ކުޅިވަރު

ލިވަޕޫލް ބަލިކޮށްލި ކޯޗަކީ ރެފިއުޖީއެއްތަ؟


އިނގިރޭސި އެފްއޭ ކަޕުގައި ރޭ އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި ތަފާތު ބޮޑުކޮށް އޮތް ލިވަޕޫލަށެވެ. ވަރަށް އާދައިގެ ޓީމެއް ކަމަށް ޕްލޭމައުތުގެ ރަޔަން ހާޑީ ޖެހި ޕެނަލްޓީ ގޯލަށް ވަދެ ލިވަޕޫލް ކެޓީ އެވެ. އެ ޓީމުގެ ކޯޗަކީ ކާކު ހެއްޔެވެ؟

"މިއީ އަހަރުމެންނަށް ވަރަށް ޖާދޫ އެއް ފަދަ ދުވަހެއް. މިއަދަކީ އަހަރުމެންނަށް ވަރަށް ބޮޑު ދުވަހެއް. މިއީ އަހަރުމެންނަށް ހައްގު ކާމިޔާބީއެއް. އަހަރެން މި ހުރީ ބަސް ހުއްޓިފައި. އާދައިގެ މަތިން އެމީހުން ބުނޭ އަހަރެންނަކީ ހާއްސަ މީހެކޭ. އަހަރެން ބުނިން ކުޅުންތެރިން ގާތުގައި ވީހާ ބޮޑަށް އުފާފާޅު ކުރަން. އަހަރުމެންނަކީ މިހާރު ތާރީހުން ޖާގަ ހޯދާފައިވާ ބައެއް" ކޯޗު މިރޮން މަސްލިޗް ބުންޏެވެ.

އޭނާގެ ވާހަކައަށްވުރެ ބޮޑަށް މިހާރު ގިނަ މީހުން އޭނާ ދަންނަނީ ހަ ފަހަރު ޔޫރަޕުގެ ޗެމްޕިއަންކަން ހޯދާފައިވާ ވަރުގަދަ ލިވަޕޫލް ބަލި ކުރި ކޯޗުގެ ގޮތުގަ އެވެ.

އުމުރުން 42 އަހަރުގެ މަސްލިޗަކީ ބޮސްނިޔާ މީހެކެވެ. އެތަނުގައި ސާބުން ހިންގި ހަނގުރާމަ ހިންގިއިރު 1992 ވަނަ އަހަރު އޭނާގެ އުމުރަކީ އެންމެ ނުވަ އަހަރެވެ.

މަޝްހޫރު ވޭން ރޫނީ ކޯޗުކޮށްދިން ޕްލޭމައުތާއި ހަވާލުވި ކޯޗަކީ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި ގައުމުން ބޭރުވާން މަޖުބޫރުވި ކުއްޖެކެވެ. އޭނާގެ އާއިލާ ބޮސްނިއާ ދޫކޮށް ފިލަން ޖެހުނީ ކުއްލި ގޮތަކަށެވެ.

"އޯވަ ނައިޓަކުން ހުރިހާ ކަމެއް ބަދަލުވީ. އަތުން ހިފައިގެން ގެންދެވުނު އެއްޗެއް އެކަނި ގެންދެވުނީ. އެއީ އަހަރުމެންގެ އައު ހަޔާތުގެ ދަތުރުގެ ފެށުނު ގޮތަކީ. މުޅިން އެހެން ހަޔާތެއް ފަށަން ޖެހުނު ހިސާބަކީ އެއީ" މަސްލިޗް ބުންޏެވެ.

400 މޭލު ކަޑައްތުކޮށް މަސްލިޗާއި އޭނާގެ ދައްތަ އަދި އާއިލާ ފުރަތަމަ ދިޔައީ އޮސްޓްރިޔާ އަށެވެ. އެތަނުގައި އެމީހުންނަށް ގިނަ ދަތިތަކާ ކުރިމަތިވި އެވެ. ޖަރުމަނު ބަސް ނޭނގުމުން ކިޔާ ނުކިޔާއެއް ނޭނގުނީ އެވެ. ފަހުން އޭނާ އިނގިރޭސި ބަސް ދަސްކުރި އެވެ. ޕްލޭމައުތާ ހަވާލުވިއިރު ވެސް އޭނާ އަކީ ބަހަށް ކޮށި މީހެކެވެ. އެކަމަކު ޕްލޭމައުތުގެ ކޯޗެއްގެ ގޮތުގައި އޭނާގެ ފުރަތަމަ ސްޕީޗް ހަތަރު މިލިއަން މީހުން ސޯޝަލް މީޑިއާއިން ބެލި އެވެ.

