އިނގިރޭސި ޕްރިމިއަރ ލީގުގައި ނިއުކާސަލް ޔުނައިޓެޑް އަތުން މެންޗެސްޓާ ސިޓީ 4-0 ގެ ނަތީޖާއަކު މޮޅުވި މެޗުގައި ހެޓްރިކް ހެދި އޮމަރު މަރްމޫޝް ލަނޑު ޖަހާނެކަން އޭނާއަށް މާކުރިންވެސް އެނގޭ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ޖެނުއަރީ މަހު ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓަށް 75 މިލިއަން ޕައުންޑް ދިނުމަށްފަހު ސިޓީއަށް ގެނައި މިސްރުގެ 27 އަހަރުގެ ކުޅުންތެރިޔާ ނިއުކާސަލް ކޮޅަށް ޖެހި ލަނޑުތަކަކީ ސިޓީގެ ޖާޒީގައި އޭނާ ލަނޑު ޖަހަން ފަށައިގަތުމެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ މަރްމޫޝް މީގެ ކުރިން ކުޅުނު މެޗުގައި ރަނގަޅު ފުރުސަތުތަކެއް ނަގާލާފައި ނަމަވެސް މި މެޗުގައި ފެނުނީ ތަފާތުކޮށް ކަމަށެވެ.
"އެއްވެސް ޝައްކެތްނެތް އޭނާ އަވަހަށް ވިޔަސް، ފަހުން ވިޔަސް ގޯލު ޖަހާނެކަން އަހަރެންނަށް ޔަގީން. އެކަން ރޭ ފެނިގެން މިދިޔައީ. އަހަރުމެން ކުރިން ކުޅުނު މެޗުގައި އޭނަ އަށް ފުރުސަތުތަކެއް ނަގާލެވުނު. އެކަމަކު ރޭގެ މެޗުގައި އޭނާ މިވަނީ އޭނާ އަކީ ކާކުކަން ސާބިތުކޮށްދީފައި،" ގާޑިއޯލާ ބުންޏެވެ.
ކޯޗު ބުނީ މި މެޗުގައި ހެޓްރިކް ހެދި ނަމަވެސް މަރްމޫޝް އަދިވެސް ކުރިއަރަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"އޭނާ ވަނީ ޖަރުމަނު ލީގުގައި ވަރަށް ވާދަވެރި މެޗުތަކެއް ކުޅެ ގޯލުތަކެއް ޖަހާފައި. ސިޓީ އަށް އޭނާ އައިސް އަދި މި ކުޅުނީ މަދު މެޗުތަކެއް. މި މެޗުގައި ގޯލުތަކެއް ޖެހުނަސް އޭނާ ވެސް ގަބޫލުކުރާނެ ކުރިއަރަން އޭނާ އަދިވެސް މަސައްކަތް ކުރަންޖެހޭކަން. އަހަރެން މިހުރީ އޭނާގެ މަސައްކަތާއި ޖެހި ގޯލުތަކާމެދު ވަރަށް ހިތްހަމަ ޖެހިފައި." ގާޑިއޯލާ ބުންޏެވެ.
މަރްމޫޝް ވަނީ މިހާތަނަށް މިސުރުގެ ގައުމީ ޓީމަށް 35 މެޗު ކުޅެދީ ހަ ލަނޑި ،ޖަހައިދީފަ އެވެ. ކުލަބު ކެރިއަރުގައި ސިޓީ އަކީ އޭނާގެ ހަ ވަނަ ކުލަބެވެ. މީގެ ކުރިން ގިނައިން އުޅުނީ ޖަރުމަނު ލީގުގަ އެވެ.
މި މެޗުގައި ސިޓީގެ އެއްވަނަ ފޯވަޑް އާލިން ހާލަންޑަށް އަނިޔާވެގެން ބާލަން ޖެހުނު ނަމަވެސް ގާޑިއޯލާ ބުނީ ހާސްވާންޖެހޭ ކަމެއްނެތް ކަމަށެވެ.
"ހާލަންޑް ވެއްޓުނު ވަގުތު އެންމެންވެސް ވަރަށް ހާސްވި. އެކަމަކު އިސާހިތަކު އޭނާ ތެދުވެ ހިނގައިގަތުމުން އެއީ ލިބުނު ހިތްހަމަޖެހުމެއް. އޭނާގެ އަނިޔާ ސީރިއަސްއެއްނޫން. އެހެންވީމާ އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" ކޯޗު ބުންޏެވެ.