ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިމާރާތްތަކަށާއި، އާންމު ތަންތަނަށް ފަސޭހައިން ވަދެވޭނެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދޭ "އަހާ"ގެ 4 ވަނަ ފޯރަމްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، އަދިވެސް ބައެއް އިމާރާތްތަކާއި ޕާކުތަކާއި މައިޒާންފަދަ އާންމު ތަންތަން ހަދާފައި ހުންނަ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެތަންތަނަށް ވަދެނިކުތުމުގައި ދަތިތަކަކާ އުނދަގޫތަކެއް އެބަހުރިކަމަށެވެ.
އެފަދަ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ގެނެސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުހިންމު ނިންމެވުންތަކެއް ނިންމަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން އަލަށް އިމާރާތްކުރާ ތަންތަނާއި، ހެދިފައި ހުރި އިމާރާތްތަކަށްވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާއެކު ވަދެވޭނެ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކަމާބެހޭ ފަރާތްތަކަށް މިހާރު އަންގާފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ބަދަލުތައް ގެނައުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ރައީސް ޑރ. މުޢިއްޒު ނިންމަވައި އަންގަވާފައިވަނީ މިހާރު ހަދަމުންދާ ހުރިހާ އިމާރާތެއްވެސް، އަދި ރައްޔިތުން ޒިޔާރަތްކުރާ ޕާކުތައްވެސް ވީލްޗެއަރސް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ވަދެވޭގޮތަށް ޕްލޭންތައް ހެދުމަށް. އަދި ހެދިފައިހުރި ޢިމާރާތްތަކަށްވެސް އެބަދަލު ގެނައުމަށް އަންގަވާފައިވަނީ. އެކަމަށް ކަމާބެހޭ ފަރާތްކާ މަޝްވަރާކޮށް އެބަދަލުތައް ގެންނަމުންދާނަން. މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް އެ ބަދަލު ގެންނަމުންދާނަން." އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް، ވިދާޅުވީ މާލޭ ސަރަޙައްދުގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައި ހުރި އިމާރާތްތަކަށް ވަދެނިކުތުމުގައިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދަތިކަން ދިމާވާކަމުގެ ޝަކުވާ ލިބެމުންދާކަމަށެވެ. މިއީވެސް ބަދަލު ގެންނަން ޖެހޭކަމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން މިކަމަށް ހައްލު ގެންނަވާނެކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް މިހާރަށްވުރެ ބޮޑަށް، ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން ޙިމާޔަތްކޮށް އެމީހުންނަށް ބޭނުންވާ ޚިދުމަތްތައް ކަށަވަރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
މުޖުތަމަޢުގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ އެއްބަޔަކަށް ނުކުޅެދުންތެރިކަން ހުންނަ މީހުންވެފައިވާއިރު، ދައުލަތުގެ އެކި މުއައްސަސާތަކާއި އިދާރާތަކުން ލިބެންޖެހޭ ޚިދުމަތްތައް ހޯދުމުގައި ލުއިފަސޭހަތަކެއް ހޯދާދިނުމަށްޓަކައި ސަރުކާރުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު" އެކުލަވާލާފައިވާއިރު މިހާތަނަށް 13000 އަށްވުރެ ގިނަ ފަރާތުން ވަނީ މިދަފްތަރުގައި ރަޖިސްޓްރީވެފައެވެ.