ޚަބަރު

ފަތުރުވެރިންގެ އަދަދު 3 ލައްކައިން މައްޗަށް، މިއީ %9.7 ކުރިއެރުމެއް


  • ދުވާލެއްގެ މައްޗަށް 7000 އަށްވުރެ ގިނަ ފަތުރުވެރިން އާދޭ

  • އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 7000 އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން 1 ޖަނަވަރީން 11 ފެބްރުއަރީގެ ނިޔަލަށް ރާއްޖެއަށް 303،447 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9.7 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 269،588 ފަތުރުވެރިންނެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން %69.4 މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އަދި %25.6 މީހުން ގެސްޓްހައުސްތަކުގައި %2.6 މީހުން ހޮޓެލްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތައް:

* ޗައިނާ: 50,979 ފަތުރުވެރިން
* ރަޝިއާ: 28,997 ފަތުރުވެރިން
* އިނގިރޭސިވިލާތް: 27،917 ފަތުރުވެރިން
* އިޓަލީވިލާތް: 27،901 ފަތުރުވެރިން
* ޖަރުމަނުވިލާތް: 17,914 ފަތުރުވެރިން

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1134 ތަނެއް ވަނީ ހުޅުވާފައެވެ. އެއީ މުޅި ޖުމްލަ 60،995 އެނދެވެ.