ފަަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ވަޒަނުން ބާލައި، އުރުދުނަށް ބަދަލު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުރުދުންގެ ރަސްގެފާނު ޢަބްދުاللهއަށް ބާރުއަޅުއްވައިފިއެވެ. އޭނާ މި ކަމަށް ބާރު އަޅުއްވާފައި ވަނީ ރަސްގެފާނު ޢަބްދުاللهއާ އެކު ވޮޝިންގޓަނުގައި ބޭއްވެވި ބައްދަލު ކުރެއްވުމެއްގައެވެ. ޣައްޒާގެ ރައްޔިތުން ވަޒަނުން ބާލައި، އެ ބިމަށް ވެރިވެގަނެ، އެ ތަން ފަތުރުވެރިކަމުގެ މަންޒަލެއްގެ ގޮތުގައި ތަރައްޤީ ކުރާނެ ކަމުގައި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭލުމަށް ފަހު ޓްރަމްޕް ހުށަހަޅުއްވާފައި ވަނީ އެ މީހުން އުރުދުންގެ އިތުރުން މިޞްރަށް ބަދަލު ކުރުމަށެވެ. އަދި، އެ ދެ ޤައުމުން ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅޭނެ ބިމާއި އިންތިޒާމުތައް ހަމަޖައްސައިދިނުމަށެވެ. ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގައި ރަސްގެފާނު ޢަބްދުالله ވަނީ ޓްރަމްޕްގެ ހުށަހެޅުއްވުމަށް އިންކާރު ކުރައްވާފައެވެ. ނަމަވެސް، ޓްރަމްޕް ހުންނެވީ ގޮތް ދޫކުރައްވާ ގޮތަކަށް ނޫނެވެ.
ރަސްގެފާނު ޢަބްދުاللهއާ އެކު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޣައްޒާ ފޭރިގަތުމަށް އޭނާ ގެންގުޅުއްވާ ވިސްނުން ބަދަލު ނުކުރައްވާނެ ކަމުގައެވެ. ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޒަޔަނިސްޓު ޔަހޫދީން ހިންގި ލާއިންސާނީ ޤަތުލުޢާންމަށް ފަހު އެ ސަހަރު މި ވަގުތު އޮތީ ސުންނާފަތި ކޮށްލާފައެވެ. ޔަހޫދީ ފައުޖުން އެ ކަން ކޮށްފައި ވަނީ އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައެވެ. ޣައްޒާ ސުންނާފަތިކޮށް، 61,000ށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައި ވަނީ އެމެރިކާއިން ފޮނުވަމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތައް ބޭނުން ކޮށްގެންނެވެ.
ޣައްޒާ ފޭރިގަނެ، އެއީ އެމެރިކާގެ ތަނަކަށް ހަދާނެ ކަމުގައި ޓްރަމްޕް ވިދާޅުވުމުން ފަލަސްޠީނުގެ ރައްޔިތުންގެ އިތުރުން ޢަރަބި ދުނިޔެއިން ވަނީ އެ ކަމާ މެދު ނުރުހުންވެ، ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި، އެ ހުށަހެޅުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. ޣައްޒާގެ ރައްޔިތުން ވަަޒަނުން ބޭލުމަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ހުށަހެޅުމަށް މިޞްރާއި އުރުދުން އަދި ފަލަސްޠީނުގެ އިތުރުން ޢަރަބި ޤައުމުތަކުން ވެސް ދަނީ އިންކާރު ކުރަމުންނެވެ.
"އަޅުގަނޑުމެން އެ ތަން [ޣައްޒާ] އަތުލާނަން. އެ ތަން ހިފަހައްޓާނަން، ލޯތްބާއި އަޅައިލުމާ އެކު އެ ތަން ބަލަހައްޓާނަން. ކޮންމެ ވެސް ދުވަހަކުން އަޅުގަނޑުމެން އެ ތަން ހޯދާނަން، އެއިރުން މެދުއިރުމަތީގެ [ޤައުމުތަކުގެ] ރައްޔިތުންނަށް އެ ތަނުގައި ވަޒީފާތައް އުފައްދައިދެވޭނެ،" ރަސްގެފާނު ޢަބްދުاللهއާ އެކު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ. މިއީ، މެދުއިރުމަތީގައި ދާއިމީ ގޮތެއްގައި ސުލްޙަ ޤާއިމު ކުރުމުގެ ނިޔަތުގައި ކުރާނެ ކަމެއް ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު އެކްސް (ކުރިން ޓްވިޓަރ)ގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައި ރަސްގެފާނު ޢަބްދުالله ވަނީ، ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރު ކުރުމާ މެދު އޭނާ ގެންގުޅުއްވާ ވިސްނުން ތަކުރާރު ކުރައްވާފައެވެ. "ހުރިހާ ޢަރަބިން އެއްބަސްވާ ނިންމުމަކީ މިއީ. ޣައްޒާއިން ފަލަސްޠީނުގެ ރައްޔިތުން ބޭރު ނުކޮށް، އެ ތަން އަލުން އާރާސްތު ކުރުން، އަދި އިންސާނީ މުސީބާތުން [ޣައްޒާގެ ރައްޔިތުން] ސަލާމަތް ކުރުމަކީ އެންމެ މަތީ ޒިންމާއަށް ވާންޖެހޭނެ،" އޭނާ ވިދާޅުވިއެވެ.
