ޚަބަރު

ބަންކަރިންގެ ވަސީލަތްތައް ގާއިމުނުވެހުރީ ކުރީ ސަރުކާރުތަކުން ދޭންޖެހޭ އަހަމިއްޔަތުކަން ނުދިނުމުން: ވަޒީރު ސަޢީދު


  • އޮފް ޝޯކޮށް ބަންކަރިންގެ ޚިދުމަތް ފަށާފައިވާއިރު ގޮންޖެހުންތައް އެބަހުރި

  • އަވަށްޓެރި ޤައުމުތަކުގައި ހުރިހާ ވަސީލަތްތަކާއެކު ބަންކަރިންގެ ޚިދުމަތް ދަނީ ދެމުން

ރާއްޖޭގައި މިހާތަނަށް ބަންކަރިންގެ ވަސީލަތްތައް ގާއިމުނުވެހުރީ ކުރީ ސަރުކާރުތަކުން އެ ދާއިރާއަށް ދޭންޖެހޭ އަހަމިއްޔަތުކަން ނުދިނުމުގެ ސަބަބުން ކަމަށް އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށްގެންދާ "އަހާ" ފޯރަމުގައި އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތުގެ ސަބަބުން ރާއްޖެއަށް ގެއްލުން ނުވާނެ ކަމަށާއި ވާނީ ފައިދާ ކަމަށެވެ. އޮފް ޝޯކޮށް ރާއްޖޭގައި އެޚިދުމަތް ފެށިތާ ފަސް މަސްދުވަސްވާންދާއިރު އެދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެސްޓީއޯއިން މިހާތަނަށް ދެ ޝިޕްމަންޓެއް ގެނެސްފައިވާއިރު ތިންވަނަ ޝިޕްމަންޓް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ބަންކަރިންއާ ބެހޭ ބިލެއް ފަރުމާކޮށްފައިވާ ކަމަށާއި މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރެވޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި އޮފް ޝޯކޮށް ބަންކަރިންގެ ޚިދުމަތް ފަށާފައިވާއިރު ގޮންޖެހުންތައް ހުރި ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، އަވަށްޓެރި ޤައުމުތަކުގައި ހުރިހާ ވަސީލަތްތަކާއެކު ބަންކަރިންގެ ޚިދުމަތް ދީ، އެ ދާއިރާގައި ކުރިއަރަމުންދާ ކަމަށް ވިދާޅުވިއެވެ. ވާދަވެރި ޤައުމުތަކާ އެއްވަރަށް ވަސީލަތްތައް ޤާއިމުނުކުރެވި ހުރީ ކުރީ ސަރުކާރުތަކުން އެކަމަށް އަހަމިއްޔަތުކަން ނުދިނުމުގެ ސަބަބުން ކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާ އަވައްޓެރި ބައެއް ޤައުމުތަކަކީ އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތް، އޮންޕޯޓް ފެސިލިޓީއާއެކު ފޯރުކޮށްދޭ ފަރާތްތަކެއް. މާނައަކީ ބަނދަރާއި އެއްގަމުގައި ޓޭންކުތައް ހެދިގެން، ސްޓޯރެޖުތައް ހެދިގެން ވަރަށް ފަސޭހަކަމާއެކު ބޯޓުފަހަރުތައް ވަދެގެން އައިސް، މަޑުކޮށްގެން ހަމަޖެހިލައިގެން އެ ޚިދުމަތް ހޯދާ ފަރާތްތައް. އެ ފަރާތްތަކާ ދިވެހިރާއްޖޭން ވާދަކުރަން މިޖެހެނީ. އެތައް ޒަމާނެއްގެ ނެގްލިޖެންސް އިނގޭތޯ،" އިޤްތިޞާދީ ތަރައްގީއާ ބެހޭ ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ ހޯރަފުށީގައި ބަންކަރިންގެ ޚިދުމަތަށް ބޭނުންވާ ސްޓޯރެޖް ފެސިލިޓީ ހެދުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެ ކަމަށެވެ. އަދި ބަނދަރެއް ހަދައި ޓަރމިނަލް ގާއިމުކުރުމުން ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ރާއްޖޭގައި ފުޅާވެގެންދާނެ ކަމަށްވެސް އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.