މަދަނީ އިޖުރާއަތުގެ ޤާނޫނު އިސްލާޙުވުމާއެކު މަދަނީ މައްސަލަތައް ނިންމަން ހޭދަވާ މުއްދަތު އެތައް ގުނައެއްް އަވަސްވެެގެންދާނެކަމަށް ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ރައީސް ޙުސައިން ރިޟާ އާދަމް ވިދާޅުވެއްޖެއެވެ.
ޖޭއެސްސީގެ ރައީސް މިހެން ވިދާޅުވީ ފާއިތުވި އަހަރުގެ ތެރޭގައި ޝަރުޢީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުވި މިންވަރު ދެނެގަނެ ފެށޭ އަހަރަށް ލަނޑުދަނޑިތައް ކަނޑައެޅުމަށް ބާއްވާ ޤަޟާއީ އަހަރު އިފްތިތާޙުކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ޤަޟާއީ އަހަރު 2025 އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ރައީސް ޙުސައިން ރިޟާ އާދަމް ވިދާޅުވީ ޖުޑިޝަލް ސަރވިސް ކޮމިޝަނަށް އެންމެ ގިނައިން ހުށަހެޅެނީ މައްސަލަތައް ނިމުން ލަސްވުމުގެ ޝަކުވާކަމަށެވެ. އެހެންކަމުން މައްސަލަތައް ލަސްވާ ސަބަބުތައް ދެނެގަނެ ކޯޓުތަކުގައި މައްސަލަތައް ނިންމޭ މިންވަރު އިތުރުކުރުމަށް މި އަހަރު ޚާއްސަ އިސްކަމެއްދީގެން ކޮމިޝަނުން މަސައްކަތްކުރައްވާނެކަމަށް ޖޭއެސްސީގެ ރައީސް ވިދާޅުވިއެވެ.
ޖޭއެސްސީގެ ރައީސް ވިދާޅުވީ މައްސަލަތައް ލަސްވާ ސަބަބުތަކުގެ ތެރޭގައި އަޑުއެހުން ޝެޑިޔުލްކުރުމަށްފަހު ކެންސަލްކުރަން ޖެހުން ހިމެނޭކަމަށެވެ. އެހެންކަމުން އަޑުއެހުންތައް ކެންސަލްކުރަންޖެހޭ މިންވަރު މަދުކުރުމަށް މަސައްކަތްތަކެއް ކުރައްވާނެކަމަށްވެސް ޖޭއެސްސީގެ ރައީސް ވިދާޅުވިއެވެ.
"ކޮންމެ 3 މަހަކުން އަޅުގަނޑުމެން ބަލާނަން މައްސަލަތައް ކެންސަލްކުރެވިފައިވާ ގޮތުގެ ތަފާސްހިސާބު. އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން" ޙުސައިން ރިޒާ ވިދާޅުވިއެވެ.
ޖޭއެސްސީގެ ރައީސް ވިދާޅުވީ 2021 ވަނަ އަހަރު ފާސްކުރި މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ހުރި ބައެއް ކަންކަމުގެ ސަބަބުން އެ ފަދަ މައްސަލަތައް ވަރަށް ބޮޑަށް ލަސްވެފައިވާކަމަށެވެ. އެހެންކަމުން ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް އެކުލަވާލައި، މަޖިލީހަށް ބިލު ހުށައެޅުމަށް ބަންޑާރަނައިބުގެ އޮފީހަށް ހުށައަޅާފައިވާކަމަށާއި ޤާނޫނަށް ގެނެވޭ އައު އިސްލާހުތަކާއެކު މަދަނީ މައްސަލަތައް ކުރިއަޅާބަލާއިރު 60 އިންސައްތަ އަވަސްކުރެވޭނެކަމަށްވެސް ޖޭއެސްސީގެ ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ޝަރުޢީ ދާއިރާގެ ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްވެސް ޖޭއެސްސީގެ ރައީސް އަލިއަޅުވާލެއްވިއެވެ. އެ ގޮތުން ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކޯޓު ކޮމްޕްލެކްސް އަޅައިދެއްވާނެ ކަމަށާއި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެކަމަށްވެސް ޖޭއެސްސީގެ ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޝަރަފުވެރިކަމާއެކު މުސްކުޅިކުރެވިފައިވާ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކު ތަކްރީމްކުރައްވާފައިވެއެވެ. މި ރަސްމިއްޔާތުގައި ތަކްރީމްކުރެއްވީ ކުރިން ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ އަދި މިހާރުގެ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފެވެ.
ޤަޟާއީ އަހަރު އިފްތިތާޙުކޮށްފައިވާއިރު، މި އަހަރުގެ ޝަރުޢީ ދާއިރާގެ ލަނޑުދަނޑިތައް ކަނޑައަޅައި ޝަރުޢީ ނިޒާމު ހަރުދަނާކުރުމަށް މަޝްވަރާތައް ކުރިއަށްގެންދިއުމަށް ފަނޑިޔާރުންގެ މަހާސިންތާ ކުރިއަށްދާނެއެވެ.