ކުޅިވަރު

ރެއާލްއިން ކާމިޔާބު ހޯދަނީ ޑިފެންސް ލައިނުން: ގާޑިއޯލާ


ސްޕެއިންގެ ރެއާލް މެޑްރިޑުން ފާއިތުވެދިޔަ އަހަރުތަކުގައި ހޯދި ކާމިޔާބީގެ އަސްލަކީ އެ ޓީމުގެ ޑިފެންސް ލައިން ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް ދިއުމަށް ރެއާލް އާއި ސިޓީ މިރޭ ކުޅޭ ޕްލޭއޯފް މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ.

"އަހަރެން ރެއާލް މެޑްރިޑް ކުޅޭތަން ވަރަށް ބޮޑަށް ބަލައިފިން. އެމީހުންގެ ކާމިޔާބީ މިދިޔަ އަހރުތަކުގައި ބިނާވެފައި އޮތީ އެ މީހުންގެ ޑިފެންސް ލައިނުގެ މައްޗަށް. ޑިފެންސިވް ޑިސިޕްލިން ރަނގަޅު ވެގެން އެމީހުން ކާމިޔާބު ހޯދާފައިވަނީ. މިހެންވެ އަހަރުމެން މި މެޗަށް ނުކުންނަން ޖެހޭނީ އެކަމަށް ވަރަށް ބޮޑަށް ވިސްނައިގެން،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ މިހެން ބުނި ނަމަވެސް ރެއާލް އަކީ ޔޫރަޕުގައި އޮތް އެންމެ ވަރުގަދަ އެޓޭކިން ލައިން އޮތް އެއް ޓީމެވެ. ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އާއި ފީފާއިން ހޮވި ހުސްވި ސީޒަނުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާ އާއި އެ ގައުމުގެ ރޮޑްރީގޯ އާއި އިނގިރޭސި އެޓޭކިން މިޑްފީލްޑަރު ޖޫޑް ބެލިންހަމް ހުއްޓުވަން ދަތިވާނެ ކަމަށް ގާޑިއޯލާ ވެސް އެއްބަސްވި އެވެ.

"އެއީ ޔަގީން ކަމެއް. މި ޒަމާނުގެ ފުޓްބޯޅައިގައި އެފަދަ ފޯވަޑް ލައިނެއް އޮވެގެން ކުޅޭއިރު އެމީހުން ނުހުއްޓުވޭނެ. އެމީހުންނަކީ ވަރަށް ވަރުގަދަ ފޯވަޑްލައިނެއް. ކޮންމެ ކުޅުންތެރިއަކަށް ބެލި ނަމަވެސް އެމީހުން ހުއްޓުވުމަކީ އެއީ އެއްވެސް ޓީމަކަށް ކުރެވޭނެ ކަމެއްނޫން. އެހެންވީމާ އެކަމަށް ވިސްނައިގެން އުޅެން ހަދައިގެން މޮޅު ނުވެވިދާނެ. އެހެންވީމާ އެމީހުން ދޫކޮށްލާފައި އަހަރުމެންގެ ވިސްނުމާއެކު ކުރިއަށްދާން ޖެހޭނީ،" ގާޑިއޯލާ ބުންޏެވެ.

މި މެޗާ ކުރިމަތިލާއިރު ސިޓީ ވަނީ މި ސީޒަނުގައި ވަރަށް ބޮޑަށް އަޑިއަޅާލައިފަ އެވެ. ޕްރެމިއާ ލީގުގެ ނަތީޖާ ވަރަށް ގޯސްވެފައިވާއިރު، ޗެމްޕިއަންސް ލީގުގެ ޕްލޭއޯފްއާ ހަމައަށް ދަތުރު ކުރެވުނީ ވެސް ކިރިޔަ ކިރިޔާ އެވެ. ގާޑިއޯލާ ގަބޫލު ކުރާ ގޮތުގައި ޓީމުގެ ނަތީޖާ ގޯސްވުމުގެ ސަބަބަކީ ގިނަ ކުޅުންތެރިންތަކަކަށް އަނިޔާވުމެވެ.

"އަހަރެންނަށް އަދިވެސް މި މެޗުގެ ފުރަތަމަ 11 ޔަގީނެއްނޫން. ކޮންމެ ވަގުތެއްގައި އެކަން ބަދަލުވެދާނެ. ސަބަބަކީ އަހަރެންގެ ޓީމުގައި އަނިޔާގެ މައްސަލަ ގިނަވުން. މިހެންވީމަ އަހަރުމެން މި ތިބީ އެހާ ރަނގަޅު ފައްތަރެއްގައެއްނޫން. އަހަރުމެންގެ ހާލަތު ގޯސް. އެކަމަކު ވެސް އަހަރުމެން އެބަޖެހޭނަތީޖާތައް ރަނގަޅު ކުރަން،" ގާޑިއޯލާ ބުންޏެވެ.

ރެއާލް މެޑްރިޑަކީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމެވެ. ސިޓީ މި މުބާރާތް ކާމިޔާބު ކުރީ މީގެ ދެ އަހަރު ކުރިން ގާޑިއޯލާގެ ކޯޗުކަމުގަ އެވެ.