ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންކަމުގެ މަގާމުން އަޙްމަދު ޒުހޫރު ވަކިކޮށް، އެ މަގާމަށް އެ ކޮމިޓީގެ މެންބަރު އަދި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ، ފީފާއިން އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއަށް ބަދަލުތައް ގެނެސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެކަން އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޝުޖާއު ވަނީ "ޕީއެސްއެމް ސްޕޯޓްސް" އަށް ކަށަވަރުކޮށްދެއްވާފައެވެ.
އެގޮތުން މިދިޔަ އަހަރުގެ އޯގަސްޓް މަހު އެކުލަވާލި އެފްއޭމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންގެ މަގާމު ޒުހޫރަށް ގެއްލިވަޑައިގަތީ އެ ކޮމިޓީގެ މެންބަރުންގެ އަދަދު ތިން މެންބަރުންނަށް މަދުކުރުމަށް ފީފާއިން ނިންމުމުންނެވެ.
މީގެ ކުރިން ނޯމަލައިޒޭޝަން ކޮމިޓީގައި ފަސް މެންބަރުން ހިމެނިވަޑައިގެންނެވިއިރު، ޒުހޫރުގެ އިތުރުން އެ ކޮމިޓީން ވަކިކޮށްފައިވަނީ މަގާމުން އިސްތިއުފާދެއްވި ކަމަށް މީޑިއާއިން މައުލޫމާތު އާންމުކުރި މެންބަރު އަޙްމަދު އަލީއެވެ. އެހެންކަމުން ނޯމަލައިޒޭޝަން ކޮމިޓީގައި މިހާރު ތިއްބަވާ ތިން މެންބަރުންނަކީ ޗެއާމަން މުއިއްޒުގެ އިތުރުން ބީއެމްއެލްގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރިފާއި، ގާނޫނީ ވަކީލު އިސްމާޢީލް ސައިމަންއެވެ.
ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް ގެންނަން ފީފާއިން ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހެވެ.
ނޯމަލައިޒިން ކޮމިޓީގެ މެންޑޭޓުތަކުގެ ތެރޭގައި ގިނަ ކަންތައްތަކެއް ހިމެނޭއިރު، އޭގެ ތެރޭގައި އެފްއޭއެމްގެ އިސްވެރިންނާއި އެހެނިހެން ފަރާތްތައް ގުޅިގެން ފީފާ އާއި އޭއެފްސީން ދީފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާނަމަ، އެ ފައިސާ ހޯދުމަށް ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރުމުގެ އިތުރުން އެފްއޭއެމްގެ ހިންގާ ކޮމިޓީއެއް އިންތިޚާބުކޮށް، އައު ގާނޫނީ އޮނިގަނޑެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިއުން ހިމެނެއެވެ.