ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތަށް ޕާކިސްތާނުގެ ނެޝަނަލް ބޭންކް ސްޓޭޑިއަމް މަރާމާތުކޮށްދިން މަސައްކަތު މީހުންގެ އަގުވަޒަންކޮށްފިއެވެ.
މުބާރާތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގެ ކުރިން ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ޗެއާމަން މޮހްސިން ނަގްވީ ވަނީ މަސައްކަތްތެރިންނަށް ހާއްސަ ކެއުމަށް ބާއްވައިފަ އެވެ. މި ސްޓޭޑިއަމުގެ މަރާމުގެ މަސައްކަތުގައި 700ވުރެ ގިނަ މީހުން އުޅުނެވެ. މި އެންމެނަށް ހާއްސަ ކެއުމެއް ބާއްވައި އެމީހުންނާއެކު ކެއުމުގައި ނަގްވީގެ އިތުރުން ޕާކިސްތާނުގެ ކްރިކެޓް ޓީމުގެ ކެޕްޓަން މުހައްމަދު ރިޒްވާން ވެސް ބައިވެރިވި އެވެ.
މިއަށްފަހު ވަނީ ޗެމްޕިއަންސް ޓްރޮފީގެ ކުރިން ދެކުނު އެފްރިކާއާއެކު ޕާކިސްތާން ކުޅޭ މެޗު ބަލަން ހުރިހާ މަސައްކަތްތެރިންނަށް ފުރުސަތު ދީފަ އެވެ.
"މިއީ ކަލޭމެންނަށް ހައްގުވާ ކަމެއް. މި މެޗު އެންމެން ދަނޑުގައި ތިބެ ބަލަންވާނެ. ޕާކިސްތާން ކްރިކެޓް ބޯޑުން ހުރިހާ މަސައްކަތްތެރިންގެ އަގު ވަޒަންކުރަން. މި ދަނޑުގެ މަސައްކަތް އެންމެ 120 ދުވަހުން މިހާ ފުރިހަމަ އަށް ނިންމާލެވުނީ ތިޔަ ބޭފުޅުންގެ މަސައްކަތުން،" ނަގްވީ ވިދާޅުވި އެވެ.
ޕާކިސްތާނުގެ ނޫސްތަކުން ބުނަނީ ކްރިކެޓް ޗެއާމަންގެ އަރިހުން އެންމެ ގިނަ ބަޔަކު އެހި ސުވާލަކީ ޕާކިސްތާނު ޓީމަށް މުބާރާތް ކާމިޔާބު ކުރެވޭނެތޯ ކަމަށެވެ. ޖަވާބުގައި ނަގްވީ ވިދާޅުވި ކަމަށް ވަނީ 2017 ވަނަ އަހަރު ހޯދި ތަށި ދިފާއު ކުރެވޭނެ ކަމާމެދު ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށެވެ.
ޗެމްޕިއަންސް ޓްރޮފީ މުބާރާތް ކުޅޭނީ ޕާކިސްތާނުގެ ތިން ދަނޑެއްގަ އެވެ. އެއީ ލާހޯރުގައިވާ ގައްދާފީ ސްޓޭޑިއަމާއި ރާވަލްޕިންޑީގައިވާ ދަނޑުގެ އިތުރުން ކަރާޗީގެ ދަނޑުގަ އެވެ. މީގެ ތެރެއިން އެންމެ ބޮޑަށް މަރާމާތް ކޮށްފައިވަނީ ކަރާޗީ އަދި ލާހޯރުގައިވާ ދަނޑެވެ.
މި މަހުގެ 19 އިން އަންނަ މާޗު މަހުގެ 9 އަށް ޕާކިސްތާނުގައި ބާއްވާ މުބާރާތުގައި ކުޅޭނީ އަށް ގައުމެވެ. ގްރޫޕް އޭ ގައި ހިމެނެނީ އިންޑިޔާ އާއި މުބާރާތް ބާއްވާ ޕާކިސްތާނާއި ބަނގްލަދޭޝް އާއި ނިއުޒީލޭންޑެވެ. ގްރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިޔާ އާއި ދެކުނު އެފްރިކާ އާއި އަފްގާނިސްތާނާއި އިންގްލޭންޑެވެ.
ޕާކިސްތާނުން މުބާރާތް ފަށާނީ ކަރާޗީގެ ނެޝަނަލް ބޭންކް ސްޓޭޑިއަމުގައި މި މަހުގެ 19 ވަނަ ދުވަހު ނިއުޒީލޭންޑާ ދެކޮޅަށް ކުޅޭ މެޗުންނެވެ. މި މެޗަށް ފަހު ޕާކިސްތާން ދަތުރުކުރާނީ މި މަހުގެ 23 ވަނަ ދުވަހު ޑުބާއީ އަށެވެ. އެއީ އެންމެ ވާދަވެރި އިންޑިޔާއާ ދެކޮޅަށް ކުޅޭށެވެ. މި މުބާރާތުގައި އިންޑިޔާގެ މެޗުތައް ޑުބާއީގައި ކުޅެނީ އެ ގައުމުގެ ޓީމު ޕާކިސްތާނަށް އައުމަށް އިންޑިޔާ ސަރުކާރުން ހުއްދަ ނުދޭތީ އެވެ. ޕާކިސްތާން ގްރޫޕުގެ ފަހު މެޗުގައި ނުކުންނާނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ރާވަލްޕިންޑީގައި ބަނގްލަދޭޝްއާ ދެކޮޅަށެވެ.