ގެދޮރު އެޅުމަށާއި ފްލެޓް ގަތުމަށް ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލްއިން ދޫކުރާ ލޯން ސްކީމްތަކަށް ރައްޔިތުންނަށް ފަސޭހަވާނެ ގިނަ ބަދަލުތަކެއް ގެނެސްފިއެވެ.
މި ބަދަލުތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ރީޓެއިލް ބޭންކިން ޑައިރެކްޓަރ ބަދުރުއްދީން ވިދާޅުވީ ލޯން ސްކީމްތަަކަށް ބަދަލު ގެނެސްފައިވަނީ ރައްޔިތުންނަށް ގެދޮރުވެރިކަން އިތުރަށް ޔަޤީންކޮށްދިނުމަަށާއި ގެދޮރު އިމާރާތްކުރުމުގެ ފުރުޞަތު އިތުރަށް ފަހިކޮށްދިނުމުގެ މަޤުޞަދުގައި ކަމަށެވެ. އަދި މި ބަދަލުތަކާއެކު އަގުހެޔޮކޮށް އަދި މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަވާނެ ކަމަށާއި އިޤުތިޞާދީ ދުވެލި ހަލުވިވެގެންދާނެކަން ބަދުރުއްދީން ފާހަގަކުރެއްވިއެވެ.
"މި ބަދަލުތަކާއެކު ކަސްޓަމަރުންނަށް ދޫކުރާ ފައިނެންސިން އަދަދު މަތިކުރެވޭނެ. މަޝްރޫޢު ހިންގުމަށް ބޭނުންވާ އެކަށީގެންވާ ފައިސާ ހޯދޭނެ މަގު ފަހިކުރެވޭނެ. ބައެއް ރަށްރަށަށް މީގެ ކުރިން ގެދޮރު އަޅަން 1 މިލިޔަން ރުފިޔާގެ ލޯނު ދޫކުރިނަމަވެސް މިހާރު އެ އަދަދު 2 މިލިޔަނަން ވަނީ އިތުރުވެފައި." ބަދުރުއްދީން ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ބީއެމްއެލް އިސްލާމިކްގެ މެނޭޖަރ މަރިޔަމް ޝިރާނީ ވަނީ މިއަދު އިފްތިތާޙުކޮށްފައިވާ ބަދަލުތައް ތަފްސީލީ ގޮތެއްގައި ވިދާޅުވެދެއްވާފައެވެ.
ޝިރާނީ ވިދާޅުވީ މި ސްކީމްގެ ދަށުން މީގެ ކުރިން ލޯނު ދޫކުރަނީ ހަމައެކަނި އެޕާޓްމަންޓް، ރޯ ހައުސްގެ އިތުރުން ސިންގަލް ޔުނިޓް ގަތުމަށް އެކަނި ކަމަށެވެ. ނަމަވެސް މިހާރު ބިމާއި ޕާކުކުރާނެ ޖާގަ ގަތުމަށްވެސް މި ސްކީމްގެ ދަށުން ލޯން ދޫކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝިރާނީ ވިދާޅުވީ ލޯން ނަގާއިރު ދައްކަންޖެހޭ ޑައުންޕޭމަންޓަށްވެސް ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އެގޮތުން 3 މިލިޔަން ރުފިޔާގެ ތަނެއް ގަންނަނަމަ ޑައުންޕޭމަންޓަށް ދައްކަންޖެހޭ އަދަދު 10 އިންސައްތަ ރުފިޔާއަށް ކުޑަކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"3 މިލިޔަންގެ ތަނެއް ގަންނަނަމަ ދައްކަން މި ޖެހެނީ 10 ޕަސެންޓް ޑައުންޕޭމަންޓަށް. 5 މިލިޔަނާއި 3 މިލިޔަން ރުފިޔާއާ ދެމެދުގެ ތަނެއް ގަންނަނަމަ 15 އިންސައްތަ. 5 މިލިޔަނަށްވުރެ މަތިނަމަ 20 އިންސައްތަ. ކުރިން 3 މިލިޔަން ރުފިޔާގެ ތަނެއް ގަންނަނަމަ ދައްކަންޖެހޭނީ 6 ލައްކަ ރުފިޔާ. މިހާރު 3 ލައްކަ ރުފިޔާ." ޝިރާނީ ވިދާޅުވިއެވެ.
ޝިރާނީ ވިދާޅުވީ މި ފައިސާ ރިޓަޔަމެންޓް ޕެންޝަން ސްކީމްގެ ދަށުން، ދެތިން މީހަކު އެކުވެގެން ދެއްކިދާނެ ކަމަށެވެ. މީގެ އިތުރުން ގެދޮރު މަރާމާތުކުރުމަށް ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގގެ ދަށުން ފައިނޭންސް އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް ވަނީ އިތުރުކޮށްފައެވެ. އަދި ފައިނޭންސް ނެގޭ އެންމެ މަތީ އަދަދު 15 މިލިޔަން ރުފިޔާއިން 45 މިލިޔަން ރުފިޔާއަށް ވަނީ އިތުރުކޮށްފައެވެ.
އަދި ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމަށް ދޫކުރާ ހޯމް ބިލްޑް ފައިނޭންސިންގގެ ދަށުން ފައިނޭންސް ނެގޭ އެންމެ މަތީ އަދަދު 2 މިލިޔަން ރުފިޔާއަށް އިތުރުކޮށް، ގިނަ ކަސްޓަމަރުންނަށް ފުރުސަތު ދިނުމަށް ފައިނޭންސަށް ޝަރުތު ހަމަވާ އާމްދަނީގެ އަދަދު ވަނީ ދަށްކޮށްފައެވެ.