ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުމާއި އެއްގޮތަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ސަރުކާރުން ފޯރުކޮށްދޭނެ: ބަންޑާރަނައިބު


  • ސިޔާސީ ހުރިހާ މުވައްޒަފުންގެ މައުލޫމާތު ދޭން ވަނީ އަންގާފައި

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުމާއި އެއްގޮތަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބު މިހެން ވިދާޅުވީ ސިޔާސީ ހުރިހާ މުވައްޒަފުންގެ މައުލޫމާތާއި ލިބޭ މުސާރައިގެ މައުލޫމާތު ހޯދަން އަމިއްލަ ފަރާތްތަކަކުން ހުށަހެޅި މައްސަލާގައި އެ މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމެވި ނިންމުމާއި ގުޅިގެނެވެ.

މި މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަނޑައެޅުއްވީ ސިޔާސީ ހުރިހާ މުވައްޒަފުންގެ ނަމާއި މުސާރައަކީ ޒާތީ މައުލޫމާތެއް ނޫން ކަމަށާއި އެ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް ފަސް ދުވަހުގެ މުއްދަތެއް ވަނީ ދެއްވާފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމެވުން އިސްތިއުނާފްކުރަން ބަނޑާރަނައިބުގެ އޮފީހުން އޭރު ނިންމެވިނަމަވެސް، ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ މިމައްސަލާގައި ދައުލަތުގެ ފަރާތުން 2 ފެބްރުއަރީގައި ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު އަނބުރާ ނެގުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން 3 ފެބްރުއަރީގައި ހައިކޯޓަށް ހުށަހަޅާފައިވާކަމަށެވެ.. އަދި އެ މައުލޫމާތު ހޯދުމަށް އެދުނު ފަރާތަށް އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުމާއި އެއްގޮތަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ރައީސް އޮފީހުން ފޯރުކޮށްދެއްވާނެކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.