ކުޅިވަރު

ޖެނުއަރީގައި ކުޅުންތެރިން ގެނައުމަކީ ޕޮލިސީއެއްނޫން: ރެއާލް މެޑްރިޑް


ހުސްވި ޖެނުއަރީ މަހު އެއްވެސް ކުޅުންތެރިއަކު ނުގެނައީ އެއީ އެކުލަބުގެ ޕޮލިސީއަކަށް ނުވާތީ ކަމަށް ރެއާލް މެޑްރިޑުން ބުނެފި އެވެ.

ސްޕޭނުގެ ނޫސްތަކުން ބުނަނީ ރެއާލް މެޑްރިޑުން މިކަމުގައި ސީދާ ވާހަކަ ނުދެއްކި ނަމަވެސް ޖެނުއަރީ މަހު ކުޅުންތެރިން ގަތުމަށް ހޭދަކުރުމަކީ ކުލަބުގެ ޕޮލިސީ ނޫން ކަމަށެވެ.

"(ރެއާލްގެ ރައީސް) ފްލޮރެންޓީނޯ ޕެރޭޒްގެ ޕޮލިސީއެއްނޫން އެއީ. ސަބަބަކީ މާކެޓް ރޭޓަށްވުރެ އަގުބޮޑުކޮށް ކުޅުންތެރިން ގަންނަން ޖެހޭތީވެ. ޕެރޭޒް މިހާރު ވަރަށް އިސްކަންދޭ ކަމެއް ރެއާލް މެޑްރިޑްގެ ފައިސާ ހެޔޮ ގޮތުގައި ބޭނުން ކުރަން. ފައިސާ ހުއްޓޭ ކިޔާފައި ހޭދަކުރާކަށް އޭނާ ބޭނުމެއްނުވޭ. އޭގެ ބަދަލުގައި އެންމެ ރަނގަޅު އަގުގައި ކުލަބަށް އެންމެ ފައިދާހުރި ގޮތަށް ހަރަދު ކުރަން އޭނާ ބޭނުންވަނީ. މިހެންވެ ޖެނުއަރީގައި ހޭދަކުރަން އޭނާ ބޭނުމެއްނުވޭ،" ސްޕޭނުގެ ނޫސްތަކުން ބުންޏެވެ.

ރެއާލްއިން މި ސީޒަނުގައި ގެނައި ތަރިއަކީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. އޭނާ ގެނައީ ހިލޭ ޓްރާންސްފާގަ އެވެ. އަންނަ ސީޒަނަށް ރެއާލްއިން ގެންނާނެ ކަމަށް ބެލެވެނީ ލިވަޕޫލްގެ ކަނާތުބެކް ޓްރެންޓް އެލެގްޒެންޑާ އާނޮލްޑެވެ. ޖެނުއަރީ މަހު އޭނާ އަށް 20 މިލިއަން ޕައުންޑް ހޭދަކުރަން ފުރަތަމަ ވިސްނި ނަމަވެސް އެ ހިޔާލު ދޫކޮށްލީ މި ސީޒަނަށް ފަހު އޭނާގެ ކޮންޓްރެކްޓް ހަމަވާތީ އެވެ.