ރަސްގެފާނު ޢަބްދުالله ޓްރަމްޕްގެ ހުށަހެޅުއްވުމަށް ތަކުރާރުކޮށް އިންކާރު ކުރެއްވުމުން ވެސް ޓްރަމްޕް ވަނީ އޭނާގެ ވިސްނުން ދޫކޮށްނުލައްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި، ކުރިއަށް އޮތް ދުވަސްތަކުގައި އުރުދުންގެ އިތުރުން މިޞްރުން ވެސް އޭނާގެ ހުށަހެޅުމަށް އެއްބަސްވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. ސަބަބަކީ، އެ ދެ ޤައުމަކީ ވެސް އެމެރިކާގެ އިޤުތިޞާދީ އަދި އަސްކަރީ އެހީއަށް ބަރޯސާވަމުންދާ ޤައުމުތަކެއް ކަމުގައި ވުމެވެ. އެ ކަން އެ ގޮތަށް ނުކޮށްފި ނަމަ، އެ ދެ ޤައުމަށް އެމެރިކާއިން ފޯރުކޮށްދެމުންދާ އެހީ ކަނޑައިލާނެ ކަމަށް ވިދާޅުވެ، ޓްރަމްޕް މީގެ ކުރިން އިންޒާރު ދެއްވާފައިވެއެވެ.
"އަޅުގަނޑު ޤަބޫލު ކުރަނީ އުރުދުނުން [ޣައްޒާގެ ރައްޔިތުން ބަދަލު ކުރުމަށް] އަޅުގަނޑުމެންނަށް ބިންކޮޅެއް ލިބޭނެ ކަމަށް،" ޓްރަމްޕް ވިދާޅުވިއެވެ. "މިޞްރުން ވެސް ބިންކޮޅެއް ލިބޭނެ ކަމަށް ޤަބޫލު ކުރަން. އެހެން ތަނަކުން ވެސް ހަމަޖައްސަން ޖެހިދާނެ، ނަމަވެސް، އަޅުގަނޑުމެންގެ މަޝްވަރާތައް ނިމުމުން [ޣައްޒާގެ ރައްޔިތުންނަށް] އުފާވެރިކަމާއި ރައްކާތެރިކަމާ އެކު ދިރިއުޅެވޭނެ ބިމެއް ހަމަޖައްސައިދެވޭނެ."
ޣައްޒާގެ ރައްޔިތުން އުރުދުނަށް ބަދަލު ކުރުމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ރަސްގެފާނު ޢަބްދުاللهއަށް ބާރު އެޅުއްވުމުން އޭނާ ވިދާޅުވީ، އޭނާގެ އެންމެ މަތީ މަސްލަޙަތު ގުޅިފައި ވަނީ އުރުދުންގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށް ކަށަވަރު ކޮށްދިނުމަށް ކަމުގައެވެ. ނަމަވެސް، ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ ފަލަސްޠީނުގެ 2,000 ކުޑަކުދިން އުރުދުނަށް ގެންގޮސް ޞިއްޙީ ފަރުވާ ދިނުމަށް ތައްޔާރަށް ހުންނެވި ކަން އޭނާ ހާމަކުރެއްވިއެވެ.
ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭލުމަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ހުށަހެޅުމުގެ ރައްދުގައި ޢަރަބި ޤައުމުތަކުން އައު ހުށަހެޅުމެއް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަން ވެސް ރަސްގެފާނު ޢަބްދުالله އިޢުލާނު ކުރެއްވިއެވެ. ޢުރުދުންގެ ޚާރިޖީ ވަޒީރު އަޔިމަން ޞަފާދީ ވަނީ މި ކަން ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ، މިޞްރުން އިސްވެ، ޢަރަބި ޤައުމުތަކާ ގުޅިގެން، ޣައްޒާ އަލުން އާރާސްތު ކުރާނެ ގޮތުގެ ރޭވުމެއް އެކުލަވައިލުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.
އުރުދުނަކީ ސަޢޫދީ ޢަރަބިއްޔާއާއި ސޫރިޔާ އަދި އިސްރާއީލުގެ އިތުރުން ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާ އިންވެގެން އޮތް ޤައުމެކެވެ. އެ ޤައުމުގައި މި ވަގުތު ވެސް ފަލަސްޠީނުގެ ދެ މިލިޔަނަށް ވުރެ ގިނަ ރެފިއުޖީން ދަނީ ދިރިއުޅެމުންނެވެ. އެއީ، އެމެރިކާގެ އެހީތެރިކަމަށް ބަރޯސާވަމުންދާ ޤައުމަކަށް ވާއިރު، ކޮންމެ އަހަރަކު ވެސް އެމެރިކާއިން ދަނީ 1.45 ބިލިޔަން އެމެރިކާ ޑޮލަރު އެހީގެ ގޮތުގައި އުރުދުނަށް ފޯރުކޮށްދެމުންނެވެ. ނަމަވެސް، ޓްރަމްޕްގެ އައު ސިޔާސަތުތަކުގެ ދަށުން މި ވަގުތު އެ އެހީ އޮތީ ހިފަހައްޓާފައެވެ.