ޚަބަރު

ޖުޑީޝަރީ ހަރުދަނާކުރެވޭނީ ޤާނޫނުގެ ބާރު ނަގަހައްޓައިގެން: އުއްތަމަ ފަނޑިޔާރު


  • ޓެކްނޮލޮޖީ ބޭނުންކުރެވޭ މިންވަރު އިތުރުކޮށް، ޖުޑީޝަރީއަށް ކުރިއެރުން ހޯދޭނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވި

  • މައްސަލަތައް އަވަސްކުރަން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ވަނީ ދެނެގަނެވިފައި

ފުރިހަމަ ދައުލަތެއްގެ ތެރެއިން ރައްޔިތުންނަށް ލިބިދޭންޖެހޭ ހައްޤުތައް ކަށަވަރު ކުރެވޭނީ ދައުލަތުގެ ހުރިހާ މުއައްސަސާއަކުންވެސް ޤާނޫނުގެ ބާރު ނަގަހައްޓައިގެންކަމަށް އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުޠަޞިމް ޢަދުނާން ވިދާޅުވެއްޖެއެވެ.

އުއްތަމަފަނޑިޔާރު މިހެން ވިދާޅުވީ "ޤަޟާއީ އަހަރު 2025" އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އުއްތަމަފަނޑިޔާރު އަޙްމަދު މުޢުޠަޞިމް ޢަދުނާން ވިދާޅުވީ ކޯޓުތަކުގައި ހުރި ތަފާތު އެކި މައްސަލަތައް އަވަސްކޮށް ޤާނޫނު ނަގަހައްޓައި ކުރިއަރުވަން ޝަރުޢީ ދާއިރާއިން މުޙިއްމު މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށެވެ. އަދި އެކަމުގައި ލިބިވަޑައިގަންނަވާ އެއްބާރުލުން ފާހަގަކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ޤާނޫނީ ވެރިކަން ނެގެހެއްޓުމުގެ މަސައްކަތް ޙިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއެކު ފަނޑިޔާރުން ކުރައްވާނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

"ރާއްޖޭގެ ޖުޑިޝަރީ މިހާރަށްވުރެ ހަރުދަނާކުރުމަށް މި ކުރާ މަސައްކަތް ކާމިޔާބު ވާނީ ވެރިކަން ހިންގުމުގެ ބާރާއި ޤާނޫނު ހެދުމުގެ ބާރާއި މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު ކޮމިޝަންތަކާއި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ގުޅިގެން، ޖުޑިޝަރީގެ މިޝަންކަމުގައިވާ ޤާނޫނުގެ ވެރިކަން ނެގެހެއްޓުމުގައި ރައްޔިތުންގެ އިތުބާރު ލިބި މުޖުތަމަޢުގައި ހަމެޖެހުން ޤާއިމްވެގެން" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ޓެކްނޮލޮޖީގެ އެހީއާއެކު މިދިޔަ އަހަރު ޝަރީޢަތްތައް އަވަސްކުރެވި ޝަރުޢީ ދާއިރާގެ ދުވެލި ހަލުވި ކުރެވުނު ކަމަށާއި އުންމީދަކީ މިއަހަރުވެސް ޝަރުޢީ ދާއިރާގައި ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު އިތުރުކުރުންކަމަށެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ މި އަހަރަކީވެސް އާޓިފިޝަލް އިންޓަލެޖެންސާއި ޓެކްނޮލޮޖީއާއި ޒަމާނީ ވަޞީލަތްތައް ޝަރުޢީ ދާއިރާގައި ބޭނުންކޮށް އިތުރު ކުރިއެރުންތަކެއް މި ދާއިރާއަށް ހޯދޭނެ އަހަރަކަށްވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ފާއިތުވި އަހަރު ޝަރުޢީ ކޯޓުތަކުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވައި ދިމާވި އެކި ދަތިތަކާއެކުވެސް ޢަދުލު އިންސާފު ޤާއިމްކުރުމަށް ފަނޑިޔާރުން ކުރެއްވި މަސައްކަތަށް އެމަނިކުފާނު ތަޢުރީފުކުރެއްވިއެވެ.

"ފުރިހަމަ ގޮތެއްގައި ދައުލަތެއް ހިންގާ ރައްޔިތުންގެ ހައްޤުތައް ކަށަވަަރުކުރެވޭނީ ޤާނޫނީ ބާރު ނަގަހައްޓައިގެން. މިކަމުގައި ދައުލަތުގެ 3 ބާރުގެ އިތުރުން މުސްތަގިއްލު އޮފީސްތަކާއި މުއައްސަސާތަކުގެ ބޮޑު ޒިންމާއެއް އެބައޮތް. އަދި އިންސާފު ޤާއިމްކޮށް ސުލްޙަ މަސަލަސްކަން ޤާއިމްކުރުމަށް ރާއްޖޭގައި މިވަގުތު ތިއްބެވި 182 ފަނޑިޔާރުން ވަރުބަލިކަމެއްނެތި ކުރައްވާ މަސައްކަތް ފާހަގަކުރަން." އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރުޢީ ނިޒާމުގެ ތެރެއިން މައްސަލަތައް ލަސްވުން ޙައްލުކުރުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ދެނެގަނެފައިވާ ކަމަށެވެ. އަދި މި ބަދަލުތައް މި އަހަރު ގެނެވޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.