ކުޅިވަރު

އުމަރު ގުލްގެ ރިކޯޑު ޝާހީނަށް


ޕާކިސްތާނުގެ ބާރު އުކުންތެރިޔާ ޝާހީން ޝާހު އަފްރީދީ، އެ ގައުމުގެ ލެޖެންޑަރީ އުކުންތެރިޔާ އުމަރު ގުލްގެ ރިކޯޑާ އަރާ ހަމަކޮށްފިއެވެ.

ޗެމްޕިއަންސް ޓްރޮފީގެ ކުރިން ކުޅެމުންދާ ޓްރައި ނޭޝަން މުބާރާތުގައި ނިއުޒީލޭންޑާ ދެކޮޅަށް ޝާހީން ނެގި ވިކެޓްތަކާއެކު އެއް ދުވަހުގެ މެޗުތަކުގައި އޭނާގެ ޖުމުލަ ވަނީ ނުވަޔަކަށް އަރައިފަ އެވެ. މިއީ ގުލް ވެސް ވިކެޓް ނަގާފައިވާ ވަރެވެ. އެއް ދުވަހުގެ މެޗުތަކުގައި ޕާކިސްތާނުން މިއަށްވުރެ އިތުރަށް ވިކެޓް ނަގާފައިވަނީ 10 ވިކެޓް ނަގާފައިވާ ކުރީގެ ކެޕްޓަން ވަސީމް އަކްރަމާއި މުހައްމަދު އިރުފާނެވެ.
ޝާހީން ބުނީ އޭނާ މަސައްކަތް ކުރަނީ ވަކި މީހެއްގެ ރެކޯޑް އަތުލަން ނޫން ކަމަށާއި އަބަދުވެސް މަސައްކަތް ކުރަނީ ޓީމަށް ކާމިޔާބު ހޯދައިދެން ކަމަށެވެ.

"އަހަރެން އަބަދުވެސް ބަލަނީ އަހަރެން ކުރާ ކަމެއް ރަނގަޅަށް ކުރަން. ވިކެޓެއް ނަގަނީ ވަކި ރެކޯޑެއް މުގުލާރާކަށްނޫން. އެކަމަކު މެޗަށް ފަހު މިވެނި ކާމިޔާބީއެއް ހާސިލްވެއްޖެ ކަމަށް އެހެން މީހުން ބުނުމުން އެކަމާ އުފާވޭ. ގުލް އަކީ ވަރަށް މޮޅު އުކުންތެރިއެއް. އޭނާއާ އެއް ސަފެއްގައި ހިމެނުމަކީ އަހަރެންނަށް ލިބޭ ޝަރަފެއް،" ޝާހީން ބުންޏެވެ.

ޗެމްޕިއަންސް ޓްރޮފީ މުބާރާތުގެ ކުރިން ނިއުޒީލޭންޑް އަތުން ބަލިވި ނަމަވެސް ޕާކިސްތާން ދެން ނުކުންނާނީ ދެކުނު އެފްރިކާއާ ދެކޮޅަށެވެ.

މި މަހުގެ 19 އިން އަންނަ މާޗު މަހުގެ 9 އަށް ޕާކިސްތާނުގައި ބާއްވާ މުބާރާތުގައި ކުޅޭނީ އަށް ގައުމެވެ. ގްރޫޕް އޭ ގައި ހިމެނެނީ އިންޑިޔާ އާއި މުބާރާތް ބާއްވާ ޕާކިސްތާނާއި ބަނގްލަދޭޝް އާއި ނިއުޒީލޭންޑެވެ. ގްރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިޔާ އާއި ދެކުނު އެފްރިކާ އާއި އަފްގާނިސްތާނާއި އިންގްލޭންޑެވެ.