ކުޅިވަރު

ބަޔާން މިއުނިކަށް ރަތް ޖާޒީ ލުން މަނާކުރީތަ؟


ޖަރުމަނުގެ އެންމެ ކާމިޔާބު ޓީމު ބަޔާން މިއުނިކަށް ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި އެ ކުލަބުގެ ރަސްމީ ރަތް ޖާޒީ ލުން ޔޫރަޕުގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ (ޔުއޭފާ) އިން މަނާކޮށްފިއެވެ.

ޖަރުމަނުގެ މީޑިއާތަކުން ބުނަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ފިޔަވަހީގެ ގިނަ މެޗުތަކުގައި ބަޔާންއިން އެ ކުލަބުގެ ކްރީމް ކުލައިގެ ޖާޒީ އާއި ކަޅު ޖާޒީން ލާން ޖެހުނީ ރަތް ޖާޒީލުން މަނާކުރުމުގެ ސަބަބުންނެވެ.

"ޖެހިގެން އުޅޭ މައްސަލަ އަކީ ރަތް ޖާޒީގައި ކަޅުން ނަންބަރު ޖަހާފައި ހުރުން. މީގެ ސަބަބުން ޔޫއޭފާގެ ގަވާއިދުތަކަށް ނުފެތޭ. އެއީ ދުރަށް ނަންބަރުތައް ރަނގަޅަށް ސާފުނުވުން. ހާއްސަކޮށް ސަޕޯޓަރުންނަށް ސާފުކޮށް ނަންބަރުތައް ނުފެންނާތީވެ ރަތް ޖާޒީ ލުން ވަނީ މަނާކޮށްފައި،" ޖަރުމަނުގެ މަޝްހޫރު މީޑިއާތަކުން ބުނެފައި އެވެ.

ބަޔާން އަށް ރަތް ޖާޒީ އަލުން ލެވެން އޮތީ ނަންބަރުތަކުގެ ކުލަ އަލި ކުލައަކަށް ބަދަލުކޮށްގެން ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.

ޖުމުލަ ހަ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ބަޔާން އަށް މި ސީޒަނުގެ މުބާރާތުގައި ނެރެވިފައިވަނީ ވަރަށް އާދައިގެ ނަތީޖާތަކެކެވެ. ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރަށް ދަތުރުކުރެވުނީ ވެސް ކިރިޔަ ކިރިޔާ އެވެ. މިހެންވެ މުބާރާތުގެ ގަދަ 16 އަށް ދިއުމަށް އެ ޓީމަށް ވަނީ ޕްލޭއޯފް ދެ މެޗު ކުޅެން ޖެހިފަ އެވެ. މި ދެ މެޗުގައި ނުކުންނާނީ ސްކޮޓްލޭންޑްގެ ޗެމްޕިއަން ސެލްޓިކާ ދެކޮޅަށެވެ.

ބަޔާންގެ ގިނަ ކުޅުންތެރިން މި މެޗުގެ ކުރިން ބުނެފައިވަނީ ޔޫރަޕުގެ މުބާރާތްތަކުގެ ތެރެއިން އެ މީހުން ވެސް އެންމެ ބޭނުންވާ މުބާރާތަކީ މިއީ ކަމަށެވެ. މިހެންވެ ހުރިހާ ކުޅުންތެރިން ވެސް ތިބީ ތަށި ހޯދުމުގެ އަޒުމުގައި ކަމަށެވެ.