"އަހަރުމެންގެ މުޅި ހަޔާތުގައި ވެސް އަހަރުމެން ވަރަށް ހާލުގައި އުޅެފިން. ދަތި ހާލުގައި އުޅުން މިއީ އަހަރުމެންގެ ހަޔާތުގެ ބައެއް. މިހެންވެ އަހަރެން އަބަދުވެސް ހުންނަނީ ވަރަށް ޕޮޒިޓިވްކޮށް ކަންކަމާމެދު. އެއީ ކޮންމެ ގޮތެއް ވެސް ވެދާނެތީވެ ތައްޔާރުވެގެން. ހެޑް ކޯޗަކަށް ވުމަށްވުރެ ގިނަ ކަންކަމުގައި އަހަރެން ދަތިކަން އިހުސާސްކުރިން. މެޗަކުން މޮޅުވުމަށްވުރެ، ޑްރޯ އާއި ބަލިވުން ފަދަ ކަންކަން އަވަހަށް ކުރިމަތިވެދާނެކަން އަހަރެން ދަންނަން. އަހަރެން ކުޅުންތެރިންނަށް ވެސް ވިސްނައިދެނީ އަހަރެންގެ ދިރިއުޅުމުގައި ދިމާވި ދަތި އުނދަގޫ ކަންކަމުން ލިބުނު ފިލާވަޅުތަކުގެ އަލީގައި ކޮންމެ ކަމެއް އިސާހިތަކު ވެދާނެ ކަމަށް" ކޯޗު ބުންޏެވެ.

އޭނާ ވަނީ ޕްލޭމަތާ ހަވާލުވުމުގެ ކުރިން ޔޫރޮޕާ ކޮންފަރެންސް ލީގުގައި ބެލްޖިއަމްގެ ސާކަލް ބްރޫޖަށް ކޯޗުކޮށްދީފަ އެވެ.

"އަހަރެންގެ މައިންބަފައިން ވަރަށް ބުރަކޮށް މަސައްކަތް ކުރި އަހަރުމެން ބޭނުންވި ތަކެތި ހޯދައިދޭން. އަހަރެންގެ ބައްޕަ ވޭޓަރެއްގެ ގޮތުގައި 30 އަހަރު ހޭދަކުރި. މަންމަ އަކީ ސާފު ކުރާ މީހެއް. އެމީހުން އަހަރުމެންނަށް ދިރިއުޅުމެއް ހޯދައިދިން. މިއަދު އަހަރެން މި ހިސާބަށް މިއައީ އެމީހުންގެ މަސައްކަތުން. އެއްވެސް ކަމަކީ ނުވާނެ ކަމެއްނޫންކަން މިއިން އެނގެނީ. އަހަރުމެންނަކީ އަސްލު ރެފިއުޖީން" ކޯޗު ބުންޏެވެ.

ނަމަވެސް ލިވަޕޫލް ބަލިކުރެވުމާއެކު މަސްލިޗުގެ ތަރި އަރައިފި އެވެ. އޭނާ އަކީ ކާކުކަން މިހާރު މުޅި ދުނިޔެ ހޯދަން ފަށައިފި އެވެ. ފުރުސަތުތައް ފަހިވާން ފަށައިފި އެވެ. ދިރިއުޅުން ބަދަލުވުމުގެ ކޮޅުމަތި ފެންނަން ފަށައިފި އެވެ.

1999 ވަނަ އަހަރު ކުޅުންތެރިއެއްގެ ގޮތުގައި ފެށި ކެރިއަރު ދޫކޮށް، އޭނާ ކޯޗުކޮށްދޭން ފެށީ 2018 ވަނަ އަހަރު އެވެ. ޕްލޭމައުތާ ހަވާލުވުމުގެ ކުރިން އޭނާ މުޅިން ވެސް ކޯޗުކޮށްދިނީ އޮސްޓްރިޔާގެ ކުލަބުތަކަށެވެ.