ޚަބަރު

43 އިންސައްތައިގެ ކުރިއެރުމަކާއެކު މިދިޔަމަހު މީރާއަށް 3.34 ބިލިޔަން ރުފިޔާ


  • މިއީ އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ %5 އިންސައްތަ އިތުރު އަދަދެއް

މިދިޔަމަހު މޯލްޑިވްސް އިންލަންޑު ރެވެނިއު އޮތޯރިޓީ، މީރާއަށް 3.34 ބިލިޔަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން ހާމަކުރައްވައިފިއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ނިމުނު ޖެނުއަރީމަހު މީރާއަށް ލިބުނު 3.34 ބިލިޔަން ރުފިޔާގެ އާމްދަނީއަކީ އޭގެ ކުރީމަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީއާ އަޅާބަލާއިރު، %43 އިތުރު އަދަދެއްކަމަށެވެ. އަދި މިއީ ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެވެސް %5 އިންސައްތަ އިތުރު އަދަދެއްކަމަށް މީރާއިން ވިދާޅުވެއެވެ.

މީރާއިން ވިދާޅުވީ ޖެނުއަރީ 2024ގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު ޖެނުއަރީ 2025ގައި ލިބިފައިވާ އާމްދަނީ މަދުވުމުގެ މައިގަނޑު އެއް ސަބަބަކީ ކުންފުނިތަކާއި ފަރުދުން ނޫން އެހެން ފަރާތްތަކުގެ އާމްދަނީން ޓެކްސް ނެގުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކުރުމުންކަމަށެވެ. އެހެންނަމަވެސް މި މުއްދަތުގައި ޖީއެސްޓީގެ އާމްދަނީ އިތުރުވެފައިވުމާއި 1 ޑިސެންބަރު 2024 ފެށިގެން އެއަރޕޯޓު ޓެކުހާއި ފީގެ ރޭޓު އިތުރުވުމާއި ގުޅިގެން، މިދިޔަމަހު އެ ޓެކްސްތަކުން ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަން މީރާއިން ފާހަގަކުރައްވައެވެ.

މީރާއިން މަޢުލޫމާތު ދެއްވިގޮތުގައި މިދިޔަ މަހަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ 5 އިންސައްތަ އިތުރުވެފައިވާ މައިގަނޑު އެއް ސަބަބަކީ ގްރީން ޓެކުހާއި ވަރކް ޕަރމިޓް ފީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އަދި ކޯޕަރޭޓް އިންކަމް ޓެކްސްތަކުން އާމްދަނީ އިތުރުވުމެވެ. އަދި އިންކަމް ޓެކްސް ދެއްކުމުގެ ސުންގަޑީގެ މުއްދަތު އިތުރުކުރި ނަމަވެސް، ޖީއެސްޓީއާއި ކޯޕަރޭޓް އިންކަމް ޓެކްސް ސުންގަޑީގެ ކުރިން ދައްކާފައިވުމީ މި މުއްދަތުގައި ލިބިފައިވާ އާމްދަނީ އިތުރުވި ސަބަބެއްކަން އެ އޮތޯރިޓީން ފާހަގަކުރައްވައެވެ. އަދި އަންދާޒާކޮށްފައިވާ އަދަދަށްވުރެ %2 އިތުރަށް ފަތުރުވެރިން ރާއްޖެ އައުމުން ފަތުރުވެރިކަމާއި ގުޅުންހުރި އާމްދަނީ އިތުރުވެފައިވާކަަމަށްވެސް މީރާއިން ވިދާޅުވިއެވެ. އަދި މިދިޔަ މަހު ލިބިފައިވާ އާމްދަނީގެ %11އަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާކަމުން މިއީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެއްކަން މީރާއިން ފާހަގަކުރައްވައެވެ.

މީރާއިން ވިދާޅުވީ މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ ކަމަށެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 1.59 ބިލިޔަން ރުފިޔާ ލިބުނުއިރު، އެއީ އާމްދަނީގެ %47.7އެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 115.39 މިލިޔަން ރުފިޔާއާއި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 65.11 މިލިޔަން ރުފިޔާ ލިބިފައިވާކަމަށްވެސް މީރާއިން ވިދާޅުވިއެވެ.

މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 125.49 މިލިޔަން އެމެރިކާ ޑޮލަރު ހިމެނޭކަމަށް މީރާއިން ވިދާޅުވެއެވެ.