވާދަކުރެއްވި ގޮނޑި ވެސް އޭނާއަށް ކާމިޔާބެއް ނުކުރެއްވުނެވެ.
އިންތިޚާބުގައި ނާކާމިޔާބީ އާ ކުރިމަތިވީނަމަވެސް، ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ކެޖްރިވާލް ވަނީ ދެއްވައިފައެވެ.
ވޭތުވެދިޔަ ދެ އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރި އޭއޭޕީއަށް މަޤުބޫލުކަން ލިބުނީ، ވޯޓުލެވޭ އާބާދީގެ ތެރެއިން ފަގީރުންނަށް ފެނާއި ކަރަންޓު ހިލޭ ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ސަބަބުންނެވެ.
އެކަމަށް ރައްދު ދިނުމުގެ ގޮތުން، ބީޖޭޕީން މި އިންތިޚާބާ ކުރިމަތިލީ، ފަގީރު އަންހެނުންނަށް މަހަކު 28 ޑޮލަރު އާއި މާބަނޑު ކޮންމެ އަންހެނަކަށް 240 ޑޮލަރު ދިނުމާއި ކެއްކުމަށް ބޭނުންކުރާ ގޭހަށް ސަބްސިޑީ ދިނުމާއި އުމުރުން ދުވަސްވީ މީހުންނަށް މަހަކު 28 ޑޮލަރުގެ ޕެންޝަނާއި ވާދަވެރި އިމްތިޚާނުތަކަށް ތައްޔާރުވާ ޒުވާނުންނަށް 171 ޑޮލަރު ދިނުމުގެ ވަޢުދާ އެކުއެވެ.
އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު މިދިޔަ އަހަރު މޯދީއަށް ގެއްލުނު ނަމަވެސް ކުދި ޕާޓީތަކުގެ ތާޢީދާއެކު ތިން ވަނަ ދަޢުރަކަށް ބޮޑުވަޒީރުކަމުގެ މަޤާމަށް އެނބުރި ވަޑައިގެންނެވިއެވެ. ނަމަވެސް، ބީޖޭޕީން ވަނީ އޭގެ ފަހުން ބޭއްވި ހަތަރު ސްޓޭޓް އިންތިޚާބުގެ ތެރެއިން ތިން އިންތިޚާބު ކާމިޔާބުކޮށްފައެވެ.