މީގެ ފަހުން އޭނާ އަށް ރަސްގެފާނު، މި ނަމުން ނޫސްވެރިންނާއި ސަޕޯޓަރުން މުހާބަތް ކޮށްގެން ނުވާނެ ކަމަށް ޕާކިސްތާނުގެ ކުރީގެ ކެޕްޓަން ބާބަރު އަޒަމް ބުނެފި އެވެ.
ނިއުޒީލޭންޑް އަތުން ހުކުރު ދުވަހު ޕާކިސްތާން ބަލިވި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބާބަރް ބުނީ ޓީމުގައި އޭނާގެ ރޯލު ތަފާތުވެފައިވާ ކަމަށެވެ.
"އާދޭސް ކޮށްފައި ބުނަން. އަހަރެންނަށް ރަސްގެފާނު ކިއުން ހުއްޓާލާ. މި ޓީމުގައި ޕްލޭނެއް އެބައޮތް. އަހަރެން ވެސް މިހުރީ އެ ޕްލޭނުގެ ތެރޭގައި. އަހަރެންގެ ރޯލު މިހާރު ޓީމުގައި ތަފާތު. އަހަރެންނަކީ ރަސްގެފާނެއްނޫން. އެހެން ކިއުން ހުއްޓާލާ،" ބާބަރް އަޒަމް ބުންޏެވެ.
ޕާކިސްތާނުގެ ކެޕްޓަންކަން ކުރިން ކުރި ބާބަރް ބުނީ އޭނާ މީގެ ކުރިން ދައްކާފައިވާ ކުޅުމަށް ބަލާފައި އެކި ނަން ނަމުން ކިއުމަކީ އެދޭ ކަމެއްނޫން ކަމަށެވެ. އަދި އަމިއްލަ އަށް ކާމިޔާބު ހޯދުމަށްވުރެ އޭނާ އަބަދުވެސް އިސްކަންދެނީ ޓީމަށް ކާމިޔާބު ހޯދައިދިނުމަށް ކަމަށެވެ.
"އަހަރެން މީގެ ކުރިން ކޮށްފައިވާ ކޮންމެ ކަމަކީ އަހަރެންގެ މާޒީ. ކޮންމެ މެޗަކީ އާ މެޗެއް. މުޅިން އައު ތަޖުރިބާއެއް. އަހަރެން ފޯކަސް ކުރަނީ އަބަދުވެސް މިވަގުތަށް. މާޒީއަކަށްނޫން. އެކަމަށް އަހަރެންނަށް ފުރުސަތު ދިނުމަށް އެދެން،" ބާބަރް އަޒަމް ބުންޏެވެ.
ޕާކިސްތާނާއި މީޑިއާތަކުން އޭނާގެ ކުޅުން ސިފަކުރަނީ ބައެއް ފަހަރު ވަރަށް ދަށްވެފައި އަނެއް ބައި ފަހަރު ވަރަށް މޮޅަށް ކުޅޭ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ބާބަރް އެންމެ ފަހުން ސައްތައެއް ހެދީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު މުލްޓާންގައި ނޭޕާލާ ދެކޮޅަށެވެ. އެ މެޗުގައި އޭނާ ވަނީ 131 ބޯޅައިން 151 ލަނޑު ހަދައިފަ އެވެ.
ބާބަރް އަކީ އެންމެ ފަހުގެ ވޯލްޑްކަޕުގައި ޕާކިސްތާނުގެ ކެޕްޓަނެވެ. ކުޅުންތެރިއެއްގެ އިތުރަށް އޭނާ އަކީ ވިޔަފާރީގެ ވެސް ބޮޑެކެވެ. ހާއްސަކޮށް އޭނާގެ އާއިލާ އަކީ ތަނަވަސް އާއިލާއަކަށްވުމުން ޓީމުގައި އޭނާ އަށް ހާއްސަ ކަމެއް އަބަދުވެސް އޮވެ އެވެ. ސަބަބަކީ ޕާކިސްތާނުގެ ކްރިކްޓް ބޯޑަށް އުނގަދޫ ވަގުތުތަކުގައި ގިނަ ކުޅުންތެރިންނަށް ދަތިވާ ކަންކަން ބާބަރް އަޒަމް އަމިއްލަ އަށް ވެސް އޭނާގެ ކެޕްޓަންކަމުގެ ދުވަސްވަރު ކޮށްފައިވާތީ އެވެ.
މި ފަހަރުގެ ޗެމްޕިއަންސް ޓްރޮފީގައި އޭނާ ލައްވައި ބެޓް ކުރުވާނީ ކޮން އިރަކުތޯ ޕާކިސްތާނުގައި ވެސް ވަނީ ސުވާލު އުފެދިފަ އެވެ. އެއް ބަޔަކު ދެކޭ ގޮތުގައި އޯޕަނިން ބެޓްސްމަނަކަށްވުރެ މޮޅަށް އޭނާ ކުޅެނީ ތިނެއް ނުވަތަ ހަތަރު ވަނަ އަށް ކުޅެން ނެރުމުންނެވެ.
މި މަހުގެ 19 އިން އަންނަ މާޗު މަހުގެ 9 އަށް ޕާކިސްތާނުގައި ބާއްވާ މުބާރާތުގައި ކުޅޭނީ އަށް ގައުމެވެ. ގްރޫޕް އޭ ގައި ހިމެނެނީ އިންޑިޔާ އާއި މުބާރާތް ބާއްވާ ޕާކިސްތާނާއި ބަނގްލަދޭޝް އާއި ނިއުޒީލޭންޑެވެ. ގްރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިޔާ އާއި ދެކުނު އެފްރިކާ އާއި އަފްގާނިސްތާނާއި އިންގްލޭންޑެވެ.
ޕާކިސްތާނުން މުބާރާތް ފަށާނީ ކަރާޗީގެ ނެޝަނަލް ބޭންކް ސްޓޭޑިއަމުގައި މި މަހުގެ 19 ވަނަ ދުވަހު ނިއުޒީލޭންޑާ ދެކޮޅަށް ކުޅޭ މެޗުންނެވެ. މި މެޗަށް ފަހު ޕާކިސްތާން ދަތުރުކުރާނީ މި މަހުގެ 23 ވަނަ ދުވަހު ޑުބާއީ އަށެވެ. އެއީ އެންމެ ވާދަވެރި އިންޑިޔާއާ ދެކޮޅަށް ކުޅޭށެވެ. މި މުބާރާތުގައި އިންޑިޔާގެ މެޗުތައް ޑުބާއީގައި ކުޅެނީ އެ ގައުމުގެ ޓީމު ޕާކިސްތާނަށް އައުމަށް އިންޑިޔާ ސަރުކާރުން ހުއްދަ ނުދޭތީ އެވެ. ޕާކިސްތާން ގްރޫޕުގެ ފަހު މެޗުގައި ނުކުންނާނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ރާވަލްޕިންޑީގައި ބަނގްލަދޭޝްއާ ދެކޮޅަށެވެ.